އިދިކޮޅު އިއްތިހާދުން ބޭއްވި ސައިފޮދު ފުލުހުން ހުއްޓުވައިފި

ޖުލައި 29، 2016: އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ސައިފޮދަށް ފުލުހުން ހުރަސް އެޅުން: ފުލުހުން ވަނީ އެކަމުގައި ބޭނުން ކުރަމުން ދިޔަ މޭޒުތައް ގެންގޮސްފައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ސައިފޮދަށް ހުރަސްއަޅައި، އެކަމަށް ބޭނުންކުރަމުންދިޔަ މޭޒުތައް ފުލުހުން ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު ސައިފޮދަށް ހުރަސްއެޅީ މަގުމަތީގައި ދުއްވާ އެއްޗިއްސަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް އަމަލުކޮށްފައިވާތީ ކަމަށެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި ސައިފޮދު ބޭއްވުމުން ދުއްވާ އެއްޗިއްސަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާތީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް ފުލުހުން އެނގުމުން ވެސް އެ އެންގުމަށް ތަބާވެފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ސަރަހައްދުން ބައެއް މީހުން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ މަންޒަރު ވެސް ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިފޮދު ބޭއްވި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.

މިކަމާ ބެހޭގޮތުން އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސަން އަށް ވިދާޅުވީ ސައިފިޮށު ބޭއްވީ އެމްޑީޕީ ހަރުގެ ކުރިމަތީ ޕޭމަންޓު މަތީގައި ކަމަށާއި އެކަމުގެ ސަބަބުން މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށެވެ.

ޖުލައި 29، 2016: އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ސައިފޮދަށް ފުލުހުން ހުރަސް އެޅުން: ފުލުހުން ވަނީ އެކަމުގައި ބޭނުން ކުރަމުން ދިޔަ މޭޒުތައް ގެންގޮސްފައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ ފުލުހުން ސައިފޮދު ހުއްޓުވާފައި ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. ޕެޕަސްޕްރޭ ޖަހަންޖެހޭ ހާލަތަކަށް ނުދަނީސް ބައެއް މީހުންގެ ގަޔަަށް ޕެޕަސްޕްރޭ ޖަހާފައިވާ ކަމަށާއި އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ފުލުހުން ޕެޕަސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެތޭގައި ރާއްޖެ ޓީވީގެ ޖާނަލިސްޓު އަބްދުﷲ ނަސީރު އިބްރާހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

އަލީ ޒާހިރު ވިދާޅުވީ ފުލުހުން ސައިފޮދު ހުއްޓުވީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެގެން ކަމަށާއި އެފަދަ އަމުރުތަކަށް ތަބާނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

comment ކޮމެންޓް