މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި

މަރުގެ ހުކުމް އައިސްފައިވާ ހުމާން ސްޕްރީމް ކޯޓުން ނެރެގެން ގެންދަނީ: މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރަން ކުރި އަމުރަކީ އޭގެ ޒާތުގައި ވެސް ބާތިލް އެއްޗެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމަށް ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާމެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ޗެލެންޖު ކުރެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެ ގަވާއިދާމެދު ޗެލެންޖުކޮށް، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެ، އެ ގަވާއިދުގެ ބައެއް ތަންފީޒު ކުރުން ހުއްޓުވި ހުއްޓުވުމަކީ ބާތިލް ނިންމުމެއް ކަމަށެވެ.

މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުން ކުރި އަމުރަކީ "އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް" ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް ބާތިލް ކުރުމަށް އެމްޑީއެން އިން ހުށަހެޅި އެ މައްސަލަ ބަލައި ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން މަޑު ޖައްސާލުމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން އެ މައްސަލަ ދެން ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ އެވެ. ސަބަބަކީ އެ މައްސަލައިގެ ދައުވާ ފޯމު ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވާތީ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި މަރުގެ އަދަދު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދު، "ގަސްތުގައި މީހަކު މެރުގެ ކުށް ތަހުގީގު ކުރުމުގަ އާއި އެ ކުށުގެ ކުށް ތަންފީޒު ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގޮތުގެ ގަވާއިދު"ގެ ގަވާއިދުގެ ދަށުން ދެ ހުކުމެއް ސުޕްރީމް ކޯޓުންކޮށްފައިވާ ކަމަށެވެ.

އެއީ އަފްރާޝީމްގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމު މެރުމަށާއި ގާނޫނީ ވަކީލް ނަޖީބުގެ ގާތިލް މ. މަސްރޫރާ އަހްމަދު މުއްރަތުގެ މެރުމަށް އެ ކޯޓުން ކުރި ހުކުމެވެ.

އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ދެ މީހުން މެރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ ގަވާއިދުގެ ދަށުން ބައެއް ތަންފީޒު ކުރުން ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނިކޮށް ކަމަށް އަމުރުގައިވެ އެވެ.

"ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެއް ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ،" ގާނޫނު އަސާސީގެ 145 ވަނަ މާއްދާ (ނ) ބަޔާންކޮށް ނެރެފައިވާ އަމުރުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް