ރާއްޖޭގައި ބާއްވާ ފުރަތަމަ ވެކޭޝަން އެކްސްޕޯ ފަށައިފި

ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ "ވެކޭޝަން އެކްސްޕޯ" މިއަދު ނެޝަނަލް އާޓް ގެލަރީގައި ފަށައިފި އެވެ.

މިހާތަނަށް އެފަދަ ގިނަ އިވެންޓްތަކެއް އޯގަނައިޒް ކޮށްފައިވާ ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ އެ އެކްސްޕޯއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްތައް ދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އާޓް ގެލަރީގައި މިއަދު ފެށި އެކްސްޕޯގައި ޖުމްލަ 34 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންޓުންނާއި ޑައިވިން ހިދުމަތްދޭ ފަރާތްތަކާއި އެއާލައިންތަކާއި ވޯޓާ ސްޕޯޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ފަދަ ފަރާތްތައް ހިމެނެ އެވެ. އެ އެކްސްޕޯގެ ތެރެއިން އެފަދަ ފަރާތްތަކުގެ ހިދުމަތްތަކާއި އަގުތަކުގެ މައުލޫމާތުތައް ވެސް ލިބޭނެ އެވެ.

މިއަދު މެންދުރު ފަހު އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވެކޭޝަން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެފަދަ މަސައްކަތްތަކަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިހާރަށްވުރެ ވެސް ކުރިއެރުވުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް ޓޫރިޒަމް ސެކްޓާ ރާއްޖޭގައި ވަރަށް ބާރަށް ފިޔަޖަހާ ކަމަށާއި ރާއްޖެއަކީ ލަގްޒަރީ ބްރޭންޑެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ހައިރައިޒްގެ މާކެޓިން އަދި ޕީއާރު ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ހައިރައިޒް އަކީ މިހާތަނަށް ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ވެސް ރާއްޖޭގެ ގިނަ އިވެންޓްތަކެއް ކާމިޔާބުކަމާ އެކު އިންތިޒާމުކޮށްފައިވާ ފަރާތެއް ކަމަށެވެ. އެގޮތުން އާ ކަންކަން ރާއްޖެއަށް ތައާރަފްކުރުމުގެ ތެރެއިން މިއަދު ފެށި ވެކޭޝަން އެކްސްޕޯއާ އެކު ހައިރައިޒް އިން އާ ހަރުފަތަކަށް ޖެހިލާފައިވާ ކަމަށް އިސްމާއިލް ހަމީދު ވިދާޅުވި އެވެ.

ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެކްސްޕޯ ކުރިއަށްދާނީ މިމަހު ފަހެއް ހައެއް އަދި ހަތްވަނަ ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުވާފައި ހުންނަ އިރު، އެހެން ދުވަސްތަކުގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

އެކްސްޕޯ އަށް ވަނުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ އިރު، ކޮންމެ ރެއަކުވެސް ލަކީޑްރޯތައް ނަގައި ނަސީބުވެރި ފަރާތްތަކެއް ހޮވާނެ އެވެ. އެ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް، ބައެއް ރިސޯޓްތަކަށް ފަދަ ތަންތަނަށް ހިލޭ ދަތުރުކޮށްލުން ލިބޭނެ ކަމަށް ހައިރައިޒް އިން ބުންޏެވެ.

comment ކޮމެންޓް