ބެލްޖިއަމްގެ ކޯޗަކަށް މާޓިނޭޒް ހަމަޖައްސައިފި

ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި ރޮބާޓޯ މާޓިނޭޒް -- ފޮޓޯ: ޕީއޭ

ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެވަޓަންގެ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.

ސްޕެއިން އަށް އުފަން މާޓިނޭޒް އެވަޓަންގެ ކޯޗުކަމުން މިދިޔަ މެއި މަހު ވަކިކޮށްފައިވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުންނެވެ.

ބެލްޖިއަމްގެ ކޯޗުކަމުގެ މަގާމަށް މާޓިނޭޒް ހަމަޖެއްސިކަން ބެލްޖިއަން ފުޓްބޯލް އެސޯސިއޭޝަނުން ކަށަވަރުކޮށްދީފައިވާ އިރު، ކުރިން އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރީ މާކް ވިލްމޮޓްސް އެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ މި އަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވޭލްސް އަތުން 3-1 ލަނޑުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުގެ ސަބަބުންނެވެ.

މާޓިނޭޒްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ބެލްޖިއަމް ޓީމު ވޯލްޑް ކަޕް 2018 އަށް ކޮލިފައިކޮށްދިނުމެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް އޮތީ ބޮސްނިއާ-ހެޒެގޮވީނާ އާއި ގްރީސް އާއި އެސްޓޯނިއާ އާއި ސައިޕްރަސް އަދި ގިލްބްރެލްޓާއާ އެއް ގްރޫޕެއްގައެވެ.

comment ކޮމެންޓް