މިހިން ލަންކާގެ ފްލައިޓަކަށް މައްސަލަ ޖެހި، 72 ފަސިންޖަރުންނަށް މިއަދު ނުފުރުނު!

މިއަދު ނުފުރުނު މީހުން އެއާޕޯޓުގައި ނުރުހުންފާޅުކުރަނީ -- ފޮޓޯ/ މިހާރު

މިއަދު ހަވީރު މާލެއިން ސްރީލަންކާގެ ކޮލޮމްބޯ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މިހިން ލަންކާގެ މަތިންދާ ބޯޓަށް މައްސަލަ ޖެހި، ތަފާތު ބޯޓެއް ބޭނުންކުރަން ޖެހުމުން އެ ފްލައިޓުން 72 މީހެއްގެ ޖާގަ ގެއްލިއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހަވީރު ލަންކާއަށް ނުފުރުނު ގިނަ އަދަދެއްގެ މީހުން ވަނީ އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓުގައި ނުރުހުން ފާޅުކޮށްފަ އެވެ.

މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ އޭސް އޭވިއޭޝަން ސާވިސަސް އެވެ. އޭސް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު ހަވީރު 5:40ގައި މާލެއިން ފުރަން އޮތް މިހިން ލަންކާގެ ފްލައިޓަށް މައްސަލައެއް ދިމާވެ، ބަންގްލަދޭޝްގެ ދާކާގައި އެ ފްލައިޓު މަޑު ކުރަން ޖެހުމުން އެގަޑީގައި ފުރުމަށް އެހެން ބޯޓެއް ހަމަޖައްސަން ޖެހުނު ކަމަށެވެ.

"ފްލައިޓު ނެޓްވޯކްގެ ތެރެއިން، ހުރިހާ ބޯޓެއް ވެސް އުދުހެނީ. އެ ފްލައިޓު އަސްލު އޮތީ ދާކާއިން ކޮލޮމްބޯއަށް ގޮސް މާލެ އައިސް، ހަވީރު މާލެއިން ކޮލޮމްބޯއަށް އަނބުރާ ދާ ގޮތަށް. އެކަމަކު އެ ފްލައިޓަށް މައްސަލައެއް ދިމާވެގެން ދާކާގައި މަޑުކުރަން ޖެހުނީ. އެކަން އަޅުގަނޑުމެންނަށް އެނގިއްޖެ މިއަދު މެންދުރު 2:40ގައި އިރު،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއިން ކޮލޮމްބޯއަށް ދަތުރުކުރަން އަސްލު އޮތީ އެއާބަސް އޭ321 މަރުކާގެ ބޯޓެއް ކަމަށެވެ. އެހެން ނަމަވެސް އެ ބޯޓުގެ ބަދަލުގައި މިއަދު ލިބުނީ އޭ319 މަރުކާގެ ބޯޓެއް ކަމަށެވެ. އޭ321 ބޯޓުގައި 192 ވަރަކަށް މީހުންގެ ޖާގަ އޮވެ އެވެ. ނަމަވެސް އޭ319 ބޯޓަކީ އެއަށް ވުރެ ކުޑަ ބޯޓެއް ކަމުން ގާތްގަނޑަކަށް 72 މީހެއްގެ ޖާގަ މިއަދު ގެއްލުނެވެ.

ފިރާގު ވިދާޅުވީ ކުރިޔަށް އޮތް ބަންދާ ދިމާކޮށް ސްރީލަންކާ އަށް ފުރަން ޓިކެޓު ނަގާފައިވާ މީހުންގެ އަދަދު ގިނަ ކަމުން، މިއަދު ނުފުރުނު މީހުންނަށް ފުރޭނެ ގޮތެއް ހެދުމަށް ބެލި ބެލުމުން، އެހެން ފްލައިޓަކުން ވެސް ޖާގަ ނުލިބުނު ކަމަށެވެ. މީގެ އިތުރުން ބުރިޖުގެ މަސައްކަތް ކުރުމަށް ދަންވަރު 12:00 އަށް ފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދު ކުރާތީ، ނުފުރުނު ފަސިންޖަރުންނަށް މިއަދު ހައްލެއް ހޯދައި ނުދެވޭނެ ކަމަށެވެ.

ކުރިޔަށް އޮތް ފަސް ދުވަހުގެ ބަންދާ ދިމާކޮށް، ސްރީލަންކާއަށް ދިއުމަށް އޭސް އޭވިއޭޝަނުން މިހިން ލަންކާއާއި ސްރީލަންކަން އެއާލައިންސްގެ ޓިކެޓު 12،000 އަށް ވުރެ ގިނަ މީހުން ނަގާފައިވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ވެސް ފުލްކޮށް ބުކްކޮށްފައިވާ ފްލައިޓުތަކަށް ފަސިންޖަރުން ބަދަލުކޮށްފި ނަމަ ހުރިހާ ފަސިންޖަރުންނަށް ބުރޫ އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސް އޭވިއޭޝަނުން ބުނީ، މިއަދު ދިމާވި މައްސަލައިގެ ސަބަބުން ލަންކާއަށް ނުފުރި، ދަތިތަކާ ކުރިމަތިވި ފަސިންޖަރުންނަށް އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

މީގެ އިތުރުން، އެ ފަސިންޖަރުންގެ ތެރެއިން ލަންކާއަށް ފަހުން ދަތުރުކުރުމަށް ފަހު އެނބުރި މާލެ އައިސް އޭސް އޭވިއޭޝަނުގައި ކްލެއިމް ކޮށްފި ނަމަ، މިރޭ ކެންސަލްވި ފްލައިޓުގެ ބަދަލުގައި އިތުރު ޓިކެޓެއް ހަމަޖައްސައިދޭނެ ކަމަށާއި، ދަތުރު ނުކުރަން ނިންމާ ފަސިންޖަރުންނަށް ޓިކެޓުގެ ރީފަންޑު ފައިސާ ހަމަޖައްސައިދޭނެ ކަމަށް އޭސް އޭވިއޭޝަނުން ބުނެ އެވެ.

އަދި މިއަދު ދަތުރު ނުކުރެވުމުގެ ސަބަބުން ނުފުރިފައި ތިބި، މާލޭގައި ދިރި ނޫޅޭ ފަރާތްތަކަށް ހޮޓެލްތަކުގައި ތިބުމުގެ ޚަރަދު ވެސް އޭސް އޭވިއޭޝަނުން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް