ކުޅުންތެރިޔަކު މަދުކޮށް ޔޫވީ އަތުން މޮޅުވެ، ވެލެންސިއާ ލީގުގެ ތިންވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވެ، ކްލަބު ވެލެންސިއާ ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީގެ މައްޗަށް ވެލެންސިއާ ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ދިހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ ތިން ވަނައަށް ވެލެންސިއާ ޖެހިލި އިރު، ކުޅުނު ދިހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ޔޫވީ ވަނީ ލީގުގެ ހަ ވަނައަށް ވެއްޓިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު ދިހަ މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ދިހަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ފެށިތާ މިނެޓެއް ނުވަނީސް ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިލްވާން (ރިލޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހަސަން އަދުހަމް އުފެއްދި ހަމަލާއެއް ޔޫވީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ލިބުނު ރީބައުންސް ބޯޅައިންނެވެ.

އެ ލަނޑަށްފަހު ޔޫވީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި އެވެ. އެގޮތުން ޔޫވީގެ އިބްރާހިމް ޝަފްރާޒް އަށް ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭނާ އުފެއްދި ފުރަތަމަ ހަމަލާ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ޗިޒީ ކަކާ ޗިންޑާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވެލެންސިއާ އަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަކްރަމް އަބްދުލް ޣަނީ (އަކޫ) ނަގައިދިން ހުރަހަކުން އަންހެލް ކަރެސްކޯސާ މުނޯޒް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޔޫވީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ހުސައިން ޝިމާޒް (ކޮކީ) އުފެއްދި ހަމަލާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 69 ވަނަ މިނެޓުގައި ހިތްހަމަނުޖެހުން ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވަނީ ދައްކައިފަ އެވެ. އެހެންކަމުން މެޗުގެ ބާކީބައި ވެލެންސިއާ އިން ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ކުޑައްޓޭ އަށް ރަތް ކާޑު ދެއްކިތާ ތިން މިނެޓު ފަހުން ވެލެންސިއާ އިން ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އަންހެލް ކަރެސްކޯސާ މުނޯޒް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހިލޭ ޖެހުމަކުން އަކޫ ފޮނުވާލި ހަމަލާ، ޔޫވީގެ ކީޕަރު މަހްމޫދު އަލީ ޔޫސުފް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެލެންސިއާ އަށް އިތުރަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރިލޭ އަށް ލިބުނު ބޯޅަ ހިފައިގެން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ އުފެއްދި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މަހްމޫދެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް