ބަޔާން އަތުން ރެއާލް މޮޅުވި އިރު، މިލާން އަތުން ޗެލްސީއަށް މޮޅެއް

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ބަޔާން ކޮޅަށް ލަނޑު ޖެހުމަށްފަހު، ރެއާލްގެ ޑެނީލޯ(މ) އުފާފާޅުކުރަނީ: އެ މެޗުން ރެއާލް މޮޅުވީ 1-0 ލަނޑުން ---

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި އިއްޔެ ކުޅުނު މެޗުތަކުން ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ޗެލްސީ މޮޅުވެއްޖެ އެވެ.

އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކް އަތުން 1-0 ލަނޑުން ސްޕެއިންގެ ރެއާލް މޮޅުވި އިރު، އިޓަލީގެ އޭސީ މިލާން އަތުން 3-1 ލަނޑުން ޗެލްސީ ވަނީ މޮޅުވެފަ އެވެ.

އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އިން ގިނަ ކުޅުންތެރިންތަކަށް ފުރުސަތުދީފައިވެ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން ޓީމަށް ކުޅުނު ކުޅުންތެރިއެއް ބަޔާނުން ފެނިފައި ނުވާ އިރު، ރެއާލް އިން ވެސް އެ ޓީމު އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭލްސް ތަރި ގެރެތު ބޭލް ފެނިފައެއް ނުވެ އެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިލާން ކޮޅަށް ލަނޑު ޖެހުމަށްފަހު، ޗެލްސީގެ އޮސްކާ(ވ): މިލާން އަތުން 3-1 ލަނޑުން ޗެލްސީ މޮޅުވި އެ މެޗުގައި އޮސްކާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ ---

އޭސީ މިލާނާއި ޗެލްސީ ބައްދަލުކުރި މެޗުގައި ދެ ޓީމުން ވެސް މުހިއްމު ކުޅުންތެރިންތަކެއް ބޭނުންކޮށްފައިވެ އެވެ. އެ މެޗުގެ ދެވަނަ ހާފުގައި ލެސްޓާ އިން ޗެލްސީއާ އަލަށް ގުޅުނު ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވެސް ފެނިގެންދިޔަ އެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ބާޓްރަންޑް ޓްރައޯރޭ ޗެލްސީ އަށް ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖިއަކޯމާ ބޮނަވެންޗޫރާ އެވެ. މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ. އޭނާ އެ ލަނޑުތައް ކާމިޔާބުކުރީ މެޗުގެ 70 އަދި 87 ވަނަ މިނެޓުގައެވެ.

comment ކޮމެންޓް