މީހުންގެ އަބުރަށާއި އިއްޒަތަށް އަރައިގަތުމަކީ ﷲ ލޯބިވެވޮޑިގެންވާކަމެއް ނޫން: ޚުތުބާ

ނަމާދަށް މީހުން މިސްކިތް ދޮށަށް ޖަމާވެފައި: މީހުންގެ އަބުރަށާއި އިއްޒަތަށް އަރައިނުގަތުމަށް ޚުތުބާގައި ނަސޭހަތްތެރިވި --- ފައިލް ފޮޓޯ

މީހުންގެ އަބުރަށާއި އިއްޒަތަށް އަރައިގަތުމަކީ މާތް ﷲ ލޯބިވެވޮޑިގެންވާކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް މިއަދު ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

މިއަދުގެ ޚުތުބާގައި ބުނެފައި ވަނީ އިންސާނުންނަށް ގޯނާ ނުކުރުމަށާއި ނަފްސުގެ ގޯނާއެއް ވިޔަސް އެމީހުންގެ މުދަލަކަށް އަރައިގަތުމަކުން ވިޔަސް ނުވަތަ އެމީހުންގެ މުދަލަކަށް އަރައިގަތުމަކުން ވިޔަސް އެމީހުންގެ އަބުރަށާއި އިއްޒަތަށް އަރައިގަތުން ކަމުގައި ވިޔަސް، އިންސާނާއަށް އަދާވާތްތެރި ނުވުމަށެވެ. އަދި އެފަދަ ކަންކަމަކީ ﷲ ލޯބިވެވޮޑިގެންނުވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ޤުރުއާނުގެ އާޔަތަކަށް ނިސްބަތްކޮށް ޚުތުބާގައި ބުނީ، ތިބާއަށް އަނިޔާއެއް ކޮށްފައިވާ މީހަކަށް ތިބާ މާފު ދިނުމުން އޭނާ އިސްލާހުވެ ރަނގަޅުވާނެ ކަމަށް ތިބާއަށް ހީވާނަމަ ތިބާ އެމީހަކކަށް މާފު ކުރުމަށް ﷲ އަންގަވާ ކަމަށެވެ. އަދި ތިބާއަށް އިންސާފުން ހައްގުވާ މިންވަރަކުން ވިޔަސް ބަދަލު ނުހިފުމަށާއި އޭރުން ﷲ އެކަމަށް ޘަވާބު ދެއްވާނެ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ މާތް ﷲ އިންސާނުންނަށް، ހަމައެކަނި އެކަލާނގެއަށް އަޅުކަން ހާލިސްކުރަން އެންގެވީ އެ އިންސާނާގެ ހުރިހާކަމެއް އެކަލާނގެ ކުޅަދުންވަންތަކަމުގެ ބާރުގެ ދަށުގައި ވާތީ ކަމަށެވެ. އަދި އެކަލާނގެއަށް އަޅުކަން ކުރުމުން އަޅުތަކުން ހިތްހަމަޖެހޭނެތީ ކަމަށެވެ.

"އިންސާނާގެ ހަޔާތާއި މަރު ވަނީ އެކަލާނގެ ގުދުރަތްފުޅުގެ ދަށުގަ އެވެ،. އަދި އޭނާގެ ރިޒުގާއި ބާއްޖަވެރިކަނމާއި އަނބިދަރީން ވެސް ވަނީ އެކަލާނގެ ގުދުރަތްފުޅުގެ ދަށުގަ އެވެ. އެކަލާނގެއާ އެހެން ފަރާތެއް ބައިވެރި ކުރުމަކީ އަނިޔާވެރި ވުމެކެވެ. އިންސާނުންގެ އެންމެހާ ބޭނުންތަކަށް އެދި ދަންނަވަންޖެހޭ ފަރާތަކީ ﷲ އެވެ،" މިއަދުގެ ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ވަނީ އިސްރާފު ނުކުރުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން އިސްރާފު ކުރުމަކީ ހަމައެކަނި ފައިސާ އާއި މުދަލުން އިސްރާފު ކުރުން ނޫން ކަމަށާއި އިސްރާފު ކުރުމުގެ ތެރޭގައި ތިމާއަށް ލިބިފައިވާ ވަގުތު ބޭކާރުގޮތުގައި ހޭދަކުރުން ވެސް ހިމެނޭކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން ދީނީ ވާޖިބުތަކުގެ ވަގުތާއި، މަސައްކަތް ކުރާ އޮފީހުގައި މަސައްކަތްތައް ބަހައްޓާފައި އެހެނިހެން ކަންކަމުގައި ވަގުތު ބޭކާރުކޮށްލުމާއި ހިދުމަތް ހޯދަން އަންނަ މީހުންނަށް ހިދުމަތް ނުދީ ފަރުވާކުޑަކޮށްލުން ފަދަ ކަންކަމަކީ ވެސް އިސްރާފު ކުރުން ކަމަށާއި އެފަދަ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް