މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފި

ދިވެހިރާއްޖޭގެ ހައި ކޯޓު: މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިންތިފާގުން ކަނޑައަޅާފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުން ވަގުތީ ގޮތުން ހުއްޓުވަން ޖެހޭ ކަމަށް-- ސަން ފައިލް ފޮޓޯ

"ގަސްތުގައި މީހަކު މެރުމުގެ ކުށަ ތަހުގީގު ކުރުމާއި އެކުށުގެ އަަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ޑިމޮކްރެސީ ނެޓްވޯކުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ދާދި ދެންމެ އަކު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހައިކޯޓުން އެ މައްސަލަ ބަލާ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓުވަން ޖެހޭ ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށެވެ.

މަރުގެ އަދަބު ތަންފީޒުކުރަން އެކުލަވާލި ގަވާއިދުގެ އަށަކުން 17 ވަަނަ މާއްދާއާ ހަމައަށް ހުރި މާއްދާތައް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއާ ހިލާފު ކަމަށް ބުނެ އެ މާއްދާތައް ބާތިލުކޮށް ދިނުމަށް އެމްޑީއެންއިން ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން އެމްޑީއެންގެ ފަރާތުން ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދު ހަދާފައި ވަނީ ފުލުހުންގެ ގާނޫނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ދިނުމާ ބެހޭ ވާހަކައެއް ހިމަނާފައި ނުވާ ކަމަށެވެ.

"ގަސްތުގައި މީހަކު މެރުމުގެ ކުށަ ތަހުގީގު ކުރުމާއި އެކުށުގެ އަަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ރަނގަޅު ކަމަށާއި އެ ގަވާއިދުން ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައިވާ ހައްގެއް ނިގުޅައި ނުގަންނަ ކަމަށް މިއަދު އޮތް އަޑުއުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ގަވާއިދު އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން ބާރު ލިބިދޭ ގާނޫނެއްގެ ދަށުން ކަމަށާއި ގަވާއިދުގައި އަދަބު ދިނުމާ ބެހޭ އެއްވެެސް އުސޫލެއް ހިމަނާފައި ނުވާނެ ކަަމަށް ދައުލަތުން ބުންޏެވެ. އަދި އެ ގަވާއިދަކީ މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތުގެ މައްޗަށް އެކުލެވޭ ނުކުތާތަކެއް ހިމެނޭ ގަވާއިދެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ދަށުން ގަވާއިދު އެކުލަވާލާފައި ވަނީ މަރުގެ ކުށް ތަހުގީގު ކުރަނީ ފުލުހުން ކަމަށް ވުމާއި އަދި ކަނޑައަޅާ ހުކުމެއް ތަންފީޒު ކުރަނީ ކަރެކްޝަނަލް ސާވިސްއިން ކަމަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އަވަށްޓެރި އިންޑިއާ އަދި މެލޭޝިއާގައިވެސް މަރުގެ އަދަބު ތަންފީޒު ކުރަނީ ޖަލުތަކާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެއްގެ ދަށުންކަން ފާހަގަކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ ރާއްޖޭގައިވެސް ގަވާިދު އެކުލަވާލާފައިވަނީ އެހެނިހެން މިނިވަން ދިމިގްރާތީ ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށް މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ދެން އެ މައްސަލައިގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް