Sun Online

ގެނބިގެންް ނުދަނީސް

ލިޔުނީއައިޝާ ނަސީމް

"އިމީ، ޝުވޭކާރުމެން ހަގީގަތުގައިވެސް އޮޅުވާލީ، ޑީއެންއޭއަށް އެއޮތީ މަކަރު ހަދާފައި. އެމީހުން ކޮންކަމެއް ހާސިލުކުރަން ބާ އިމީ ދަރިއެކޭ ކިޔައިގެން އުޅުނީ. އެކަމަކު އެއޮތް މުއްސަދި މީހުން ވީމަ އިމީއަށް ގެއާއި ހުރިހާ އެއްޗަކުން ބައިވެސް އަޅަން ޖެހޭނެ ދޯ. އެނީވޭސް އިމީއަކީ ފައިސަލް އަދި ޝުވޭކާރުއާއި ބެހޭ މީހެއް ނޫން. އަސްލު އިންނާނީ ނުވަދިހަ ނުވަ ޕަސެންޓް ނޫނީ ޒީރޯ ޕަސެންޓްކަމަށް. އިމީގެ ޕޭރެންޓުންނަށް އެމީހުން ވުމުގެ އޮތީ ޒީރޯ ޗާންސް. މިއޮތީ ހެކި. ސެލެބްރޭޓްކުރަން ޖެހޭނެ ދޯ......" ސަބީ ސިޓީއުރައެއް ދިއްކޮށްލުމުން އައްމާރު ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ސަބީ ބޭނުންވީ އައްމާރުގެ މޫނުމަތީގެ ޝުއޫރުދެކިލާށެވެ. އައްމާރު ވާނީ އުފާހެއްޔެވެ؟ ނޫނީ ދެރަވާނެހެއްޔެވެ؟

"ތިބުނީ ކީކޭތަ؟ " އައްމާރު އަހައިލިއެވެ.

"މިބުނީ އެ ލެބުން ޑީއެންއޭ ޓެސްޓްގެ ނަތީޖާ ދޭއިރު އާއްމުކޮށް އިންނާނީ ޒީރޯ ނޫނީ ނުވަދިހަ ނުވަ ޕަސެންޓްކަމަށޭ. މީގައި މިއޮތީ ޒީރޯއޭ. އެހެންވީމަ ފައިސަލްގެ ދަރިއަކަށްވުމުގެ އެއްވެސް ފުރުސަތެއްނެތޭ. ފައިސަލްމެން ދޮގު ރިޕޯޓެއް އިމީއަށް ތި ދެއްކީ. މިއީ ހަގީގަތަކީ.........." ސަބީ ރަގަޅަށް އޮޅުންފިލުވާދިންއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ސަބީ ބޭނުންވިފަދަ އެއްވެސް ކަމެއް އެމޫނުމައްޗަކުން ނުފެނުނެވެ. ޓެސްޓްގެ ނަތީޖާވެސް އޭނައަށް މުހިއްމެއް ނުވިއެވެ. ބަލާލަންވެސް ނޫޅެ ކޮފީތަށި ހިފައިގެންގޮސް ހުއްޓުނީ ކުޑަދޮރުކައިރީގައެވެ. ބްލައިންޑްސްތައް ދުރުކޮށްލައިގެން ބޭރަށް ބަލަންހުރިއިރު އޭނަ ހުރީ ޝުވޭކާރުމެން އެކުޅޭ ޑްރާމާ ދެނެގަތުމުގައި ނުކުޅެދިފައެވެ. ކާއިއާ ތާކުންތާކުނުޖެހޭ ވާހަކަ ދައްކަނީކަމުގައި އޭނަ ހީކުރިއެވެ. ހަމަ ރަގަޅަށްވެސް އޭނައާއި ކާއިއާ ދުރުކޮށްލަން އެމީހުން ރޭވި ރޭވުމެކެވެ.

"ހެހެ ތޭންކްސް ސަބީ........" އައްމާރު ދެން ފެށީ ހޭށެވެ.

"އާ ޔޫ އޯލްރައިޓް؟ " ސަބީ ހައިރާންވިއެވެ.

"ގަބޫލެއްވެސް ނުކުރެވޭ އެކްޓްކުރަން ބަޔަކު އެހާ މޮޅުވެދާނެކަމަށް. ހޮލީވުޑް އެކްޓަރުންނަށްވެސް އެހާ މޮޅަށް އެކްޓެއްނުކުރެވޭނެ. ހާދަލޯބިންނޭ ޝުވޭކާރު އުޅުނީ. ފޭކްބަޔެއް. އެހާވަރުވެގެންވެސް ތިމާމެންގެ އަންހެންދަރިފުޅު އަހަރެންގެ ފަރާތުން ސަލާމަތްކުރަން އެބަޖެހޭވިއްޔަ....." އައްމާރު ބޯ ހޫރާލިއެވެ. ސަބީ ދެން އެކިގޮތްގޮތަށް ސުވާލުކުރަންފެށިއެވެ. އަބަދުވެސް އައްމާރު ކަމެއް ފޮރުވާކަމާއިމެދު އޭނަ ހުންނަނީ ޝައްކުވެފައެވެ. ކިތަންމެ އެކުވެރިވިޔަސް ދެމީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން އަނެކަކު ކިޔާނުދެނީސް ތިބެނީ ނާހާށެވެ. އައްމާރު ދެން ކިޔައިދިނީ އޭނައާއި ކާއިއާގެ ގުޅުން ފެށިގެން އައިގޮތާއި ކައިވެނި ކުރި ހިސާބަށެވެ. މިހާރު ހަގީގަތް އެނގުމަށްފަހު އޭނަ ފަހަރެއްގައިވެސް ކާއިއާއަށް ދެރައެއް ނުދޭނެކަމަށާއި އެ އާއިލާއާއި ވީހާވެސް ދުރަށް ކާއިއާ އާއި ސާރާ ގޮވައިގެންގޮސް އުފާވެރި ހަޔާތެއް ފަށާނެކަމުގައި ބުނެލިއެވެ. އައްމާރު ހިނިތުންވެލާފައި ސަބީގެ ގައިގާ ބައްދާލަމުން ޝުކުރު އަދާކުރިއެވެ. އޭރު ސަބީ ހީވަނީ ފުރޭތައެއް ފެނިގެން ހާސްވެ ބިރުން އިންހެނެވެ. އެހާ ފިނިއިރުވެސް އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދަންފެށިއެވެ.

"އޯ އެމްޖީ. ޑޯންޓް ޓެލް މީ ދެޓް. ކުރިން ކީއްވެ ތިވާހަކަ ނުބުނީ. ގޯޑް، ނޯ....." ސަބީ ހާސްކަމާއިއެކު އެސިޓީ ނިއުޅާލިއެވެ. އައްމާރުއަށް އެ ޓެސްޓްގެ ނަތީޖާދެއްކިއެވެ. އައްމާރު އަވަހަށް އެ ކަރުދާސްގަނޑު ޖަހައިގެންފާ ކަހަލަ ގޮތަކަށް ނަތީޖާއަށް ބަލައިލީ ހާސްކަމާއެކުގައެވެ. އެންމެ ތިރީގައި އޮތީ ޕްރޮބަބިލިޓީ އޮފް ޕެޓާނިޓީއަކީ ނުވަދިހަ ނުވައެއް ޕޮއިންޓް ނުވައެއް ނުވައެއް ކަމުގައެވެ.

"އައިމް ރިއަލީ ސޮރީ. ފައިސަލްއަކީ އިމީގެ ބައްޕަ. އެމީހުން ކުޅެނީ ޑްރާމާއެއްނޫން. އެއީ ރިއެލިޓީއަކީ. އިމީއަށް ލޯބިވެވުނީ އަމިއްލަ ސިސްދެކެ. ކައިއަކީ އިމީގެ ސިސް. އަހަރެން ސަމާސާއެއް ކޮށްލިއިރު ހިތަކަށް ނާރައޭ އިމީގެ މިހާ ޑާކް ސިކްރެޓެއް އޮވެދާނެއޭ. ހިންޓެއް ލިބިފައި އޮތްނަމަވެސް މިހާ ސީރިޔަސް ސިޗުއޭޝަނެއްގައި މަޖާ ކުރާކަށް ނޫޅޭނަން. ނޭގިވެސް ކޮއްކޮއާއި މެރީކުރެވުމަކީ ހަމަ ނައިޓްމެއަރ އެއް......" ސަބީ ދެރަވީ އޭނަ ސަމާސާއަކަށް ހަދައިގެން އައްމާރު ތަޅުވާލަން އުޅެވުނުކަމަށްޓަކައެވެ. އެހާ ސީރިޔަސްވެފައި ވާހަކަދެއްކީ އެހެންވެއެވެ. އައްމާރުގެ މޫނުމަތީގައިވި އުފާވެރިކަން ކުއްލިއަކަށް ގެއްލި ހާސްކަން ވެރިވިއެވެ. ސިގިރެޓެއް ރޯކޮށްލިއިރު މިއިނދެވުނީ ދުންފަތުގެ އިސްތިއުމާލު ކުރަން މަނާތަނެއްގައި ކަމެއް ހަނދާނެއްނުވިއެވެ. ކޮފީއާއި ސިގިރެޓްގެ ވަހުން ކެބިން އެއްވަސްވެލިއެވެ. ސަބީވެސް އެކަން މަނާނުކޮށް ބަލަން އިނީ ހަމްދަރުދީވެފައެވެ. ކޮއްކޮދެކެ ލޯބިވެވުމަކީ އާދައިގެ ކަމެއްނޫނެވެ. ތަގުދީރުގެ ކޮންފަދަ ސަމާސާއެއްހެއްޔެވެ؟ ބުނަންވީ ކީކޭކަމެއްވެސް އޭނައަކަށް ނޭގުނެވެ. ޔަގީންވާކަމަކީ އައްމާރުއާއި ކާއިއާ ވަކިވާން ޖެހޭކަމެވެ. އެދެކުދިންނަށް އެފަދަ ހިތްވަރެއް ދެއްވާށިއެވެ.

"ބީ ސްޓްރޯންގް ބްރޯ. ކައިއަށްވެސް މިހާރު ޔަގީންވާނެއްނު ތިއީ ބޭބެކަން، ޝޯ ހާ ދިސް ރިޕޯޓް، އޭރަށް ކާއިއާވެސް ވިސްނިގެން އަމިއްލައަށް ވަކިވާނެކަން ޔަގީނޭ. އިމީ، އައިމް ސޮރީ، އަހަންނަކަށް ނުވިސްނޭ ތި މަގާމުގައި ހުރިނަމަ އަހަރެން ކެތްކުރާނެގޮތެއްވެސް. އެކަމަކު ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެ، އަދި އެމީހަކަށް ނޫފުލޭވަރުގެ ކަމެއް ނުޖައްސަވާނެކަމަށް އޮވެއެއްނު..އެހީއަކަށް ބޭނުންވާނަމަ އަހަންނަށް ގުޅައްޗޭ. ކޮންމެ ގަޑިއެއްގައިވިޔަސް އައި ވިލް ބީ ދެއާ ފޯ ޔޫ......."ސަބީގެ ހިތްވަރު ދިނުމުގެ ވާހަކަތަކުން އައްމާރު ހިނިތުންވެލިނަމަވެސް އޭނަ ހިތާމަކުރަނީ ކާއިއާއާއި މެދުގައެވެ. މިޓެސްޓުން އޭނަގެ މައިންބަފައިންނަކީ ފައިސަލްއާއި ޝުވޭކާރުކަމުގައި ޔަގީންކުރެވިއްޖެއެވެ. އޭނައާއި ކާއިއާ ވައްތަރުކަމަށް ސާރާވެސް ކުރީކޮޅު ކިޔާހެދިއެވެ. ކޯތާފަތަށް އެޅޭ އަޑިކޮޅުގެ ވާހަކަވެސް ދެއްކިއެވެ. އޭރު މިކަހަލަ ދުވަހެއް އައިސްދާނެކަމަށް އޭނަ ހިތަށް އަރުވާފައެއްވެސް ނުވެއެވެ. މިވީ ކިހިނެއްހެއްޔެވެ؟

އައްމާރު އެންމެ ކުރިން ދިޔައީ ސާރާމެންގެ ގެއަށެވެ. ދަރިފުޅު ދެކިލާހިތުން އޭނަ ހުރީ ކެތްނުކުރެވިފައެވެ. މާމައާއިވެސް ބައްދަލުކޮށްލަން އެހާ ބޭނުންކަމުގައި އޭނަ ބުނީ ސާރާގެ ކައިރީގައެވެ. މާމައާއި ޚަލީސީއަށް ޒިޔާރަތްކޮށް ހަދިޔާދިންއިރުވެސް ސާރާއަށް އެކައްޗެއްވެސް ނުދިނެވެ. ސާރާ ހަދިޔާ ބޭނުމެއްނޫނެވެ. ނަމަވެސް ދެރަވީ އޭނަ ޚާއްސަ މީހަކަށް ނުވިއޭ ހިތަށް އަރާފައެވެ. އެކަނި މާމައާއި ދަރިފުޅު ދެކެލާހިތުން އެގެއަށް އައީކަމުގައި ބުނުމުންނެވެ.

ސާރާ ޚަލީސީ ފެންވަރުވާލާފައި ރީތިކުރަން ހުރިއިރު އައްމާރު ސޯފާގައި އިށީދެލައިގެން ސާރާގެ ހަރަކާތްތަކަށް ބަލަން އިނީ ޝައުގުވެރިކަމާއިއެކުގައެވެ. ސާރާ އިނީ ކުޑަކޮށް ލަދުގެންފައެވެ. އައްމާރުގެ ތޫނު ދެލޯ އޭނައަށް ހުއްޓިފައިވާކަން އިހުސާސްކުރެވެނީއެވެ.

"ސާރާ، ވަރަށް އުދަގޫވޭ ޚަލީސީއާއި ދުރުގައި އުޅެން. އަހަންނާއިއެކު އެގެއަށް މޫވްކުރަންވީނު....." އައްމާރު ތެދުވެގެން އައިސް ރީތިވާ މޭޒުކައިރީގައި ހުއްޓުނެވެ. ޚަލީސީގެ އިސްތަށިގަނޑު އާގޮތަކަށް ފުނާ އަޅުވާ ކުދި ކުދި ދަތިތައް ޖަހަމުން ދިޔައީވެސް ފާޑުވެރިކަމާއިއެކުގައެވެ. ދަރިފުޅު ޕްރިންސެސްއެއްހެން ނަލަހައްދާތީ އައްމާރުވެސް ވަރަށް އުފާވިއެވެ.

"އިމީ. އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެ....." ސާރާ ހަރުބަހެއް ބުނެލިއެވެ.

"ހެހެ. މުސްކުޅި މާމައެއްހެން ވާހަކަދައްކަން ދަސްކުރީ ކޮންއިރަކުންތަ؟ ސާރާއަށް އެނގެއެއްނު، ކައިއަކީ އަހަރެންގެ ސިސް. އަހަރެން ގަބޫލުކުރަން އެކަން އެނގިހުރެ ކުށެއްކުރެވުނުކަން. އައިމް ސޮރީ، އެކަމަކު މިހާރު އަހަރެން ސާރާއަށް ބޭނުންވޭ، އައި މީން އަހަރެންގެ ދަރިފުޅުގެ މަންމައަށް ވީމަ ދަރިފުޅަށްޓަކާވެސް ދެމީހުން އެކީގައި އުޅެން އެބަޖެހޭ ދޯ......" އައްމާރު ކަޅިވެސް ޖަހާނުލާ ސާރާގެ މޫނަށް ބަލަން ހުއްޓެވެ.

"ދެންވެސް ތަކުރާރުކޮށް އެކަހަލަ މަންޒަރު ދައްކަންތަ؟ ނޫނޭ އިމީ، ދެނެއް ތިކަމެއް ނުވާނެ....." ސާރާ ދެކޮޅުހެދިއެވެ.

"ޖެލަސް ވައިފެއްހެން ދެން ނޫޅެބަލަ، ކުރިން އަހަރެން ބުނަންދޯ އަހަރެން ދެ އަނބިންނާއިއެކު އުޅެން ފެށީމަ މަށަށް ވަރަށް ބާރުބޮޑުވާނެއޭ. ދެކުދިން ދެއަތުގައި ހިފާ ދަމާނެއޭ، އެކަކު ބުނާނެޔޯ މަގޭ ރޫމަށް އަންނާށޭ، އަނެކަކު ކިޔާނެ ނޫނޭ މަގޭ ރެއޭ ހެހެ. އެކަމަކު އެހެނެއްނުވިއެއްނު، ކައި އެވީ އަހަރެންގެ ކޮއްކޮއަށް، މިއަދު އެނޫންގޮތަކަށް ގަބޫލުކުރެވޭކަށް ނެތް، އަބަދަކު ފާފައެއްވެސް ނުކުރާނަން ދޯ، ސާރާ. ދެން އިތުރަށް އަހަރެން ލައްވާ އާދޭސްކުރުވަންތަ ތިއުޅެނީ؟ ދެފައިގާ ހިފަންވީތަ؟ " އައްމާރު ކުޑަކޮށް ހިނިތުންވެލިއެވެ.

"އެންމެ ރަގަޅު، މިހާރު ތިހާވަރުން ދަރިފުޅު ބޭނުންވެގެން އުޅޭއިރު އެބޯޝަން ހަދަން ބުނީވެސް ހަމަ އިމީ، މެސެޖް ފޮނުވީމަ ބުނަން އެނގުނު އެއްޗަކީ އެއީ......" ކުއްލިއަކަށް ސާރާ އެދުވަސް މަތިން ހަނދާންކޮށްލަދިނުމުން އައްމާރު ހައިރާންވިއެވެ.

"ވަޓް އާ ޔޫ ޓޯކިން އެބައުޓް؟ ކޮންއިރަކު ސާރާ މެސެޖްކުރީ......." އައްމާރު ބުމަ ކައިރިކޮށްލިއެވެ.

ސާރާ ހަނދާންކޮށްލަދިނުމުން އައްމާރު ވަރަށް ވިސްނިއެވެ. އެންމެފަހުން ހަނދާނަށް އައީ އެދުވަސްކޮޅު ވަގަކު ވަދެ އޭނަގެ ފޯނާއި އަގުބޮޑު އެހެން ސާމާނުތައް ނަބީލާވިލާއިން ގެންދިޔަ ހަދާނެވެ. އޭނަ މޮޔަކަމުން ސިމް ބްލޮކް ކުރުވަންވެސް ނޫޅެ އެހެން ސިމެއްނެގީއެވެ. ވަގަށް ނެގިމީހަކު އެއޮތީ ސާރާއަށް ޖަވާބުދީފައެވެ. އިންސާނުންނަކީ އަމިއްލަ އެދުމުން ފުރިފައިވާ ނުބައި ބަޔެކެވެ. އައްމާރުއާއި ސާރާ އެވާހަކަދައްކާ ނިމުނުއިރު ހިނިތުންވެ ވާހަކަދައްކާލެވޭ ވަރުވެއްޖެއެވެ. އެވަރުންވެސް އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާފައި އައްމާރުއާއިއެކު ގޮސް އެގޭގައި އުޅޭކަށް އަދި ސާރާ ތައްޔާރެއްނޫނެވެ. ކާއިއާއާއި އޭނައާއިމެދު ވާ ނުތަނަވަސްކަމުގެ އިތުރުން އައްމާރު ކަންތައްކުރި ގޮތް އެހާ ފަސޭހައިން ހިތުން ފިލުވައެއް ނުލެވޭނެއެވެ.

އައްމާރު ބޭނުންހާ ވަގުތަކު ޚަލީސީ އެގެއަށް ގެންދަން ސާރާ ހުއްދަދިނެވެ.

"ހީ ޑިޑްންޓް އިވެން ގިވް މީ އެ ހަގް....." އައްމާރު އެންމެފަހުން ދާތަން ބަލަން ދޮރުކައިރީގައި ހުރިއިރު ސާރާގެ ލޮލުން ކަރުނަ ހިލުނެވެ. ކާއިއާ ފެނުމުން "ރެސިސްޓް" ނުކުރެވިގެން އުޅޭއިރު އޭނަ ފެނުމުން އައްމާރުއަށް ހަމަ ގޮތެއްނުވަނީ ހެއްޔެވެ؟ ނޫނީ ހުރިހާ ކަމެއް ފޮރުވަން މަސައްކަތްކުރަނީ ހެއްޔެވެ؟ އެމީހުންގެ ހަޔާތުގެ ތަސްވީރުން ކާއިއާ އެއްފަރާތް ނުކުރަންޏާ އެކީގައި އުޅޭނެ ގޮތެއް ވިސްނުމަކަށް ނައެވެ. މިވަހުމްތަކާއި ޝައްކުތައް ފިލުވާލާ އައްމާރުގެ ލޯތްބާއިމެދު ޔަގީންކަން އޮތްދުވަހަކުން ނޫނީ އެކީގައި އުޅޭކަށް ފަސޭހައެއްނުވާނެއެވެ.

މިއަދު އައްމާރު ގެއާއި ދިމާލަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. މަންމަމެންނާއި ދޭތެރޭގައި ހިތުގައި ކިތަންމެ ވަރަކަށް ޝަކުވާއޮތަސް އޭނައަކީ މި އާއިލާގެ އެކެއްކަމުގައި މިއަދު ގަބޫލުކުރެވިއްޖެއެވެ. މިހުރިހާދުވަހު އޮތް ދުރުކަމާއި ބީރައްޓެހިކަން އެއްފަރާތްކޮށްލާ މަންމަމެންނަށް މާފުދީގެން އެކީގައި އުޅެން ހިތް އެދެންފެށިއެވެ. ނަބީލާފަދަ ނުލަފާ އަންހެނެއްގެ ފަރާތުން ލިބުނު އަނިޔާތައް ހަނދާން ނައްތާލާ އާއިލާއަށް ފުރުސަތެއް ދިނުމަކީ ގޯހެއްނޫނެވެ. ދެރަވަނީ އެކަނި ކާއިއާއާއި ދޭތެރޭގައެވެ. މާޔޫސްވަނީ އެކުއްޖާގެ މަތިން ހަނދާންވެފައެވެ.

ބެލްޖެހުމުން ދޮރުހުޅުވީ ކާއިއާއެވެ. އައްމާރު ދޮރުމަތީގައި ހުރުމުން ލިބުނު ސިހުމާއި އެއްވަރަށް އެތައް އިހުސާސްތައް އެއްފަހަރާ ކާއިއާގެ މޫނުމަތިން ފެނިލިއެވެ. އައްމާރު އެތެރެއަށް ވަންއިރު ކާއިއާ ހެދިގޮތަކުން އޭނައާއި މުޑިޖެހުނެވެ.

"ތިގޮތަށް ގައިގާ އުނގުޅެން ކައިވެސް ލަދުގަންނަންޖެހޭނެ. އެނގެންވާނެ އަހަރެން މިއީ ބޭބެކަން؟ ކެރޭތަ ކިޔަންގެ ގައިގާ ތިގޮތަށް އަތްލާން..........." އައްމާރު ދަމުން އެނބުރިލާފައި ކުޑަކޮށް ބަލައިލިއެވެ.

"ކިޔަންއަކީ އަހަރެންގެ ދޮންބެ. ތިއީ އަހަރެންގެ ޑާކް ލަވަރ. ކިހާ ތަފާތު ދޯ. އިމީ ދެން ބޭބެއަކަށް ވާން އުޅުނަސް އެކަން ނުކުރާކަމަކަށް ނުވާނެ. އަދި އިމީގެ ހިތަށްވެސް އަރާނެ ކިތަންމެ އެއްޗިއްސެއް. ބޭނުންވެސް ވާނެ. ޑިނައި ކުރިޔަސް ދެން ކޮއްކޮ ބޭބެ ރިލޭޝަނެއް މިދޭތެރެއަކު ނުވާނެ........." ކާއިއާ ދޫނެރެލާފައި ވައްތަރެއް ޖެއްސިއެވެ.

"ޕްލީޒް ކައި، އަހަންނަށް މިގޭގައި އުޅެވުނަދީ، ކައި ތިގޮތަށް ހަދަންޏާ ދުވަހަކު ނުފެންނަ ހިސާބަށް ގޮސްދާނަން ހަމަ ތެދަށް މިބުނީ......" އައްމާރު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"މަރުވާން ކެރޭނެތަ؟ އެއަށް ވުރެ މާ ފިނޑިވާނެ. އެކަމަކު ކައި މިހާރުވެސް ޕޮއިޒަން ބޮއިފާނަން. ކުރީ ދުވަހު ޕްރޮމިސްކޮށްފައި ކައި ކައިރިއަށް އެއް ގަޑިއިރަށް އަންނަންވީމަ އަދި ފުރައިގެން ދިޔައީ، އިތުބާރުކުރެވޭ ވަރެއްވެސް ނުވޭ، އަދި އެ ވާހަކައެއް ނޫނޭ. އަހަންނަށް އޮޅުވާލާފައި ސާރާއާއެކު ސްލީޕްކުރީމައެއްނު ޚަލީސީ ލިބުނީ، ކަމަކާ ނުލައި މިރެކްލްއަކުން ދަރިއަކު ނުލިބޭނެ، ރައިޓް؟ ކައި ކައިރީ އަބަދުވެސް ބުނަމެއްނު ދުވަހަކު އަތްނުލަމޭ، އެކަމަކު އިމީ ތީ ދޮގުވެރިއެއް، ޗީޓްކުރީ، އައިލް ނެވަރ ފޮގިވް ޔޫ ފޯ ދިސް. ސަތޭކަ ޕަސެންޓް ބިޓްރޭކޮށްފައި ތިހިރީ....." ކާއިއާ ކުއްލިއަކަށް ލޯ އަޅާލިއެވެ. އެގޮތަށް ރުޅިއައިސްފާ ހުރިތަން ފެނިފައި އައްމާރު ބިރުގަންނަގޮތްވިއެވެ. ހަގީގަތުގައި އަދިވެސް ކާއިއާއަށްޓަކާ ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއްވަނީ ހެއްޔެވެ؟ ނޫނީ ކާއިއާ އަމިއްލައަށް މަރުވެދާނެތީ ހިތް ބިރުގަންނަނީ ހެއްޔެވެ؟ ކާއިއާގެ އިންޒާރުތަކާއި އަޅާނުލާ ހުރެވޭކަށްވެސް ނެތެވެ. ކާއިއާއަކީ ނަފްސާނީ ބަލި ކުއްޖެކެވެ. ޒަހަރެކޭ ފެނެކޭ އެކަހަލަ ކުއްޖެއްގެ ކައިރީގައި ވާނީ އެކައްޗަކަށެވެ. ޓައިމްބޮމެކޭ ކާއިއާ އެކޭ ތަފާތެއްނެތެވެ.

"ކައި ތީ ކުޑަކުއްޖެއް ނޫނެއްނު، އަންހެނަކާއި ފިރިހެނަކު އެއް ރޫމެއްގައި ތިބީމަ ތިންވަނަ ބައިވެރިޔަކަށް ޝައިތޯނާ ހުންނާނެ، ރައިޓް؟ އަހަންނަކީވެސް އިންސާނެއް. އަމިއްލަ ނަފުސަށް ބާރު ނުފޯރުވޭ ވަގުތެއް އައިސްދާނެ... " އައްމާރު ވިސްނާދޭފަދަ ގޮތަކަށް ބުނެލިއެވެ.

"ކަޓް ދަ ކެރެޕް އިމީ. އެއީ ވަން ނައިޓް ސްޓޭންޑަކުން ލިބުނު ދަރިއެއް ނޫނޭ. އައި ނޯ، ކޮންމެ ރެއަކު................" ކާއިއާ އިނގިރޭސިން ދެން އަމުނާލި ފަތިވަރަކުން އައްމާރު ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އައްމާރު ކިތަންމެ ވަރަކަށް ކާއިއާއަށް ބުނެދޭން މަސައްކަތްކުރިޔަސް އެކުއްޖާގެ އެހެރަ ޚަސީލަތަކާއި މިޒާޖަކުން އެގޮތް ބަދަލެއްވެސް ނުކުރެވޭނެއެވެ. އޭނައަކީ ބޭބެއެއްގެ ގޮތުގައި ބަލައިގަންނަން މަޖުބޫރެއްވެސް ނުކުރެވޭނެއެވެ.

"އިނަފް. ބޭނުމެއްނޫން އިތުރަށް އަޑުއަހާކަށް....." އައްމާރު ބާރުބާރަށް ސިޑިން އަރައިގެން ދިޔައީ މަތީބަޔަށެވެ. އެކަމަކު ކާއިއާ ހޯގެއް ހަދާފަނެތީ ކިޔަންއަށް ގުޅިއެވެ. ބުނެވޭ އެއްޗަކުންވެސް ކާއިއާގެ ސިކުނޑި ހަމައިން ނައްޓާލަފާނެއެވެ. އެކުއްޖާއާއި ދޭތެރޭ ކިތަންމެ ވަރަކަށްވެސް އައްމާރު ވިސްނިއެވެ. ނަމަވެސް އެއަށްވުރެ ސާރާ މުހިއްމުވިއެވެ. އޭސީގެ ފިނިކަން ސޯޅައިގާ ބަހައްޓާފައި އަރާމު ރަޖާގެ ދަށަށް ވަންގޮތަށް އޭނަ ސާރާއަށް ވައިބަރކުރަންފެށިއެވެ. ނަސީބަކުން ސާރާވެސް އޮތީ ވާހަކަދައްކާ ކަހަލަ މޫޑެއްގައެވެ. ލޯބިވެރިން ފަދައިން މެސެޖްތައް ބަދަލުކުރަމުން ދިޔައިރު އައްމާރުގެ ވާހަކަ ހުރީ ތަންކޮޅެއް ސަމާސާ ގޮތަކަށެވެ. ސާރާވެސް ރައްދުދެމުން ދިޔައީ އެހާ ލާނެތްކޮށެވެ. ދެމީހުންނަށް ގަޑިން ވީއިރު ރޭކާލީއިރު ތިނެއްވެސް ޖަހައިފިއެވެ. ސާރާގެ ކައިރީގައި އައްމާރު އެތައް ވަރަކަށް ކިޔައިގެން ޖެހިގެން އައި ދުވަހު ޚަލީސީ ގޮވައިގެން އެގެއަށް ދާން އެއްބަސްވެފައި ދެމީހުން ރޭގަނޑުގެ ސަލާމްކުރިއިރުވެސް އައްމާރު ކޮށްލީ ސަމާސާއެކެވެ.

"މި އެނދު ވަރަށް ފަޅު. މިހާ ފިނިއިރު ހިތަށް އަރާ ސާރާ އަހަންނާއިއެކު ވާނެ ނަމައޭ. އެކަމަކު ބާލީހުގައި ހަގްކޮށްލައިގެން އޮވެ ނިދަން މިޖެހެނީ....ކިހާ ނަސީބު ދެރަ.." އައްމާރު ލިޔުނެވެ.

"އިމީ އަމިއްލައަށް ބާލީހާއި ހަގްކުރާހިތުން އުޅޭއިރު ކީއްކޮށްދެވޭނީ. އިމީ އަހަންނަކަށް ބޭނުން ނުވެއެއްނު، އެހާދުވަސް ކޮށްލާފައި އައީމަވެސް ހަގް ކޮށްލާކަށްވެސް ނުކެރުނު....." ސާރާ ދެތިކިޕީއެއް ފޮނުވައިލިއެވެ.

"އޭރު ހުރީ ޕްލާސްޓަރު އަޅާފައޭ. ހޫމް. މިހާރު ހިތަށް އަރާނެ ބާތުޓަބަށް އެރުނީވެސް ޕްލާސްޓަރުގަޑާއިއެކު ގައޭ. ޔޫ ނޯ ވަޓް. އަހަރެންނަށް އެހުރިހާ ގޮތްގޮތްވާން ފެށީ ސާރާ ފެނުމަށްފަހުގަ. އޭގެ ކުރިން ހިއްސުތަކުގައި ގަނޑުފެން އަޅާފައި ހުރީ، އެދެއަހަރު ތެރޭގައި ދުވަހަކު އަންހެންކުއްޖަކަށް ބޭނުމެއްނުވޭ، ކައިއާ މެރީކޮށްގެން ހުރިއިރުވެސް އެހާވަރަށް އަންހެނަކަށް ބޭނުން ނުވާވަރަށް އެދުވަހު ބޭނުންވި ސަބަބަކީ ސާރާ، ގަބޫލުކުރިޔަސް އެވަގުތުގައިވެސް އަހަރެންގެ ހިތުގައިވީ ސާރާ......" މަޑުމަޑުންގޮސް އައްމާރުގެ ހިތުގައިވާ ޝުއޫރުތައް ހާމަކުރަންފެށިއެވެ.

"ވެލް....ނޭގޭ ބުނާނެ އެއްޗެއް ވެސް......" ސާރާ ލަދުގަންނަގޮތްވިއެވެ.

"މިހާރު ތި މޫނުކޮޅު ދެކެލާ ހިތްވެއްޖެ، ވަރަށް ރެޑްވެފަތަ؟ ފޮޓޯއެއް ފޮނުވަބަލަ ޕްލީޒް....." އައްމާރު އެދުނެވެ.

"އިމީ، މިހާރު މާ ދަންވެއްޖެ. ދެން އެހެން ފަހަރަކުން....." ސާރާ ގަޑިއަށް ބަލައިލުމަށްފަހު ކުޑަކޮށް ހިނިތުންވެލިއެވެ. މިރޭ އައްމާރުއާއި ވާހަކަދެއްކުމުން ހިތަށް ލިބުނު އުފާތަކަކީ މިއިން ޒަމާނެއްގައިވެސް އެހިތަށް އިހުސާސްވެފައި ނުވާފަދަ އުފަލެކެވެ. ފޯނު ބޭއްވުމަށްފަހު މޭގައި ކުޝަން ޖައްސާ ބާރުކޮށްލައިގެން އޮތްއިރު އަލަތު ލޯބިވެރިއެއްފަދައިން ދޭތެރެއަކުން ހިނިތުންވެލިއެވެ. އައްމާރުގެ ވާހަކަތައް ހަނދާންވުމުން މޫނުގެ ފިޔާތޮށިކުލަ ބައެއްފަހަރު ގަދަވެލިއެވެ. އައްމާރުއާއިއެކު އުފާވެރި ހަޔާތެއް ލިބިދާނެކަމުގެ އަލި ދޯދިފަށެއް ފެނިލުމުން ހިތަށް ތަސައްލީ ލިބުމާއިއެކު ދެލޯ މަރާލަމުން ޚިޔާލުތަކުގެ ވާދީއަކަށް ގެނބުނެވެ.

އައްމާރު މިފަހަރު އެނބުރި އައުމަށްފަހު ފައިސަލްއާއި ޝުވޭކާރުއާއި ވާހަކަދެއްކުމާއި އެމީހުންނާއި ގުޅިގެން އުޅުން ވަރަށް ބޮޑުތަން ރަގަޅުވިއެވެ. ބީރައްޓެހިކަމާއި ދުރުހިލޭކަމުގެ ފާރު ބިމާއި ހަމަވެގެންދިޔަކަމުގެ އިހުސާސް އެންމެނަށް ކުރެވޭވަރަށް އައްމާރުގެ އުޅުން ތަފާތުވިއެވެ. އެކަނި މަންމަ ކިޔާފައި ގޮވާނުލާ ކަމެވެ. ޝުވޭކާރު ދީފައި ހުރި ސެންޓުތައް ބޭނުންކުރުމުގެ އިތުރުން ވަޒީފާއަށް ދަނީވެސް އެގޭ ކާރުގައެވެ. އަދި ސަބީއާއިއެކު ދުވަސްކޮޅަކަށް މަސައްކަތްކޮށްފައި ބައްޕަގެ ވިޔަފާރީގައި ބައިވެރިވާނެކަމުގައި އައްމާރުވަނީ ބުނެފައެވެ. ސާރާއާއި ޚަލީސީ އެގެއަށް ގެނައުމަށް އެދި ޝުވޭކާރު ބާރުއަޅާވަރުން އައްމާރުވަނީ އެކަންވެސް ކޮށްދޭނެކަމަށް ވައުދުވެފައެވެ. ކާއިއާ އެންމެނަށް ފެންނަ ހިސާބުގައި ދުވަހަކުވެސް ޚަލީސީއާއި އަނގައިން ނުބުނިކަމުގައި ވިޔަސް ސިއްރު ސިއްރުން ޚަލީސީއާއި ވާހަކަދައްކާލާ މެޓާ އެއްޗެހިވެސް ދެއެވެ. ޚަލީސީ އަކީ އައްމާރުގެ ދަރިއެއްކަން އެނގުމަށްފަހު އެހިތުގައި ޚަލީސީއަށްޓަކާ ލޯބި އުފެދުމުން ޚުދު ކާއިއާވެސް ހައިރާންވިއެވެ. އައްމާރުދެކެ ވާ ލޯބީގެ ސަބަބުން އައްމާރުގެ ދަރިފުޅުވެސް ޚާއްސަވީ ބާވައެވެ. އޭނައަށް ދުވަހަކު ދަރިޔަކު ނުލިބޭނެކަން ހިތަށް އަރާފައި ބައެއްފަހަރު ރޮވޭވަރުވެއެވެ. ޑައިރީގައި އަބަދު އެ ޝަކުވާތައް ކޮށްފައި ލިޔެވެއެވެ. އެ ޝުއޫރުތައް ދެކޭނީ ކާކުހެއްޔެވެ؟ އޭނަދެކޭ ގޮތުގައި އޭނަވަނީ ބާކީކޮށްލެވިފައެވެ. މޮޔައެއްގެ ދަރަޖަދީފައި ނަފްސާނީ މީހުން ގެނެސް ދެއްކުމުން މަންމަމެންގެ ވާޖިބު އަދާކުރެވެނީ ކަމުގައި ހީކޮށްފައި އެމީހުން އުޅެނީ އުފަލުގައެވެ.

"ސޯ އަންފެއަރ. މަރުވާނެނަމަ. އިމީވެސް ގެއްލުނީ، މިހާރު ކިހާ ދުރުން އެއުޅެނީ، ބޭބެއަކަށްވިޔަސް ކިހިނެއް ދެން ބޭބެއަކަށްވާނީ؟ މި ދިރިއުޅުންދެކެ ހާދަ ފޫއްސެއްވެޔޭ....." ކާއިއާ މޮޔައެއްހެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި އެނދުގައިވާހާ އެއްޗެއް ބިމަށް ހޫރާލާއި ތަޅުން މަތީގައި އޮށޯވެލިއެވެ. ބަޑިއެއް ލިބޭނެނަމައެވެ. އޭރުން އޭނަ ހުރިހާ އެންމެންގެ ގަޔަށް ބަޑިޖަހާ މަރާލާފައި އަމިއްލައަށް މަރުވެގަންނާނީއެވެ. ސަލާމަތްކުރާނީ އެކަނި ޚަލީސީއެވެ. ކިހާ ލޯބި މައުސޫމް އަންހެންކުއްޖެއް ހެއްޔެވެ؟

