Sun Online

ގެނބިގެން ނުދަނީސް

ލިޔުނީއައިޝާ ނަސީމް

ކާއިއާ ސިޑިމަތީގައި ހުރިއިރު އައްމާރުއާއި ސާރާގެ ގާތްކަން ފެނިފައި ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވިއެވެ. އޭނަގެ ލޮލަށް ޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ.

"ކިހިނެއް ދެން ހަދާނީ؟ އަބަދު ފެންނާނީ އެމަންޒަރު، މިގޭގައި ދެލޯ މަރާލައިގެން ނުހިގޭނެ. ސާރާ ގަސްތުގައި ޖެއްސުމަށް އަހަންނަށް ދެއްކެންވެގެން އެއުޅެނީ. މާ ރޮމެންޓިކް ކަޕްލްއަކަށްވެގެން ދެން މަށަށް ފެންނަހާ ތަންތާ ހަގްކޮށް ކިސްވެސް ކުރާނެ.."

"............ ޔޫ އިމީ." ކާއިއާ ފާރުގައި ދެއަތުން ތަޅައިގަތެވެ. އެންމެފަހުން ރުޅިގަދަވެގެން ކުރާނެކަމެއް ނޭގިގެން އޭނަ ކަބަޑް ހުޅުވާފައި ބަލައިލިއެވެ. ގަވާއިދުން ކާން ޖެހޭ ބޭސްތައް ނުކައި ރައްކާކޮށްފައި ހުރުމުން އޭގައި އެތައް ބޭސްގުޅަތަކެއް ހުއްޓެވެ. އެބޭސްތައް ކައިގެން އަބަދަށްޓަކާ ނިދާލައިފިއްޔާ އޭނައާއި އެހެންމީހުންގެ ބޮލުގެ ރިހުން ކެނޑިދާނެއެވެ. މިހާލުގައި ދިރިހުރުމުގެ މާނައެއްނެތެވެ. އަތަށް ބޭސްގުޅަތައް ލައިގެން އަނގަޔާއި ހަމަޔަށް އަތް ގެންދިޔަތަނާ ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު ނުދަންނަ ނަމްބަރެކެވެ.

"މިގަޑީގައި މިގުޅަނީ ކާކުތަ؟ މަރުވިޔަދޭކަށްވެސް ނޫޅޭ. ވަރަށް ފޫހިވޭ...." ކާއިއާ ކުދިކިޔަކިޔާ ހުރެވެސް އެއީ ކާކުކަން ބެލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދި ފޯނުނެގިއެވެ. ވަރަށް ފިރިހެންވަންތަ އަޑެކެވެ. ކޮންމެވެސް ތާކުން އިވޭ ދަންނަ އަޑަކާއި ވައްތަރެވެ. ކާއިއާގެ ކައިރިން އެޒުވާނާ އެދުނީ އޭނައާއިއެކު ކޮފީއަކަށް ދާށެވެ. ކާއިއާ ވަރަށް ހައިރާންވިއެވެ. ކޮފީއަކަށް ދާންވެގެން މިގަޑީގައި ޒުވާނަކު ގުޅީމަ އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ޑޭޓަކަށް މީހަކު ނާހާތާ ކޮން ޒަމާނެއް ހެއްޔެވެ؟ ކާއިއާ އަތުގައި ހުރި ބޭސްގުޅަތަކަށް ބަލާލާފައި މަޑުމަޑުން ހިނގާލާފައި ގޮސް ފާޚާނާ ތަށިތެރެއަށް ލާފައި ފްލަޝްކުރިއެވެ.

"އަޑު ވަރަށް ރީތި، ކޮންމެހެންވެސް އެއީ ކާކުކަން ދެނެގަންނަން ޖެހޭނެ. އައި ނޯ ދެން އެހެން ފިރިހެނަކަށްޓަކާ މިހިތުގައި ވިންދު ނުޖަހާނެކަން، އަހަރެންގެ ލޯބިވެރިޔަކީ އެކަނި އިމީ. ބޭބެއަކީވެސް ލޯބިވެރިޔަކީ އަދި ފިރިޔަކީވެސް އެއީ....." ކާއިއާ ހިތާހިތުން ކިޔައިލިއެވެ. ކާއިއާ އަލަމާރިން ހެދުން ނަގައިގެން ތައްޔާރުވާންފެށިއެވެ. ލުއިކޮށް މޭކަޕްކޮށްލާފައި ސެންޓުވެސް ޖެހިއެވެ.

"ކިހިނެއް އަހަރެން ތިރިއަށް ދާނީ؟ މިގޭގައި އަހަރެން ގެންގުޅެނީ ކްރިމިނަލްއެއް ހެންނޭ. ފައިގާ ޓެގް ނާޅުވާކަން.........." ކާއިއާ އެއްވެސް ކަމެއް އެމީހަކަށް ސިއްރުކުރާކަށް ބޭނުމެއްނުވިއެވެ.

"އެއީ ކީއްވެގެންނޯ...." އެޒުވާނާ އަހައިލިއެވެ.

"އަހަރެން ސައިކޯ ޕޭޝަންޓެއްވީމަޔޯ....." ކާއިއާ ޖެހިލުމެއްނެތި ބުނެލިއެވެ.

"ވަޓް؟ ސައިކޯއޭ، ހަމަ ތެދެއްތަ؟ ތިހާ ރީތިކުއްޖަކު މޮޔައެއްނުވާނެ. އަހަރެން ގަބޫލެއްނުކުރާނަން....." އެޒުވާނާ ހައިރާންކަން ފާޅުކުރިއެވެ.

"ބަލާބެލުމަށް ރީތި ހުރިހާ އެއްޗެއް އަދި ޕާފެކްޓްނުވެ ހިނގައިދާނެކަން ނޭގޭކަން ހާދަ ދެރައޭ. އަހަރެންދެކެ މިގޭ މީހުންވެސް ބިރުގަނޭ........."ކާއިއާ ހިނިގަނޑެއް ޖަހައިލިއެވެ.

"އެހާ ނުރައްކާތެރިތަ؟ " އެޒުވާނާއަށް މަޖާވިއެވެ.

"ކްރިމިނަލްއެކޭ ތަފާތެއްނުވާނެ، އަމިއްލައަށް މަރުވާން އުޅޭ މީހަކަށް އެހެންމީހެއްގެ ފުރާނަ މުހިއްމެއްނުވާނެ ދޯ. ތެދަށް ބުނަންޏާ އަހަރެން ބޭހެއް ކާންވެގެން އުޅެނިކޮށް ތިގުޅުނީ. މިވަގުތު މަރުވާން ނެތީމަ ކަން ނޭގޭ. ޕްލަސް މި ކޯލްއައިކަން ވަރަށް ރަގަޅު، އަހަރެން ބޭނުމެއްނޫނޭ އެހާވަރުން މިއަދު މަރުވާކަށްވެސް ޔޫ ނޯ. މިއަދަކީ އަހަރެންގެ ހަޒްބެންޑްގެ މާމަވެސް ނިޔާވި ދުވަސް. އަހަންނަށް ރަގަޅީ އަހަރެން މަރުވާދުވަހަކު އެހެން މީހަކު މަރުނުވިއްޔާ.. އައި މީން ފްރޮމް މާލެ. އެހެންވީމަ ވަރަށް ތޭންކްސް އޮން ޓައިމަށް ހުއްޓުވީމަ. ތިއީ ޖިންނިއެއްތަ؟ އެހާ ރަގަޅު ޓައިމަށް ހަމަ ގުޅަން އެނގުނީ......." ކާއިއާ ވާހަކަދައްކާ ގޮތުންވެސް އޭނައަކީ ހަމަނުޖެހޭ ކުއްޖެއްކަން ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެއެވެ.

"ހެހެ. ވެދާނެ. އެދުވަސްވެސް ސްޕެޝަލް ވާންޖެހޭނެ ދޯ. ހޫމް ދެން ތިރިއަށް އާދެބަލަ. ކާރުގައި ވެއިޓިންއޭ. މިހެންދަމުން ގުޅާލަން ހަމަހިތަށް އެރީ......." އެޒުވާނާ ބުނަމުން ދިޔައެވެ.

"ކޮންކުލައެއްގެ ކާރެއްތަ؟ " ކާއިއާ އަހައިލިއެވެ.

"ބްލެކް......" އެޒުވާނާ ކުލަ ބުނެދިނެވެ.

"އައިލަވް ބްލެކް. މަގޭ މޫޑާއި ނިކަން ގުޅޭ. އެނީވޭސް އެންމެނަށް ސިއްރުން ތިރިއަށް ދެވެންޏާ ވިލް މީޓް ޔޫ، ކާކުކަމެއް ނޭގުނަސް މިރޭ މިހިރީ ކޮފީއަކަށް ދާހިތްވެފައިހެން ހީވޭ......." ކާއިއާ ހީލިއެވެ. ހަގީގަތުގައި އައްމާރުއާއި ސާރާއަށް ދައްކަން އެހެން މީހަކާއި ވާހަކަދައްކަންވީއެވެ. އޭނަ އެކަނިމާ އެކަނި ހުރެ ހިތާމަކުރިޔަސް އައްމާރުގެ ހިތަށް އަސަރުކުރަނީއެއްވެސް ނޫނެވެ. ބޭބެއަކަށް ރަސްމީކޮށް ވެގެން އޭނައާއި ގުޅުން ކަނޑާލަންވެގެން ސާރާވެސް ގެނެސް މިގެއަށް ވައްދައިފިއެވެ. ދަރިއެއް ހޯދައިފިއެވެ. އޭނަ މުޅިން ބާކީކޮށްލިއިރު ހިތަށް އެއްޗެއް ހަމަ ނޭރީހެއްޔެވެ؟ ކާއިއާ ރުޅިގަދަވާން ފެށުމުން ބާރުބާރަށް ހިނގާފައިގޮސް ދޮރު ހުޅުވައިލިއިރަށް ސާރާ ގޮވައިލިއެވެ.

"ކައި. ވިއްސާރަ ވެހެނިކޮށް ކޮންތާކަށް؟ " ސާރާ ހުރީ ނުތަނަސްވެފައެވެ.

"އިޓްސް ނޮން އޮފް ޔޯ ޑޭމް ބިޒިނަސް އޯކޭ...." ކާއިއާ ރުޅިއަންނަގޮތްވިއެވެ. ކިތަންމެ ރުޅިގަދަވިޔަސް ވާރޭ ބޯކޮށް ވެހޭތީ ތެމިގެން ދާނެ ހިތްވަރެއް ނުކުރެވުނެވެ. އޭނައަކީ އަބަދުވެސް ފިންޏަށް ބަލިކުއްޖެކެވެ.

"ކައި. އަހަރެން ކެއަރ ކުރާތީ މިހެން އެހީ. އެކަނިމާ އެކަނި މިހާ ވިއްސާރަ ރެއެއްގައި ބޭރަށް ގޮސްގެން އުޅެނިކޮށް ދެރަގޮތެއް ވެއްޖެއްޔާ އަހަންނަށްވެސް އުދަގޫވާނެ. އަހަރެންގެ ކޮއްކޮއަކަށް ދެރަގޮތެއްވެފައިވާތީ އެފަދަ ގޮތެއް އެހެން ކުއްޖަކަށް ވާކަށް ހިތެއްނޭދޭ......" ސާރާ ހަނދާނަށް އައީ ސަނާއެވެ.

"ދެން ހެވޭ. އަހަރެން މަރުވިޔަސް ސާރާ ބެހޭކަށް ނުޖެހޭނެ. ތިއީ ކާކު އަހަރެން ކުރާ ކަންތަކަށް ގޮތް ކިޔަން؟ ތިއީ ކާކު އަހަންނަށް ފާރަލައިގެން އުޅެން. ތި މޫނު ފެނުނަސް އަހަރެން ފޫހިވޭ، އައި ހޭޓް ޔޫ، އެނގިއްޖެތަ؟ "ކާއިއާ ސިޑިން އަރައިގެން މައްޗަށް ދިޔަގޮތަށް ވާރޭ ކޯޓު ގަޔަށް މަހާލައިގެން އެހާ ބާރުމިނުގައި ނުކުމެގެން ދިޔަތަން ފެނިފައި ސާރާ ހާސްވިއެވެ. އޭނަ ވަގުތުން އައްމާރުއަށް އެ ޚަބަރު ގެންގޮސްދިނެވެ. އައްމާރު ބުނީ ކާއިއާ ބޭރަށް ދިޔައީ އޭނަ އިތުބާރުކުރާ ފަރަތާކާއިއެކު ކަމަށާއި ކާއިއާ އޭނަގެ މަތިން ހަނދާން ނައްތާލަން ސަބީ އެހީވެދޭނެކަމަށް ޔަގީންކުރާކަމަށެވެ.

"އެކަމަކު އެންމެ ގާތް އެކުވެރިޔާއަށްވެސް ޓްރަސްޓްކުރާކަށް ނުވާނެ. ޝީޒް ޔޯ ސިސްއޭ....." ސާރާ އައްމާރުއަށް އެއީ ކޮއްކޮކަން ކޮންމެ ދަނޑިވަޅެއްގައި ހަނދާންކޮށްދޭން އުޅޭކަން އައްމާރުއަށް އެނގުނެވެ. ގިނަގިނައިން ކިޔާވަރަކަށް ސިކުނޑިއަށް އެކަން ގަބޫލުކުރަން ފަސޭހަވެސް ވަނީއެވެ.

އެރޭ ކާއިއާއަށް ފުރަތަމަ ފަހަރަށް ސަބީ ތައާރަފުވިއެވެ. ސަބީދެކެ ރުހެވޭ ކަހަލަ ގޮތެއްވިނަމަވެސް އެހާ ފަސޭހައިން އޭނަ އައްމާރުދެކެ ވާ ލޯބި ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އޭނަ ސަބީއާއި އެކު ގަޑިއެއްހާއިރު ވަންދެން އަނގަތަޅާލަން އިނެވެ. އައްމާރުގެ އެކުވެރިއެއްކަން އެނގުމުން ދެމީހުން ރާވައިގެން ކުރާކަމެއްތޯވެސް އަހައިލުމުން ސަބީ ހިނގަނޑެއް ޖަހާލާފައި ބުނީ އެހެނެއް ނޫންކަމުގައެވެ. އޭނައަށް އަބަދުވެސް ކާއިއާ ރީތިކަމަށާއި ވާހަކަދައްކާލާނެ ވަގުތެއް ނުވެފައި ހުންނަ ކަމުގައެވެ. އެރޭ ކާއިއާ ގެއަށް އައިއިރު އޭނަ ހުރީ ފުދޭވަރަކަށް ހަމަޖެހިފައެވެ. އައްމާރުއާއި ދުރަށް ދިޔުމަށް އަމިއްލަ ޟަމީރު ބާރުއަޅަންފެށީ މިރޭ ސަބީއާއި ދެމީހުންގެ ބައްދަލުވުމަށްފަހުގައެވެ. ހަގީގަތާއި ކުރިމަތިނުލާ އޭނަ ދުރަށް ދުވުމުގެ ބަދަލުގާ އައްމާރުއާއި އޭނައާއި ދެމެދުއޮތް ގުޅުން ގަބޫލުކުރަން އެބަޖެހެއެވެ. ހަރާމް ގުޅުމަކަށްޓަކާ ހިތުން ޖާގަދޭކަށް ނުވާނެއެވެ. އެނދުގައި އޮށޯތްގޮތަށް ކާއިއާ ޑައިރީގައި ހިތުގެ ޝުޢޫރުތައް ފާޅުކޮށް ލިޔުނެވެ. ބޯވިލާތަކުގެ ތެރެއިން އިރުގެ އަލިކަން ފާއްދާލުމަށް މާ ގިނައިރުތަކެއް ނުވާނެއެވެ. ހަޔާތަށް އެޅިފައިވާ ބަނަ ވިލާގަނޑުވެސް އަބަދަކު ބޯމައްޗަކު ނޯންނާނެ ނޫންހެއްޔެވެ؟ ކާއިއާގެ މުސްތަގުބަލާއިމެދު އެރޭ ކުޑަ ކުޑަ އުއްމީދެއް ލިބުނެވެ.

ރައިޝާގެ ދެމަފިރިން ދިން ދައުވަތަކަށް އައްމާރުއާއި ސާރާ އަދި ނީޒާވެސް އެގެއަށް ދިޔައެވެ. ކުޑަ ސަޔަކަށްފަހު ސިޓިންރޫމްގައި ވާހަކަދައްކަން ތިބިއިރު ރައިޝާގެ ފިރިމީހާ އަނިލް ދެއްކި ވާހަކަތަކުން އައްމާރު އިނީ ހައިރާންވެފައެވެ. ޖިދާންއާއި އަނިލްގެ އެކުވެރިކަން ނިމުމަކަށް އައީ އޭނަ ބުނާގޮތުން ޖިދާން މަސްތުވާ އެއްޗެހީގެ ވިޔަފާރިކުރަން ފެށުމުންނެވެ. މިހާރުވެސް އެކަންތައް ހުއްޓާނުލާ އޭނައަށް ކުރިޔަށް ގެންދާކަމާއިމެދު ޝައްކެއްނެތްކަމުގައި އަނިލް ބުނެލިއެވެ.

"ޖިދާންގެ އުޅުން ބަދަލުކުރަން ވަރަށް ނަސޭހަތްދިނިން، އެންމެފަހުން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެފައި މިހާރު ނަގާނެ ވަރެއްވެސް އެނގެނީއެއްނޫން. ކޮންތާކުން ހޯދާ ފައިސާއަކުން އޭނަ އެހެރަ ގެތައް ގަނެލަނީ؟ މިހާރު މެލޭޝިއާއިންވެސް ގެއެއް ގަނެފި. އަންހެނުން އިނީ ބަލިވެކަމަށް އިހަށް ދުވަހު ދިމާވެގެން ބުނި. އަދި އެނގޭތަ؟ އަހަރެން އެންމެ ފޫހިވީ ސާރާކަހަލަ ރަގަޅު ފަހަރިއަކަށް އޭނަ ދޭން އުޅުނު ލަނޑު އެނގުނީމަ، އޭނަ ބުނީ އެރޭ ތިމަންނަގެ ނަސީބު ދެރަކަމުންނޯ ސާރާގެ ގަޔަށް ނޭރުނީ. ތިމަންނައަށްވެސް ބޮއިގެން ހުރެވުނީމަޔޯ. އަދި ކިތަންމެ ދުވަހެއްވިޔަސް އެކަންތައްވެސް ކުރާނަމޯ ކިޔައިގެން އަދި ވީޑިއޯ އެޑިޓްކޮށްލީ. ސަނާކަހަލަ ރަގަޅު ކުއްޖެއްވެސް އޭނަ ހައްދާލައިގެން ރޫމަށް ގެންގޮސް އެއްދުވަހު ބޯންދީގެން ރޭޕްކުރީ، ދެން ފަހުން ސަނާ ބްލެކްމެއިލް ކޮށްގެން އެކަންތައްކުރިއަށް ގެންދިޔައީ. އެންމެފަހުން އޭނަ ހިތްފުރޭވަރުވުމުން ސަނާ މަރާލީ އޭނަގެ ނުބައިކަން ފަޅާއަރާފާނެތީކަމަށްވާނީ. އަދި ސަނާއާއި ސަރާ ވައްތަރުވީމަ ސަނާ ލާފައި ސާރާގެ ވީޑިއޯ ހެދީ. އޭނަ ވަރަށް ކަންތައް ހިންގާލިއޭ.......ފިސާރި ފިރިހެނެއް އެއީ......" އަނިލް އެފަދަ މީހަކާއި އެކުވެރިކަން ބޭއްވުނުކަމަށްޓަކާ ހިތާމަކުރާ ވާހަކަ ބުނެލިއެވެ. އޭނަވެސް އެހުރިހާ ކަންތައްތައް ސިއްރުކޮށްލައިގެން ހުރީ ޖިދާންގެ ގޭންގުގެ ފަރާތުން އޭނަގެ އާއިލާއަށް ގޯނާތައް ކުރިމަތިވެދާނެތީއެވެ. އަންހެންކޮއްކޮއާއި މަންމަގެ ރައްކާތެރިކަމަށްޓަކައެވެ. ރައިޝާވެސް ޖިދާންގެ ފަރާތުން ސަލާމަތްކުރަން އަޒުމް ކަނޑައަޅައިގެން ހުއްޓާ އޭނަގެ ނަސީބު އަތުގައި ހިފީއެވެ.

އެމީހުން ވާހަކައިގާ ތިއްބާ ޓީވީއިން ބްރޭކިން ނިއުސް އަރަން ފެށުމުން އެންމެންގެ ދެލޯތައް އަމާޒުވީ ޓީވީއަށެވެ. ޚަބަރުން ދެއްކީ މިނިސްޓަރަކު މަސްތުވާ އެއްޗެހީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވާހަކައެވެ. ޖިދާންގެ ފޮޓޯ އެރުވުމުން އައްމާރު އަނިލްއަށް ބަލައިލުމުން އަނިލް މަ ބުނިގޮތަށް ވީ ނޫންހެއްޔޭ ބުނެލިއެވެ.

"އެނގޭ ކޮންމެވެސް ދުވަހަކުން އޭނަ ބަސްޓުވާނެކަން. އިންސާފުވެރިކަމާއިއެކު ޝަރީއަތްކޮށްފިއްޔާ އޭނަ ދުވަހަކު ޖަލުން ސަލާމަތެއް ނުވާނެ. ބަލަން ތިބެމާ. ކޮރަޕްޓް މީހުންވެސް ތަންތާ އުޅޭވިއްޔަ......" އަނިލް ހީލިއެވެ. ޖިދާން ހައްޔަރުކުރިއިރުވެސް އޭނަގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ބޮޑާކަމެވެ. ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު ތުންފަތުގައި މަލާމާތުގެ ހިނިތުންވުމެއްވިއެވެ.

"އެހާ ނުފޫޒުގަދަ މީހަކު މާ ގިނަ ދުވަހަކު ޖަލުގައި އޮންނާނެހެން ހިޔެއްނުވޭ. އެއީ ނިކަމެތިންގެ ތަނެއްނު ދޯ. މޮޅުމީހުން ވެއްޖެއްޔާ ބަލިވެގެންނޭ ކިޔާފައި ނަމަވެސް ވަރަށް އަވަހަށް ސަލާމަތްވާނެ........." ސާރާއަށް ބުނެވުނެވެ. އައްމާރުވެސް އެކަމަށް ތާއީދުކުރުމުގެ ގޮތުން ހީލާފައި ސާރާގެ ކޮނޑުގައި އަތް ބާއްވާލަމުން ކައިރިކޮށްލިއެވެ. ހަގީގަތަކީވެސް އެއީއެވެ. ގިނަފަހަރު ހުރިހާ ތަނެއްގައިވެސް ނިކަމެތިމީހާއަށް ނިކަމެތިކަމެވެ. މޮޅުމީހުންނާއި މުއްސަދިންނަށް ފައިސާގެ ބާރުގައި ނުވާނެކަމެއް ނޯންނާނެއެވެ. ޖިދާން ސަނާ މަރާލުމަށްފަހުގައިވެސް އެކަމުގެ ސަޒާ ނުލިބި އެއުޅުނީ ކޮންފަދަ އުފަލާއި ނިއުމަތުގައިހެއްޔެވެ؟ ކޮންމެ ކަމަކަށްވެސް ކަނޑައަޅާފައިވާ ވަގުތެއްވަނީއެވެ. ފާފަވެރިންނަށް މިދުނިޔެއިން އަޒާބު ނުލިބުނަސް އެކަން ދެކޭނެ ދުވަހެއް އެބައޮތެވެ. އަނިލް ހާމަކުރި ސިއްރުތަކަށްފަހުގައި އައްމާރު އަނިލްއާއި ހިއްސާކުރަން ބޭނުންވި ސިއްރެއް އޮތެވެ. އޭނަ އަނިލް އެކަނިކޮށްލާފައި އަނިލްގެ ކޮއްކޮ ނަވީންގެ ނުބައިކަން ހާމަކުރިއެވެ. އޭނަ ނަބީލާވިލާގައި ހުއްޓާ އެގެއަށް ވަދެ ނަވީންއާއި އެކުވެރިޔަކު ބައިވެރިގެން އެހެން ގޭންގެއްގެ ޒުވާނަކު މަރާލިތަން އައްމާރުގެ ލޮލުން ދެކުނު ކަމަށާއި އެކަމަކުވެސް އޭނަ އޭރު އަމިއްލަ ނަފުސްދެކެ ފޫހިވެފައިވާ ދަނޑިވަޅަކަށްވާތީ އަމިއްލައަށް ގޮސް އެ ވަޅީގައި ހިފާ އޭނަ ކުރިކަމެއްކަން ސާބިތުކޮށްދިންކަމުގައި ބުނުމުން އަނިލްއަށް ޝޮކެއް ލިބުނެވެ. އެންމެންވެސް ހީކުރީ އައްމާރުއަކީ ގާތިލެއްކަމުގައެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް މީހުން މަރާ މީހެއްކަމުގައެވެ. ނިމުނުއިރު ހަގީގީ ކުށްވެރިޔާއަކީ މުޅިން އެހެންމީހެކެވެ.

"ނަވީންގެ އުޅުން ވިޔާނުދާކަމުން މަންމަ ކުރާ ހިތާމަ އަހަންނަށް އެނގެނީ، އެ ގޭންގުތައް ހުއްޓުވަން އަހަރެން ކިތަންމެ ވަރަކަށް މަސައްކަތްކޮށްފިން އެކަމަކު އެކަމެއް ނުވޭ. ކޮންމެވެސް ދުވަހަކުން ނަވީންގެ ފުރާނައިންވެސް އޭގެ އަގުއަދާކުރަން ޖެހިދާނެ. މީހަކު ދޭ ނަސޭހަތެއް ގަބޫލުކުރާނެ ނަމަ. ކޮންމެގޮތެއް ހަދާފައިވެސް އަހަރެން ނަވީން ލައްވާ އިއުތިރާފުކުރުވާނަން. ނާއްޓޭ މަރާލީ ނަވީކަމަށް އެއްބަސްކުރުވާނަން. ޔޫ ނޯ ވަޓް؟ އިހަށް ދުވަހުވެސް ނަވީއަށް ކޮންމެވެސް މީހަކު ތްރެޓްކުރި. އޭނައަށް އެންމެ ސޭފްވާނީވެސް ޖަލުގައި ހުރީމަކަން ޔަގީން. ކޮންމެ ފަދަ މީހަކަށްވިޔަސް އަމިއްލަ ކޮއްކޮއަށްވީތީ ހެލްޕްވާން އަހަންނަށް މަޖުބޫރު. އިމީ ތޭންކްސް ހަގީގަތް ހާމަކޮށްދިނީމަ...." އަނިލް ހާސްވެގެން ދެކޮޅަށް ހިނގަންފެށިއެވެ. ދެއަހަރުވަންދެން އައްމާރު އެ ސިއްރު ހިފަހައްޓާލިގޮތާއިމެދު އޭނަ ހައިރާން ހީވިއެވެ. އައްމާރުއަކީ ސިއްރުވެރި ހިތްވަރުގަދަ ފިރިހެނެކެވެ. އަނިލްގެ ހިތް އޭނައަށް ތައުރީފުކުރިއެވެ. އެކަމަކު އެކަމާއި ދެކޮޅަށް ކުޑަކޮށް އަޑުއުފުލިއެވެ. ހަގީގީ ކުށްވެރިޔާއަށް އަދަބުނުލިބި ދޫކޮށްލެވުމުން ފަހަރެއްގައި އަދި ހިތާމަވެރި ހާދިސާއެއްވެސް ހިނގާފާނެއެވެ.

ޑިނަރ ނިމިގެން އައްމާރުގެ ދެމަފިރިން ނީޒާއާއި ރައިޝާ ގެއަށް ގެންގޮސްދީފައި އައި މަގުމަތީގައި ކުޑަކޮށް ވާރޭވެހެމުން ދިޔައެވެ.

(ނުނިމޭ)

infinity loading...
×
DB released 01.