ރޫނީގެ ޓެސްޓިމޯނިއަލް މެޗުގައި އެވަޓަން އަތުން އެއްވަރުވިޔަސް އޭނާ ހިތްހަމަޖެހިފައި

ރޫނީގެ ޓެސްޓިމޯނިއަލް މެޗުގައި އޭނާގެ ހަގު ދަރި ކިޓް ޖޯސެފްއާ އެކު: ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޮލި ސްކާފް

މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ދިގު މުއްދަތު ފަހަގަކުރުމަށް ވޭން ރޫނީގެ ކުރީގެ ކްލަބު އެވަޓަންއާ ދެކޮޅަށް ކުޅުނު އޭނާގެ ޓެސްޓިމޯނިއަލް މެޗުން އެއްވަރުވިޔަސް، ހިތްހަމަޖެހިފައިވާ ކަމަށް ރޫނީ ބުނެފިއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑްގައި ރޭ އެވަޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެވަޓަން ދޫކޮށް ޔުނައިޓެޑާ ރޫނީ ގުޅުނުތާ މިހާރު 12 އަހަރު ވެއްޖެއެވެ.

"އަހަރެމެން ސީޒަނަށް ތައްޔާރުވުމަށް ވެސް މެޗު ވަރަށް މުހިއްމު. އެކަމަކު އަހަރެންނަށް މި މެޗަކީ ހަނދާނުން ފިލައިގެންދާނެ މެޗެއް ނޫން. ދަރިންނާއެކު ދަނޑުމަތީގައި ހިނގި ވަގުތުކޮޅަކީ އަހަރެންނަށް ހާއްސަ ވަގުތުކޮޅެއް. އަދި އަހަރެންގެ އެއް ދަރިޔަކު ޓީމުގެ ބެންޗުގައި އިނުމަކީ ވެސް ހަނދާނުން ފިލައިގެންދާނެ ކަމެއް ނޫން،" ބީޓީ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުންޏެވެ.

އުމުރުން 30 އަހަރުގެ ފޯވަޑް ބުނީ، މެޗުގެ މައިގަނޑު މަގްސަދަކީ ޓިކެޓުން ޗެރިޓީ އަށް ފައިސާ ހޯދުން ކަމަށާއި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ކުޑަކުދިންގެ ހަޔާތް ބަދަލުވެގެންދާނެ ކަމަށް ވެސް ރޫނީ ބުންޏެވެ.

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ޔުނައިޓެޑާ އަލަށް ގުޅުނު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަށް ވެސް ފުރަތަމަ 11 އިން މޮރީނިއޯ ޖާގަ ދީފައިވެއެވެ.

comment ކޮމެންޓް