400 އަށްވުރެ ގިނަ ރޮބޮޓާއެކު މާކެޓުގެ އެންމެ ކުރީގައި ޗައިނާ

މިއަހަރުގެ ތެރޭގައި ޗައިނާއިން އުފައްދާ ހިއުމަނޮއިޑް ރޮބޮޓްގެ އަދަދު 100،000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރޭ --

ހިއުމަނޮއިޑް ނުވަތަ އިންސާނުންނާ ވައްތަރުގެ ރޮބޮޓް އުފެއްދުމުގެ ދާއިރާއިން 400 އަށްވުރެ ގިނަ ފުރިހަމަ ރޮބޮޓް އުފައްދައި، ދުނިޔޭގެ މާކެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ހިއްސާއެއް ޗައިނާއިން ހޯދައިފިއެވެ. ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މިއީ ރޮބޮޓިކްސްގެ ދާއިރާއިން އެގައުމުން ހޯދަމުންދާ ހަލުވި ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ވިކިފައިވާ ހަތަރު ފައިގާ ހިނގާ (ކުއަޑްރަޕެޑް) ރޮބޮޓްތަކުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ވެސް ޗައިނާއިން އުފައްދާފައިވާ ރޮބޮޓްތަކެވެ.

ޗައިނާގެ މި ކުރިއެރުންތައް މިހާރު ޝަންހާއީގައި ކުރިއަށްދާ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް" (ޑަބްލިއުއޭއައިސީ 2026) ގައި ވެސް ވަނީ ވަރަށް ބޮޑަށް ދައްކާލާފައެވެ. މި ކޮންފަރެންސްގެ ތެރެއިން އިންޑަސްޓްރީތަކުގައާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެންމެ ފަހުގެ ހިއުމަނޮއިޑް ރޮބޮޓްތައް ދައްކާލާފައިވާއިރު، މިއަހަރުގެ ތެރޭގައި ޗައިނާއިން އުފައްދާ ހިއުމަނޮއިޑް ރޮބޮޓްގެ އަދަދު 100،000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

https://sun.mv/224788

​މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީޑިން އޭއައި އަދި ރޮބޮޓިކްސް ކުންފުނިތައް ބައިވެރިވެފައިވާއިރު، އިންސާނުންގެ އެހީތެރިކަމާ ނުލާ އަމިއްލައަށް ކަންކަން ދަސްކޮށް، ގުދުރަތީ ބަހުން މުއާމަލާތުކުރާ "އެމްބޮޑިޑް އޭއައި" ނުވަތަ ވިސްނުން ހުންނަ ރޮބޮޓްތަކުގެ އާ މޮޑެލްތައް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން ފެކްޓްރީތަކުގެ އެސެމްބްލީ ލައިންތަކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ލިބިފައިވާ ހިއުމަނޮއިޑް ރޮބޮޓްތަކުގެ ޑެމޮންސްޓްރޭޝަންތައް ވެސް މި ހަރަކާތުގެ ތެރެއިން ދަނީ ދައްކާލަމުންނެވެ.

މި ދާއިރާއިން ޗައިނާއިން ހޯދަމުންދާ ހަލުވި ކުރިއެރުމަކީ އެގައުމުގެ ސަރުކާރުން "ނިއު ކޮލިޓީ ޕްރޮޑަކްޓިވް ފޯސަސް" ތަރައްގީކުރުމަށް ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން ލިބެމުންދާ ކާމިޔާބީއެކެވެ. ޗައިނާގެ ސިނާއީ ވުޒާރާއިން މީގެ ކުރިން އެކުލަވާލާފައިވާ ޕްލޭންތަކުގައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު އެގައުމުން ވަނީ ހިއުމަނޮއިޑް ރޮބޮޓް ގިނަ އަދަދަކަށް އުފެއްދުމުގެ އަސާސީ ޓެކްނޮލޮޖީތައް ކާމިޔާބުކަމާއެކު ގާއިމުކޮށްފައެވެ. އަދި އަމާޒަކީ 2027 ގެ ނިޔަލަށް ދުނިޔޭގެ ރޮބޮޓިކްސް ސަޕްލައި ޗެއިންގެ އެންމެ ކުރީގައި ޗައިނާ ދެމިއޮވެ، އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކަށް މި ރޮބޮޓްތައް ފުރިހަމައަށް ބޭނުންކުރަން ފެށުމެވެ.

comment ކޮމެންޓް