އަންނަ ހަފްތާގެ އާދީއްދަ ދުވަސް (31 ޖުލައި) އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި އޮތް ނަމަވެސް، އެ ދުވަހު ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނެފި އެވެ.
މިނިވަން ދުވަހުގެ ހެވިކަމުގެ ހަރަކާތްތަކުގައި ސްކޫލްތަކުގެ ގިނަ ދަރިވަރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެ، އެ ހަރަކާތްތައް ޖުލައި 30 ވަނަ ދުވަހުގެ ރޭ ނިމޭ ގޮތަށް އޮތުމާ ގުޅިގެން ޖުލައި 31 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިކަން ރައީސް އޮފީހުން އަންގާފައި ވަނީ މިއަދު އެވެ.
ނަމަވެސް އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އޮތީރިޓީއާއި، ބޭންކުތަކާއި އަދި އެ އޮތޯރިޓީއިން ރެގިއުލޭޓު ކުރާ މާލީ އިދާރާތައް އާދީއްތަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.
އާދީއްތަ ދުވަހު މަރުކަޒީ ބޭންކު އެމްއެމްއޭގެ ބޭންކިން ޚިދުމަތް ހެނދުނު 8:30 އިން މެންދުރު 2:00 އަށް ލިބޭ ގޮތަށް ހަމަޖެހިފައިވާ އިރު، ހެނދުނު 8:30 އިން މެންދުރުފަހު 3:00 އާ ހަމައަށް އެ އޮތޯރިޓީއިން ސިޓީއާއި ތަކެތި ބަލައިގަންނަމުން ދާނެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މި އަހަރު ޖުލައި 26 އިން ފެށިގެން ހަ ދުވަހުގެ ޗުއްޓީއެއް ދީފައި ވެ އެވެ.
މިނިވަން ދުވަހުގެ ޗުއްޓީއަށް ފަހު ސަރުކާރު ދެން ހުޅުވޭނީ އޯގަސްޓް އެކެއް ވާ ހޯމް ދުވަހުގަ އެވެ.