މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓް ވިއުގަ އަކުން ގުޅާލުމުގެ ބިޔަ މަޝްރޫއު އިފްތިތާހު ކޮށްފި

މާލެ، ހުޅުމާލެ އަދި ހުޅުލޭ ކަރަންޓް ވިއުގަ އަކުން ގުޅާލުމަށް ހިންގާ ބިޔަ މަޝްރޫއު އިފްތިތާހްކުރުމުގެ ގޮތުން ރައީސް ޔާމީން ބިންގާ އަޅުއްވައިދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިރަށް މާލެއާ ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ ވިއުގަ އަކުން ގުޅައިލުމުގެ ބިޔަ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް އިފްތިތާހްކޮށްދެއްވައިފި އެވެ.

ރާއްޖޭގައި ހަކަތަ ފޯރުކޮށްދިނުމަށް މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓުގެ މަސައްކަތް ރައީސް އިފްތިތާހްކޮށްދެއްވާ ބިންގާ އަޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސްޓެލްކޯގެ އެމްޑީ ޗައިނާ ސަރުކާރުގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކޮށްގެން "ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ 100 ޕަސެންޓް ލޯން އެހީގައި ކުރިއަށްގެންދާ މަޝްރޫ އެކެވެ.

އެ މަޝްރޫއަށް މުޅި އަކު 104 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާއިރު، ޚަރަދުވާ ފައިސާގެ ތެރެއިން 76 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ދީފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ. ލޯންގެ ބާކީ ދީފައިވަނީ މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ހުޅުމާލޭގައި ގާއިމްކުރާ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ އިންޖީނުގެއެއް ގާއިމްކުރާނެ އެވެ. އޭގެ އިތުރުން 2400 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި ފެން އުފައްދާ ނިޒާމެއް ވެސް ގާއިމްކުރާނެ އެވެ.

މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ ޒަރީއާއިން މާލެ އާއި ހުޅުމާލޭގެ ކަރަންޓް ވިއުގައަކުން ގުޅާލެވޭނެ އެވެ.

އެގޮތުން މަޝްރޫއުގެ ދަށުން ގާއިމްކުރާ 50 މެގަވޯޓާއި މާލޭގައި މިހާރު ގާއިމްކޮށްފައިވާ 44 މެގަ ވޯޓްގެ ކަރަންޓުގެ ޕަވާ ސްޓޭޝަން ގުޅާލެވޭއިރު، އެ ދެ ޕަވާ ސްޓޭޝަންއާއެކު މާލެ އާއި ހުޅުމާލެ އަދި ހުޅުލެ އަށް ފަސޭހަކަމާއެކު ކަރަންޓް ދެވޭނެ އެވެ.

comment ކޮމެންޓް