ޓޫރިސްޓު ވިސާގައި ރާއްޖޭގައި ނޫސްވެރިކަން ކުރި ދެ މީހަކު ފުލުހަށް!

އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކުރިއަށްދާ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށުން ފުލުސް އޮފީހަށް ހާޒިރުކުރަނީ--ފޮޓޯ/ ޓްވިޓާ

އިދިކޮޅު އިއްތިހާދުގެ ޖަލްސާ މިރޭ ކުރިއަށްދިޔަ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ކަމަށް ބުނާ ބޭރުގެ ދެ މީހަކު މައުލޫމާތު ސާފުކުރަން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އެނގިފައިވާ ގޮތުން އެ ދެމީހުންގެ ތެރެއިން އެކަކީ ޕޮލޭންޑް މީކެހެވެ. އަދި އަނެކަކީ އިޓާލީ މީހެކެވެ. އެ މީހުން އަތުގައި އޮތީ ޔޫރަޕިއަން ޖާނަލިސްޓް ލެޖިޓިމޭޝަންގެ ޕްރެސް ކާޑެއްކަން ވެސް 'ސަން' އަށް ވަނީ އެނގިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ އާޓްފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ބިދޭސީއަކު މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ ބަލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެ މީހުންނަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅޭ ދެ މީހުން ކަމަށާއި ޓޫރިސްޓް ވިސާގައި އައިސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ނޫސްވެރިއެއްގެ ގޮތުގައި ވެސް ޓުއަރިސްޓް ވިސާގައި އައިސް ހަރަކާތްތެރި ނުވެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިމިގެރޭޝަން ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓުއަރިސްޓް ވިސާގައި ރާއްޖެ އަންނަ މީހުންނަކީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތެއް ނެތި އަދި އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއްކުރުމުގެ ނިޔަތެއް ނެތި ހަމައެކަނި ރާއްޖެ އަންނަ ބިދޭސީއަކަށް ދެވޭ ވިސާއެއް ކަމަށެވެ.

އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކުރިއަށްދާ އާޓިފިޝަލް ބީޗު ސަރަހައްދުން އެ ދެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ނޫސްވެރިއެއްކަން އަންގައިދޭ "ޕްރެސް ކާޑް" ފުލުހުންނަށް ދެއްކި އެވެ. އަދި އެއްވެސް ނުރުހުމެއް ނެތި ފުލުހުންނާ އެ މީހުން ހަވާލުވި ފޮޓޯތައް ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް