ޗައިނާގެ އެންމެ ޝަރަފުވެރި އެއް އަދަބީ އިނާމު ކަމަށްވާ 'ލޫ ޝުން ލިޓަރަރީ ޕްރައިޒް'، އެ ގައުމުގައި ކާބޯތަކެތި ޑެލިވަރީކުރުމުގެ މަސައްކަތްކުރާ މީހަކަށް ލިބިއްޖެއެވެ.
އުމުރުން 56 އަހަރުގެ ވަންގް ޖީބިންއަށް މި އިނާމު ލިބުނީ އޭނާ ލިޔެފައިވާ 'ލޯ ފްލައިޓް' ނަމަކަށް ކިޔާ ޅެންފޮތަށެވެ. މިއީ ޑެލިވަރީކުރާ މީހުންނަށް އާންމުކޮށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް އޭނާ ލިޔެފައިވާ ޅެންތަކެކެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ޑެލިވަރީކުރުމުގެ މަސައްކަތްކުރަމުން އަންނަ ވަންގް ވަނީ، މަސައްކަތުގެ ހުސްވަގުތުތަކުގައި ކަރުދާސްކޮޅުތަކުގައާއި އަތްތިލައިގައި 6،000 އަށްވުރެ ގިނަ ޅެން ލިޔެފައެވެ. އޭނާގެ ޅެންތަކަށް ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، 2022 ވަނަ އަހަރު އޭނާ ލިޔުނު 'މޭން އިން އަ ހަރީ' ނަމަކަށް ކިޔާ ޅެން ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ކަމަށްވާ 'ގްލޯބަލް ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި ވަންގް ބުނި ގޮތުގައި، އިނާމަށް ނޮމިނޭޓްވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނަމަވެސް ނަތީޖާ އިއުލާނުކުރުމާއެކު ހިތްހަމަޖެހުން ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ. އަދި މީޑިއާގެ ސަމާލުކަން ލިބުމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އިނާމު ލިބުނު ނަމަވެސް، އުމުރުން 60 އަހަރު ވަންދެން ޑެލިވަރީކުރުމުގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ވަންގް ބުންޏެވެ. އޭނާ ބުނި ގޮތުގައި މާލީ ގޮތުން އެ މަސައްކަތް ކުރަން މަޖުބޫރު ނޫން ނަމަވެސް، އެއީ އޭނާ ގަޔާވާ އަދި ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
ލޫ ޝުން ލިޓަރަރީ ޕްރައިޒަކީ ޗައިނާގެ ޒަމާނީ އަދަބިއްޔާތުގެ ބައްޕަ ކަމަށް ބެލެވޭ ލޫ ޝުންގެ ހަނދާނުގައި ދޭ އިނާމެކެވެ. ރަސްމީކޮށް އިއުލާނުނުކުރި ނަމަވެސް، 2014 ވަނަ އަހަރުގެ ނިޔަލަށް މި އިނާމާއެކު 100،000 ޗައިނީޒް ޔުއާން (ގާތްގަނޑަކަށް 14،800 އެމެރިކާ ޑޮލަރު) ދީފައިވެއެވެ. ފަހަކަށް އައިސް ޗައިނާގައި އާދައިގެ މަސައްކަތްތެރިން ލިޔާ އަދަބީ ލިޔުންތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.