"އެކަނި އެފުށްގަނޑު ސަލާމަތްވާނީ، އައި ވިލް ކިލް ދެމް އޯލް...." ކާއިއާ ހަޅޭއްލަވައިގަތަސް އެއަޑު އެހެން މީހަކަށް އިވޭނެކަމެއް ނޭގެއެވެ. އިވޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ހުރީ ބާރުބާރަށް ލަވައެއް ޖަހާފައެވެ. އެންމެފަހުން ރުޅިގަދަވެގެން އައިޕެޑްވެސް ބިންމައްޗަށް ޖަހައިލިއެވެ. އޭސީ ރިމޯޓްވެސް ބިންމަތީގައި ތަޅާ ހަލާކުކޮށްލާފައިވާތީ އޭތި މަސައްކަތްނުކުރުމުން ކޮޓަރި އެހާ ހޫނުވާންފެށިއެވެ.

ހޫނުވާންފެށުމުން ދަތްތަކަށް ތަދުވާހާ ބާރަށް ދަތްވިކައިގެން ހުރެފައި ކޮޓަރިން ނުކުތީ ފިނި އެއްޗެއް ބޯލާހިތުންނެވެ. ކާކޮޓަރިއަށް ވަންތަނުން އަދި ފެނުނީ ހިތަށް ތަދުކުރުވާފަދަ މަންޒަރެކެވެ. އައްމާރު ސާރާގެ އިސްތަށިގަނޑާއި ކުޅެލާފައި ނިކަން ލޯބިން އެއްޗެކޭ ބުނެލާފައި އަދި ކާއިއާ ފެނުމުން ޖިންސްގެ ޖީބަށް އަތް ޖަހާލިއެވެ. އައްމާރުގެ ހަރަކާތް ހުރިގޮތުން ހީވީ ކާއިއާއަށް ފެނުމުން އޭނައަށްވެސް އުދަގޫވީހެންނެވެ. ކާއިއާގެ ހިތުގައި އަނދަ އަނދާހުރި އަލިފާންގަނޑު ހުޅުފަޅައިގެންދިޔައެވެ. ހިތާމައާއި ރުޅި އެކުވެގެންގޮސް އޭނަގެ ތަބީއަތަށް އިންގިލާބެއް ގެނުވިއެވެ. އެވަރުންވެސް ކާއިއާ އަމިއްލަ ނަފުސަށް ބާރު ފޯރުވިއެވެ.

"ލަވްބާޑްސް މިއޮތް ބޮޑު މެންޝަންގައި އެތައް ރޫމެއް ހުރިއިރު ޕްރައިވެސީއެއް ނުލިބުނީތަ؟ " ކާއިއާ ފްރިޖް ހުޅުވާލާފައި އައިސްކްރީމް ތަށިގަނޑެއް ނަގައިގެން އިނގިލިން ކާންފެށީ މީހުން ދަހިވާފަދަ ގޮތަކަށެވެ. އިޝްތިހާރެއްފަދައިންނެވެ. ސާރާ އެއްޗެކޭ ބުނަން އުޅެފައިވެސް ކާއިއާއާއި މެދުގައި ހަމްދަރުދީވިއެވެ. މިގެއަށް އަންނަން ފެށުމުން ކާއިއާގެ ނަފްސާނީ މައްސަލަތައް އުޅޭކަން ފާހަގަކުރެވި އެކަމާއި ދެރަވިއެވެ. ކާއިއާގެ މުސްތަގުބަލާއިމެދުވެސް ވިސްނިއެވެ. ސަބީފަދަ އައްމާރުގެ އެކުވެރި ޒުވާނަކާއި ކާއިއާ ގުޅޭނެނަމައެވެ.

"ކައި......" ސާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"މާ ސްވީޓްވާނެ ކަމެއްނެތް. ބޭނުމެއްނޫނޭ ކަލޭމެންނާއި ވާހަކަދައްކާކަށް......" ކާއިއާ ވާހަކަދެއްކީ ވަރަށް ފޫހިވެފައި ހުރެއެވެ. އަދި ބާރުބާރަށް އެތަނުން ނުކުމެގެން ދިޔުމުން އައްމާރު ފުންނޭވައެއްލިއެވެ. އައްމާރުހުރީ އެކަމާއި ވަރަށް ދެރަވެފައިކަން ސާރާ ދެނެގަތެވެ. ކޮންފަދަ އުދަގޫކަމެއްހެއްޔެވެ؟ ކާއިއާ ލޯބިވަނީ ބޭބެދެކެއެވެ. އައްމާރުގެ ހިތުގައިވާ ހުސްކަން ފަޅުފިލުވާދޭނެ ބައިވެރިޔަކު ކައިރީގައި ހުރިއިރު ކާއިއާއަށް އެފަދަ ނަސީބެއް ލިބިފައެއްނުވެއެވެ. ހިތުގައިވާ ޒަޚަމްތައް ފަސޭހަވާން ވަރަށްދުވަސް ނަގާނެއެވެ.

ޝެހެނާޒާއި ބައްދަލުކުރަން މީހަކު އައިސްފާ ހުރި ވާހަކަ ބުނުމުން ޝެހެނާޒް ނުކުތްއިރު ދޮރުމަތީގައި ހުރި މީހާ ފެނުމުން ޝެހެނާޒްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެނގޭވަރަށެވެ. މޫނުމަތީގައި ދޮރުލައްޕާލަންވެސް ހިތް އެދުނެވެ.

"ކީއްކުރަން އަހަރެން ހޯދަނީ؟ " ޝެހެނާޒް ރުޅިވެރިގޮތަކަށް ސުވާލުކުރިއެވެ.

(ނުނިމޭ)

infinity loading...
×
DB released 01.