އެމްއެޗް370 ކަނޑަށް ވައްޓާލާފައި ވަނީ ގަސްތުގައި: މާހިރުން

މިދިޔަ އަަހަރު ފެނުނު އެމްއެޗް370ގެ ފިޔަގަނޑުގެ ބައެއް -- ފޮޓޯ: އޭޕީ

ކެންބެރާ (އޮގަސްޓް 1): ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ކަނޑަށް ވައްޓާލާފައި ވަނީ ގަސްތުގައި ކަމަށް ކަމާ ބެހޭ މާހިރަކު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ލެރީ ވާންސް ވަނީ ބޯޓުގެ ފިޔަގަނޑުން ފެނިފައިވާ ބައިތަކުގެ ފޮޓޯއިން ބޯޓު ވެއްޓުނު އިރު ބޯޓު އޮތީ ކޮންމެވެސް މީހެއްގެ ކޮންޓުރޯލުގައި ކަން ދޭހަވާ ކަމަށް ވިދާޅުވެފަ އެވެ.

"ފްލައިޓް ވެއްޓުނު އިރު ކޮންމެވެސް މީހަކު ދިޔައީ ބޯޓު ކޮންޓްރޯލް ކުރަމުން ކޮންމެވެސް މީހަކު ވަނީ ކަނޑަށް ބޯޓު ވައްޓާލާފަ،" ވާންސް ވިދާޅުވި އެވެ.

އަދި ބޯޓުގެ ބައިތައް ފެންމަތިން ފެނިފައި ނުވަނީ ބޯޓު އެންމެ ފަހުވަގުތުވެސް ކޮންޓްރޯލްކޮށްފައި ވުމުން ކަމަށް ވާންސް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯގެ އިންވެސްޓިގޭޓަރެއް ކަމަށްވާ ޕީޓާ ފޯލޭ ވެސް ވަނީ އެގޮތަށް ގަބޫލު ކުރެވެން ކޮންމެވެސް ވަރަކަށް ހުރި ކަމަށާއި އިތުރު ހެކި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ބޯއިން 777 މަރުކާގެ ބޯޓު ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާރިޗް މަހު ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާ އެއްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ. ބޯޓު ހޯދަމުންދާ މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ވަނީ މިހާރު ހޯދަމުންދާ ސަރަހައްދު ބަލާ ނިމުމުން ބޯޓު ހޯދުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް