Sun Online

ގެނބިގެން ނުދަނީސް

ލިޔުނީއައިޝާ ނަސީމް

އައްމާރު ސާރާގެ އަތްތިލައިގާ ހިފާލުމުން ސާރާ ހީފިލާގޮތްވިއެވެ. އެކުޑަ އަދާއިންވެސް ހިތާއި ކުޅެލިއެވެ. ޑިނަރ ނިމިގެން އައްމާރުގެ ދެމަފިރިން ނީޒާއާއި ރައިޝާ ގެއަށް ގެންގޮސްދީފައި އައި މަގުމަތީގައި ކުޑަކޮށް ވާރޭވެހެމުން ދިޔައެވެ.

"އަހަރެން މިހާ ކައިރީގައިވާއިރުވެސް ކީއްވެ ދުރުން މިއުޅެވެނީ؟ ސްޓިލް ފޮގިވް ނުކުރާނީތަ؟ "އައްމާރު އެހިއެވެ.

"ފޮގިވްކުރީމައެއްނު އިމީއާއިއެކު މިއުޅެނީ. އެހާ ޓަފްއިރުވެސް. ކައި އެހާ ހިތްހަމަނުޖެހޭއިރުވެސް އިމީމެންގެ ގޭގައެއްނު މިހިރީ........" ސާރާ ފުންނޭވަޔެއް ދޫކޮށްލިއެވެ.

"ސާރާ ބުނީމެއްނު ދަރިފުޅަށްޓަކައޭ....." އައްމާރު ހަނދާންކޮށްލަދިނެވެ.

"ދެން ނޭގޭ....." ސާރާގެ ހިތަށް އުދަގޫވިއެވެ. އަދިވެސް އެދޭތެރޭގައިވާ ގަނޑުފެން މުޅިން ވިރުވާނުލެވިގެން އުޅެނީ ކީއްވެހެއްޔެވެ؟ އައްމާރު ދުރުން އުޅެނީ ކީއްވެހެއްޔެވެ؟ ނިދާއިރުވެސް ދެމީހުންގެ ދޭތެރޭގައި ހުރަކަށް ބާލީހާއި ކުޝަންތައް ޖަހަންވަނީ ކީއްވެބާވައެވެ. އެހެން ގަޑިތަކުގައި އައްމާރު ލޯބިން އަތުގައި ހިފާލުން ފަދަ ކަމެއްކޮށްލިޔަސް ކޮޓަރީގައި އެކަނިވުމުން އައްމާރު ބީރައްޓެއްސަކާ ތަފާތެއް ނުހުރެއެވެ. އެހެން ހަދަންވީ ސަބަބެއް ސާރާއަކަށް ނޭގެއެވެ. އައްމާރު ލޯބިވާކަމެއްވެސް އެނގެނީއެއްނޫނެވެ. ކުރިން ހާދަ ރޮމެންޓިކް ބައިވެރިޔެކެވެ. އެހަނދާންތައް އާވެފައި ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ހުޅުވާފައި ހުރި މާ ވިއްކާ ފިހާރައަކަށް ވަދެފައި އައްމާރު ގަނެލައިގެން އައި ރަތް ފިނިފެންމަލުގައި ވާރޭގެ ތިކިތައް ބޮސްދެމުން ދިޔައިރު އެމަންޒަރު ހާދަ ނަލައެވެ.

"ކާކަށްދޭން؟ " ސާރާ އަހައިލިއެވެ.

"އަހަރެން މާ ދޭނެ އެހެން އަންހެނަކު މިހާރު މި ދުނިޔެއަކު ނުވާނެ. ޓްރަސްޓްމީ ބޭބީ. ކައިއަކީ ސިސްކަން އެނގުމަށްފަހު އަހަރެން މިވަނީ ކައިގެ މަތިން ހަނދާން ނައްތާލުމުގައި ގާތްގަނޑަކަށް ކާމިޔާބުކޮށްފައި، މިހާރު އެރޮގުން އޭނައަށް ބަލައިލުން ފަސޭހަކަމަކަށްވެސް ނުވޭ. ސްޓިލް ތެދަށް ބުނަންޏާ ކުރީގެ ޚިޔާލުތައް ކޮންމެވެސް ވަރަކަށް އުދަގޫކުރުމުން ލަދުގަނޭ. އޭރު މޮޔަވިވަރާއި ދެމީހުން ދެއްކި ވާހަކަތައް ހަނދާންވީމަ ނުބައި ގޮތެއްވާނެކަމަށް ސާރާވެސް ގަބޫލުކުރާނެ. އެތައް ޒަމާނެއްވާންދެން ލޯބިން އުޅެފައި އަދި ނުވީތާކަށް އަންބަކަށްވުމަށްފަހުގައި މި ކައިވެނިކުރެވުނީ ކޮއްކޮއާއިކަން އެނގުމުން ދެން ލަދުގަންނާނެވަރާއި ހިތާމަކުރާނެވަރު ބޭބީ ވިސްނާލަބަލަ. އެކަމުން އަރައިގަންނަން އަހަރެން ބޭނުމީ ސާރާގެ ހެލްޕް. ޕްލީޒް އެހީވާނަންތަ؟ ހިތާމައިގެ ކަނޑަށް ގެނބިގެން ނުދަނީސް ހަލާކުނުވަނީސް ސާރާ އަހަންނާއެކު ވާނަންތަ؟ " އައްމާރު މަޑުކޮށްލަމުން ސާރާގެ މޫނުގައި ފިނިފެންމަލުން ކާއްތާލިއިރު އަތުގެ އިނގިލިތައްވެސް ބީހިލިއެވެ. އެ ލުއި ބީހިލުމުން ހަށިގަނޑަށް އެނގުންވިއެވެ. ސާރާ ބޯޖަހައިލިއެވެ.

"ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސާރާއާއި ދަރިފުޅު ނެތްނަމަ މިއަދު އަހަންނަށް ޔަގީން ކައިފަދައިން އަހަރެންވެސް ހަމަ ޑިޕްރެޝަންއަށްގޮސް ނިމިގެންކަން ދާނީ......" އައްމާރު ސާރާ ގެނެސް މޭގައި ފޮރުވައިލިއެވެ.

"ލަވް ޔޫ ޓޫ. އަހަންނަށްވެސް އަންޑަސްޓޭންޑްވޭ އިމީގެ ސިޗުއޭޝަނާއި މާޒީގައި ހިނގިކަންތައްތަކުގެ ސަބަބުންކަން އިމީ އަހަންނާއި ވަކިވެގެން ދިޔައީ، ޚަލީސީއަށްޓަކާ އެކަނިއެއް ނޫނޭ އިމީއަށް މާފުދީފައި އެކީގައި އުޅެން މިނިންމީ. އިމީނޫން މީހެއްދެކެ ލޯބިނުވެވޭނެތީ. އަދި އަހަރެމެންގެ ދަރިފުޅަށްވެސް މަންމައާއި ބައްޕަގެ ލޯބި ބޭނުންވާނެތީ. އިމީއަށް މާ ރަގަޅަށްވެސް އިހުސާސް ކުރެވޭނެ މަންމައަކާއި ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވުމުން އުޅެން ޖެހުނު ހާލާއި އެކަމުން ކުރި ނަފްސާނީ އަސަރުތައްވެސް........" ސާރާގެ ނާޒުކް އަތްވެސް އައްމާރު ވަށައިލެވުނެވެ.

ދެމީހުން ތެމިގެންގޮސް ފެންޑާއަށް އެރިއިރު ބެލްކަނީގައި ބަލަންހުރި ކާއިއާގެ ހިތަށް ތަފާތު އަސަރުތަކެއްކޮށް ކަރުނަ ހިލުވައިލިއެވެ. ސާރާދެކެ ރުޅިއަންނަން އުޅުނަސް މިހާރު ސާރާގެ އުޅުން ރަގަޅުކަމާއި އޭނައާއި ވާހަކަދައްކަން މަސައްކަތްކުރާތީ ވާހަކަދައްކާހިތްވެސް ވިއެވެ. ސާރާ އަބަދުހެން ނަމާދުގަޑިއަށް ޓީވީ ނިވާ އެގަޑީގައި ގުރުއާން ޖައްސާތީ އެކަމަށްވެސް ކާއިއާ ހޭނުނެވެ. ސާރާގެ ސަބަބުން ނަމާދުކުރާ ހިތްވިއެވެ. ސާރާ ބުރުގާ އަޅާލެއް ރީތިކަމުން ޝޯލްއަޅަންވެސް ކާއިއާ ބޭނުންވިއެވެ. ޚަލީސީދެކެވެސް އެހިތުގައި އުފެދެމުން އައީ އާދަޔާޚިލާފު ލޯތްބެކެވެ. އަބަދާއަބަދު ޚަލީސީއާއިއެކު ކުޅެ ސަކަރާތްޖަހާ ހިތްވިއެވެ. މަންމަމެން ފެންނަން ތިބިއްޔާ ފޫހިގޮތަކަށް ޚަލީސީއާއި ދިމާލަށް އަޑުލާފައިވެސް ފަހުން ލޯބިން ސޮރީއޭވެސް ބުނާނެއެވެ. ބައެއްފަހަރު ތުއްތު ޚަލީސީ އަށް ކާއިއާ ދަސްނުވާތީ ކާއިއާއާއި ރުޅިވެ ކައިރިޔަސް ދުރުކުރަން އުޅެއެވެ. އައްމާރު ކައިރީގައި ޚަލީސީ ހުރެއްޖެއްޔާ އަދި އަމުދަކުން ބަލައިވެސް ނުލާނެއެވެ. ޚަލީސީދެކެ ކާއިއާ ނަފްރަތުކުރާކަމަށް އައްމާރުއަށް ހީކުރުވަން އޭނަ މަސައްކަތްކުރިއެވެ.

ޝުވޭކާރުއާއި ޝެހެނާޒްއާއި ދެމީހުން އެކީގައި ގިނަ ވަގުތު ހޭދަކޮށް ބާޒާރަށް ގޮސްހަދާއިރު ދެމީހުންވެސް ތިބެނީ ދެމީހުންގެ ދަރިން ގުޅުމުން ލިބުނު އުފަލާއިއެކު ވަރަށް ހިތްހަމަޖެހިފައެވެ. ދެމީހުންގެ އެކުވެރިންގެ ލިސްޓަށް މިހާރު ސަބީގެ މަންމަ އަލީވިއާވެސް އިތުރުވެއްޖެއެވެ. އެގޮތަށް ގާތްވާން މަޖުބޫރުވީވެސް ކިޔަންއާއި ސަބީގެ ކޮއްކޮ ލީސާ ރައްޓެހިވެގެން އެންގޭޖްކުރި ހިސާބުންފެށިގެންނެވެ. މުއްސަދި ވާދަވެރި ދެ އާއިލާއެއްގެ ދަރިންގެ މި ގުޅުން ވެގެންދިޔައީ ހެޔޮފާލަކަށެވެ. ދެ އާއިލާ ގުޅިގެން ވިޔަފާރިކުރަން ހުޅުވުނު ދޮރަކަށެވެ. ލީސާދެކެ ކާއިއާ ފުރަތަމަ ނަޒަރުންވެސް ރުހުނެވެ. އެއީ ކާއިއާފަދައިން ފެޝަނަށް ލޯބިކުރާ އަންހެންކުއްޖެކެވެ. އަދި ސަބީއަކީ އެގޭގެ ދޮށީ ފިރިހެންދަރިފުޅުކަން އެނގުމުން ކާއިއާހުރީ މަޖާވެފައެވެ. ސަބީ އެވަރަށް ފޯނުކުރާއިރުވެސް އޭނައާއި ރައްޓެހިވާކަށް ކާއިއާއަށް ފަސޭހަނުވަނީ އައްމާރުގެ ގާތް އެކުވެރިޔާއަށްވެފައި އައްމާރުދެކެ ވާ ލޯބި ހިތުން ނުފިލާތީއެވެ. އެހިސާބަށް އައިއިރު ދެމީހުންގެ އެކުވެރިކަން ބޮޑުކަމުން ސިއްރުތައްވެސް ހިއްސާކުރެވެން ފެށުނެވެ. ކާއިއާއަށް ކެތްނުވެގެން އަމިއްލަ ބޭބެދެކެ މޮޔަވެފައިވާކަމުގައި ބުނެލިއެވެ. އެއީ އެހާ ފަސޭހައިން ހިތުން ފިލުވައިލެވޭނެ ކަމެއް ހޭ ކިޔާފައި އޭނަ ސުވާލުކުރިއެވެ.

ދިގު ދަންމަން ނަހަދާ ކިޔަންއާއި ލީސާގެ ކައިވެނީގެ ކަންތައް ހަމަޖެހި ފުރިހަމައަށް އިންތިޒާމުކުރެވުނެވެ. ހިތްތަކުން ފިލައިގެން ނުދާނެ ވަރުގެ ޕާޓީއެއް ބޭއްވުނެވެ. އެދެމަފިރިން ޖެހިގެން އައިދުވަހު ހަނީމޫން ދަތުރުގައި ފުރަން ހަމަޖެހިފައިވަނީ ޔޫރަޕަށެވެ. ޕާޓީތެރޭގައި އައްމާރުއާއި ސާރާ ޚަލީސީ ގޮވައިގެން އުޅޭ އުފާވެރި މަންޒަރު ކާއިއާއަށް ފެނުނެވެ. ކިޔަންއާއި ލީސާވެސް އަތުގުޅުވާލައިގެން ތިބިއިރު ކޮންފަދަ އުފާވެރި ޖޯޑެކޭ ހިތަށް ނާރާ މީހަކު މަދުވާނެއެވެ. ޕާޓީއަށް އަންނަ ކޮންމެ ދެމަފިރިއަކުވެސް ބަލާބެލުމަށް އެއުޅެނީ ކޮންފަދަ އުފަލުންހެއްޔެވެ؟ އޭނައަށް ދެން ދުވަހަކުވެސް އެ ނަސީބެއް ނުލިބޭނެއެވެ. ސަބީވެސް ކަޅު ފަޓުލޫނަކާއި ރޮގުދެމި ގަމީހެއްލައިގެން ރަސްމީކޮށް ހުރިއިރު ދޭތެރެއަކުން ކާއިއާއަށް ބަލައިލަނީ ލޯބިންނެވެ. ކާއިއާގެ ހިތަށް އަސަރުކުރިއެވެ. ސަބީ އޭނަދެކެ ލޯބިވާކަމަށް ގަބޫލުކުރެވޭއިރު އެއީ އެއްފަރާތުން ވެވޭ ލޯތްބެއްކަމަށް އޭނަ ގަބޫލުކުރިއެވެ. އޭނައަކީ ދިރިއުޅުން ނާކާމިޔާބުވެ އެކަނިވެރިވެފައިވާ އަންހެންކުއްޖެކެވެ. އެއްވެސް ފަރާތަކަށް އޭނަގެ ހަލާކުވެފައިވާ ހިތަށް ތަސައްލީއެއް ހޯދައެއް ނުދެވޭނެއެވެ. ލޯބި އެލަފުޒުދެކެވެސް އޭނަ ފޫހިވެއްޖެއެވެ.

ވެއިޓަރަކު ތަބަކެއްގައި ޖޫސްގެންދަނިކޮށް ކާއިއާ ޖޫސްތަށްޓެއް ނެގިއެވެ. ދެން ހިނގައިގަތީ ރާޅުޖަހަޖަހާ އޮތް މޫދުކައިރިއަށެވެ. އެހިސާބު އޮތީ އަނދިރިވެލާފައެވެ. އެތަނުގައި ހުރިއިރުވެސް ޕާޓީގެ އަޑު އިވެމުންދިޔައެވެ. އެކަނިވެރިކަމާއި ހިމޭންކަމުގެ ދުނިޔެއެއް މިފަހަކަށް އައިސް އޭނަ ބޭނުމެވެ. އަޑުގަދަވުމުންވެސް ސިކުނޑިއަށް އިތުރު އުދާސްކަމެއްލިބެއެވެ. ކާއިއާ ދެފައި ތެމޭ ހިސާބަށް އެރިފައި ޖެހި ބުދެއްހެން ހުއްޓާ ކޮންމެވެސް މީހަކު ގޮވައިލިއެވެ.

"ކައި. އެކަނި ކީއްކުރަނީތަ؟ " ކާއިއާ އެދިމާލަށް އައިތަން ފާހަގަކުރެވި ފަހަތުން އައި ސާރާ އަހައިލިއެވެ. ސާރާ އޭނަގެ ހުރިހާކަމަކަށް ފާރަލަނީ ކީއްވެހެއްޔެވެ؟ އޭނަ މަރުވިޔަސް ސާރާއަށް ކޮންކަމެއް ހެއްޔެވެ؟ ހަޅޭއްލަވައިގަންނަން އުޅެފައިވެސް ކާއިއާ ޚިޔާރުކުރީ ހިމޭންކަމެވެ.

"އަހަންނަށް އެނގޭ ކައިގެ ހިތް އަހަންނަށް ބުރަވެފައިވާކަން. ކައި އިމީދެކެ ލޯބިވާކަން އެންމެ ކުރިން އެގުނުނަމަ އަހަރެން ކައިމެންގެ ހަޔާތަކަށް ނާންނާނަން. ފަހުންވެސް މަސައްކަތްކުރިން ދުރުވާން. އެކަމަކު ކައިއަށް އެނގޭނެ ދެން ކަންތައް ހިނގާދިޔަގޮތް. އެހެންނޫންނަމަ ކައި ހުންނާނީ އިމީގެ ހަޔާތުގެ ބައިވެރިޔަކަށް. ދުރަށް ދިޔަސް ދާނީ އަހަރެން. އެހެން އަންހެންކުއްޖެއްގެ ހިތް ހަލާކުކޮށްލާފައި އަމިއްލަ އުފަލެއް ހޯދާކަށް އަހަރެން ބޭނުމެއްނޫން. ކައި. އަހަންނަށް މާފުކުރޭ. އަހަރެން ބޭނުން މާޒީ ހަނދާން ނައްތާލާފައި އެކީގައި އުފަލުގައި އުޅެން....." ސާރާ ވާހަކަދެއްކިއެވެ އެކިދުވަސްމަތިން ސާރާވަނީ މިގޮތަށް ލިބޭ ކޮންމެ ފުރުސަތެއްގައި މާފަށް އެދިފައެވެ.

"ސާރާ މާފަށް އެދޭކަށް ނުޖެހޭނެ....." ކާއިއާ ތަންކޮޅެއް ރީތިކޮށް ވާހަކަދެއްކިއެވެ.

"ބައެއްފަހަރު ނޭގުމުގެ ތެރޭގައިވެސް އިންސާނުންނަށް ކުށްކުރެވޭ...." ސާރާ ކާއިއާއާއި އެއްހަމަޔެއްގައި ހުއްޓުނެވެ.

"މަންމަ ކުރި ކުށުގެ ސަބަބުން އަހަރެންގެ ލައިފް އެއްކޮށް ހަލާކުވީ. އެކަމަކު މަންމައަށްޓަކާވެސް މިހާރު ހިތް ސާފު، މިއީ އަހަރެންގެ ބަދުނަސީބު ސާރާ. އެހެން ނޫންނަމަ ކައިވެނީގެ ކުރިންވެސް އަހަރެންގެ ބޭބެކަން އެނގުނީސް. ނޫނީ ރައްޓެހިވުމުގެ ކުރިންވެސް. އެގޮތަކަށްނުވީ ހަމައެކަނި އަހަރެންގެ ބަދުނަސީބުކަމުން. މިހާރު ދުނިޔެއިން ބޭނުންވާ އުފަލެއްނެތް. މާ ރަގަޅުކަން ނޭގޭ މަރުވިއްޔާ. އޭރުން ފަހަރެއްގައި ނަސީބު ލިބިދާނެ........" ކާއިއާ މޫދާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރެ ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ.

"ދުޢާކުރުމުން ހިތަށް ހަމަޖެހުން ލިބިދާނެ. ހުރިހާ އެންމެން ދޫކޮށްލިކަމުގައި ވިޔަސް އަހަރެމެންދެކެ އެންމެ ލޯބިވާ ފަރާތް ވާކަން ހަނދާން ނައްތާލާކަށްނުވާނެ. އެކަނިވެރިވާއިރުވެސް އެންމެ ފަރާތެއް އަހަރެމެންނާއިއެކު ވާނެ. ހިތާމަވެރިވާ ވަގުތު އިޚުލާސްތެރިކަމާއިއެކު ދުޢާކުރީމަ އެކަން ތަޖުރިބާކުރެވޭނެ. ކައި އަހަންނަށް އެނގޭ މިހެން ބުނެލިޔަސް ކައި ވާނެ ދެރަ. ޓައިމްނަގާނެ. ވާހަކަދައްކަން ބޭނުމިއްޔާ އަހަރެން އަބަދު ހުންނާނަން. ދެން ހިނގާ. އެންމެން ގެއްލިގެން ހޯދާނެ......" ސާރާ ކާއިއާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެހެން ފަހަރެކޭ އެއްގޮތަށް އޭނަ ފޮޅުވައެއްނުލިއެވެ. ސާރާ ދެއްކި ވާހަކަތަކާއިމެދު ކޮންމެވެސް ވަރަކަށް ކާއިއާ ވިސްނައިލިއެވެ.

"ޑޯންޓް ވޮރީ، ނޫޅެން މަރުވާކަށް...."ކާއިއާ ލުއިގޮތަކަށް ހީލިއެވެ. އެވަގުތު ދެމީހުންނަށްވެސް ފެނުނީ ދުރުދުރުން ލާފައިގޮސް ގަސްތަކުގެ ތެރެއަށް ތިރިކޮށްލި އަލިފާންބޯޅައެކެވެ.

"އޯގޯޑް، އެއީ ކޯނޗެއްތަ؟ ޔޫއެފްއޯ އެއްތަ؟ " ކާއިއާ ހައިރާންވިއެވެ.

"ފުރަތަމަ ފަހަރަށް މިފެނުނީ، ބިރުގަނެއްޖެ. އެނުވާނެ ރަގަޅު އެއްޗަކަށް. އައި މީން އެއީ ޝޫޓިން ސްޓާއެއް ނޫންކަން ޔަގީން. ދުވަހަކު ދެކުނު ޒާތުގެ އެއްޗެއްނޫން. ހިނގާ އަވަހަށްދާން....."ސާރާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކާއިއާ އެކަނިކޮށްލާފައި ދުއްވައިގަންނާކަށްވެސް ނުކެރުނެވެ. ދެން އަވަހަށް ގުޅީ އައްމާރުއަށެވެ. ދެމިނިޓްތެރޭގައި އައްމާރު ހުރީ އެމީހުންގެ ކައިރީގައެވެ. ސާރާ އަވަސްއަވަހަށް އެމީހުންނަށް ފެނުނު އަލިގުޅައިގެ ވާހަކަދައްކަން ފެށުމުން ކާއިއާ އަދި ހޭންފެށިއެވެ.

"ސާރާ ހާދަ ސިލީއޭ، ދެން މިހާ ގިނަމީހުން ތިބިތަނަކަށް ޖިންނިއެއް ނާންނާނެއްނު. އައިއްޔާ އައި ބެޓް ހީވިލް އެންޖޯއި ޓޫ. އަހަރެންވެސް ބޭނުން އެއެއްޗެހި އުޅޭ ޕްލެނެޓަކަށްދާން. އޭރުން އާ އެކްސްޕީރިއެންސަކަށް ވާނެއްނު. ކޮބާ ޚަލީސީ........." ކާއިއާ ހުރީ އައްމާރުއާއި ވާހަކަދައްކާހިތުންނެވެ. ބޭބެއެއްގެ ގޮތުގައި ބަލައިގަންނަން އެބަޖެހެއެވެ. ހިތް އެކަން ގަބޫލުނުކުރިޔަސް ބޭރުފުށުން އެގުޅުން ދަމަހައްޓަން މިއަދު މަޖުބޫރެވެ. އެހެންނޫނިއްޔާ އެކީގައި އެންމެނަށް އުޅެން ފަސޭހަވާނީ ކިހިނެއްހެއްޔެވެ؟

"މަންމަ ކައިރީގައި...." އައްމާރު ޖަވާބުދިނެވެ.

"މަންމައަށް މަންމަ ކިޔަންފެށީ ކޮންދުވަހަކުންތަ؟ "ކާއިއާ ލަދުން ހުރެވެސް ހީލިއެވެ.

"ދުރުގައި ހުއްޓަސް މަންމަވާނީ ހަމަ މަންމައަށްތާ...." އައްމާރުވެސް ކާއިއާއާއި ބައިވެރިވުމުގެ ގޮތުން ހިނިތުންވެލިއެވެ. އޭނައަށް އޮޅިގެން ބުނެވޭ އެއްޗަކުން ކާއިއާގެ ބޮލަށް މޮޔަވެރިވެދާނެތީ އައްމާރު ވިސްނިއެވެ.

"މަންމާއޭ ކިޔާފައި ގޮވާލާތަން ދެކެން ބޭނުން. އޭރުން ގަބޫލުކުރެވޭނީ ބޭބެއެއްކަމަށް. އެގުޅުން ފެންނާނެ ދުވަހަކަށް ވެއިޓިންގައި މިހިރީ...." ކާއިއާގެ ވާހަކައަށް އައްމާރު ރައްދުދިނެވެ. މަންމަކަން ކަށަވަރުވުމަށްފަހުގައި އޭނަ ބޮޑާވެގެން ދުރުން އުޅުމަކީ އިންސާފެއްނޫންކަމުގައި އައްމާރު ބުނެލިއެވެ. މަންމަ އޭނައަށް އަނިޔާވެރިވިޔަސް އޭނަ އެކަމުގެ ބަދަލުހިފާކަށްނެތެވެ. މަންމަމެން ލައްވާ އެހާވަރަށް އާދޭސްކުރެވުނުކަމަށްޓަކާ މާފަށް އޭނަ އެދޭނެއެވެ. އެމީހުން ވާހަކަދައްކަން ތިއްބާ މޫދުގެ ލޮނުގަނޑުގެ ތެރެއިން ދާދި ކައިރިން ކޮންމެވެސް އެއްޗެއް ހަރަކާތްކުރިއެވެ. ފެންގަނޑުގައި އުފެދުނު ބާނިތައް ވަކިދިމާލަކަށް ދިޔަތަން ބަލަން ކާއިއާ ހުރެފައި ގާކޮޅެއް އެއްލިއެވެ.

"ވާއު....ލޮކްނެސް މޮންސްޓާ ރާއްޖެއަށް ވިޒިޓްކުރީ. އަދި ކެލިފޯނިއާގެ ކޮންމެވެސް ސަރަހައްދެއްގައި އެ ގެންގުޅޭ އޭލިއަނެއްވެސް އޭރު އުދުހިފައި ދިޔައެއްނު. ޔަގީންވާކަމަކީ މިސްޓީރިއަސް އެއްޗެއް މި ރިޒޯޓުގައި އެބައުޅޭކަން އެކަމަކު އެހެންމީހުން ބިރުގަންނަވަން އެހެން ކިޔާނެކަމެއްނެތް...." ކާއިއާ ބުނެލިއެވެ.

ކާއިއާއާއި ސަބީ ދިމާވެގެން ވާހަކަދެއްކުމުން މިރޭވެސް ކާއިއާ ބުނީ ވިސްނާނެކަމުގައެވެ. އޭނައަށް ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަންނަން އަދި ވަގުތު ބޭނުންވާނެކަމުގައެވެ. ސަބީ ހުރީ ކޮންމެވެސް ވަރަކަށް މޮޅިވެރިވެފައެވެ. މިނޫނީ އެހެން އަންހެންކުއްޖަކު މިވީހާތަނަށް ސަބީއަށް ނޫނެކޭ ބުނެފައެއްނުވެއެވެ.

ކިޔަންއާއި ލީސާ ހަނީމޫނަށް ފުރުވަން ހުޅުލެއަށްގޮސްފައި މާލެއައުމަށްފަހު ޝުވޭކާރު އެދުނީ އެކުޑަ އާއިލާގެ އެންމެން ދެތިންދުވަސް ރިސޯޓްގައި ހޭދަކޮށްލުމަށެވެ. ދަތުރުހަދައިގެން އެރިސޯޓަށް އާދެވުނުއިރު މެންދުރުން އަނބުރައިފިއެވެ. އެހާ ހޫނުގަދަދުވަހެއްވެސް ނޫނެވެ. ހެޔޮވަރަކަށް ވައިޖެހޭ މޫދަށް އެރެން އެންމެ އެކަށީގެންވާ އެއްދުވަހެވެ. ރެސްޓޯރެންޓަށް ކާން ދިޔުމުގެ ބަދަލުގައި ބީޗްގައި ކުނާ ފަތުރާލައިގެން ޕާރުސަލް ގެނުވައިގެން ކުޑަ ޕިކްނިކެއްހެދިއެވެ. ޚަލީސީ ކުޑަ ބިކިނި ކޮޅެއްލައްވާފައި ހުރިއިރު ކުޑަ ޕަރީއެއްފަދައެވެ. ކާއިއާވެސް ޓައިޓަކާއި ޓޮޕެއްލައިގެން ހުރިއިރު ސްކާފެއް ބޮލުގައި އޮޅާފައި އޮތެވެ. އޭނަ އޭރު ނިންމާފައިވަނީ ވީހާވެސް އަވަހަށް ބުރުގާ އެޅުމަށެވެ.

އައްމާރުއާއި ސާރާ ކާންތިބިއިރު ކާއިއާ ހުރީ ނުކައި ތަންކޮޅެއް ދުރުގައި ސޭންޑް ކާސަލްއެއް ހަދާށެވެ. ޚަލީސީ މޫދުގެ ލޮނުގަނޑަށް އަތް ބާނައިގެން ކުޅެން އިންއިރު ކޮންމެފަހަރަކު ރާޅު އޭނަގެ ގަޔަށް ބުރުއްސާލުމުން ހީގަނެއެވެ. ޚަލީސީއަށް އެކަން ވީ މަޖާކަމަކަށެވެ. ކުއްލިއަކަށް ކާއިއާއަށް ފެނުނީ ލޮނުގަނޑުގެ ތެރެއިން ކޮންމެވެސް އެއްޗެއް ޚަލީސީގެ ފައިގާ ހިފާ ދަމައިގަތްތަނެވެ. އެންމެ ކައިރީގައި އިނީ ކާއިއާކަމުން ދުވަމުންގޮސް އެއެއްޗަކާއި ހަމަލާދީ ޚަލީސީ ވަކިކުރުވިއިރު އެއެއްޗެއް ކާއިއާގެ ގައިގާ ހިފައިގަނެގެން ވިދާލިވިދުވަރެއްފަދައިން ދުރަށް ދާންފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޝުވޭކާރުއާއި ފައިސަލް އަދި އައްމާރުވެސް މޫދަށް އެރުނީ ކާއިއާ ސަލާމަތްކުރުމަށެވެ. ސާރާ އެއްގަމަށް އަރާ ދުއްވައިގަތީ އެހެންމީހުންގެ އެހީ ހޯދުމަށެވެ. ރޭ އެތަނުން ހަރަކާތްކުރި އެއްޗެއްގެ ބިރުވެރިކަން ސާރަ ހަނދާންވީ މިހާދިސާއެއް ހިނގުމުންނެވެ. އައްމާރުއަކީ ކިތަންމެ މޮޅު ފެތުންތެރިޔަކަށްވީ ނަމަވެސް ލޮނުގަނޑުގެ އަޑިއަށް ކާއިއާ ދަމައިގަތް މަޚުލޫގަކާއި ވާދައެއް ނުކުރެވުނެވެ. އެއީ ކޯންޗެއްކަން ފެނުނު މީހެއްވެސް ނެތެވެ. ކާއިއާގެ އެއްވެސް އަސަރެއްނެތި ގެއްލުމުންވެސް އައްމާރު ހޯދުން ހުއްޓައެއްނުލިއެވެ. އިރުކޮޅެއް ނުވަނީސް ޑައިވަރުންނާއި ސިފައިންވެސް އައިސް ކާއިއާ ހޯދަންފެށިއެވެ.

ސާރާ ޚަލީސީ މެޔާއިލާ ފިތާލައިގެން އިންއިރު ޚަލީސީ ކިޔަމުން ދިޔައީ އެންމެ އެއްޗެކެވެ.

"އެ ކްރޯ ގޮޓް ކައި......" ޚަލީސީ ރޯންފެށިއެވެ.

"އޯމައި ގޯޑް..ދަރިފުޅަށް ކްރޮކޮޑައިލް ފެނުނުތަ...." ސާރާ އަދިވެސް ބާރަށް ޚަލީސީގެ ގައިގާ ބައްދައިލިއެވެ. ޚަލީސީ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެއީ ޝާކެއްތަ ދަރިފުޅާ....." ސާރާ އަހައިލިއެވެ.

"ނޯ މަމް. އިޓްސް އެ ކްރޯ...." ޚަލީސީ ޖަވާބުދިނެވެ.

އޭރު އަތިރިމަތީގައި ހުރެ ޝުވޭކާރު ރޯއަޑު މުޅިހިސާބުގައި ގުގުމާލާފައިވިއެވެ. ފައިސަލް ޝުވޭކާރު މަސަލަސްކުރުމުގައި އަވަދިނެތި އުޅުނުއިރު އޭނަގެ ލޮލުގައިވެސް ވިދަވިދާހުރީ ކަރުނައެވެ. ޝުވޭކާރު އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. މި ރިސޯޓަށް އެންމެން ގެނައީ އޭނައެވެ. އޭނަ ހަމަޖެއްސި ދަތުރެކެވެ. ކުއްލިއައަކަށް ކާއިއާއަށް މޫދުން އެއްޗެއް ހަމަލާދީފާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ޝުވޭކާރު ރޮއިރޮއި ހުރެފައި ޚަލީސީމެންނާއި ހަމަޔަށް އައުމުން ޚަލީސީކިޔާ އެއްޗެއް އިވި ހައިރާންކަމެއް ލިބުނެވެ. ރާއްޖޭގެ މޫދުން ދޭތެރެއަކުން ކިނބޫ ފެންނަ ވާހަކަ ދެކެވެއެވެ. ވަކި މޫސުމެއްގައި އެތަން މިތަނުން ކިނބޫ ތިލަވެގެން އުޅުނަސް އަދި ޓޫރިސްޓަކަށް ހަމަލާދީފައެއް ނުވެއެވެ. ނަމަވެސް ނުވާނެކަމެއް ނޫނެވެ. ނާދިރު ހާދިސާއެއް ހިނގުމަކީ އެކަށީގެންވާކަމެއްކަން މިހާރު މިޔަގީންވީއެވެ. ދެރައީ އެކަނި ކުޑަކުއްޖަކަށް އެއީ ކިނބުލެއްކަން އެނގުނުކަމެވެ. އެހެން މީހަކަށް ނުފެނުނުކަމެވެ.

ޑައިވަރުންނާއިއެކީގައި ކާއިއާ ހޯދުމުގެ މަސައްކަތުގައި އުޅުމަށްފަހު އައްމާރު މޫދުން އަރައިގެން އައިއިރު އައްމާރުގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުތަކުން ސާރާގެ ހިތްފަޅިފަޅިވިއެވެ. އައްމާރު އައިއިރު ސާރާވެސް ޚަލީސީ ކޮޓަރިއަށްގެންގޮސް ފެންވަރުވާ ރީތިކޮށްލާފައި ކާންދީ ހަދައިގެން ގޮނޑުދޮށަށް އައީއެވެ. އޭރުވެސް ސާރާ އަދި އުއްމީދު ކަނޑައެއްނުލައެވެ. އައްމާރުގެ ހާލު ފެނިފައި ސާރާއަށް އައްމާރުގެ ގައިގާ ބައްދާލެވުނުއިރު ޚަލީސީވެސް އައްމާރުގެ ފައިގާ އޮޅުލައިގެންފިއެވެ. ދެމައިން އަތުތެރެއަށް ގެނައިގޮތަށް ދޮންވެލިގަނޑުމައްޗަށް ތިރިވިއިރު އައްމާރުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.

"ކައި އިޒް ގޯން. ކައި ދެނެއް ނުފެންނާނެ. ޕުއަރ ތިންގް...." އައްމާރު އެ ޖުމްލަ ބުނެލިގޮތުން ސާރާ ފަޅަފަޅައިގެންގޮސް ބާރަށް ރޮއިގަނެވިއްޖެއެވެ. އައްމާރުގެ ހިތަށް ކުރާނެ އަސަރު އޭނައަށް އިހުސާސްކުރެވުނެވެ. ތިން މީހުން ބައްދައިގެން އިރުކޮޅެއްވާންދެން ތިބިއިރު ޚަލީސީވެސް ހުރީ ހިމޭނުންނެވެ. މަންމައާއި ބައްޕަގެ ރުއިމުން އަސަރުކޮށްފައެވެ. އެންމެފަހަށް ޚަލީސީ އަނެއްކާވެސް ކިނބޫދެކެ ރުޅިއަންނަ ވާހަކަ ބުނެލިއެވެ. ސާރާ އައްމާރުއަށް ޚަލީސީ ކިޔާ އެއްޗެއް ބުނެދިނުމުން އައްމާރު މޫދަށް ބަލަހައްޓައިގެން އިނީ ދެރަވެފައެވެ.

"އަހަރެމެންގެ ދަރިފުޅު ސަލާމަތްކުރަންވެގެން ކައި އެ ގުރުބާންވީ. ކައިގެ އެ އިހުސާންތެރިކަން ހަނދާން ނައްތާލާނީ ކިހިނެއް؟ ފަހަކާއި ޖެހެންދެން އަހަރެމެންނާއި ދިމާލަށް އެއްޗެހި ކިޔާ ދަރިފުޅަށް ބެވިޔަސް ކައި ލީސްދެކެ ލޯބިވާވަރު މިއަދު ސާބިތުކޮށްދީފި..ރޭގައި ކައި މަޖަލަކަށް ލޮކްނެސް މޮންސްޓާ އެކޭ ކިޔައިގެން އުޅުނެއްނު. އެއީ ކިނބުލެއްކަމަށް ހިތަށް އަރާނީވެސް ކިހިނެއްތަ؟ އެ ހަނދާން ހުރިނަމަ ލީސްމެން މޫދާއި ކައިރިއެއް ނުކުރާނަން........." ސާރާ ޚަލީސީ އުނގުގައި ބައިންދައިގެން އައްމާރުގެ ކައިރީގައި އިށީދެއްޖެއެވެ.

"ނޭގޭ ދެން ހަދަންވީގޮތެއް. ކޮބާ މަންމަމެން؟ ކިޔަންއަށް މި ޚަބަރު ލިބުމުން ކިހާ ދެރަވާނެ. ހަނީމޫންގައި ހުއްޓާ މިކަމެއް މިހިނގީ........" އައްމާރު ބޯ ހޫރައިލިއެވެ. އެންމެން އުފާކުރަން ތިއްބާ އެހިނގި ނުރައްކާތެރި ހާދިސާއަކުން އިބުރަތް ލިބިގަންނަންވެސް ޖެހެއެވެ. އެހާވެސް މަރު ކައިރިއެވެ. ވަކި އުމުރެއް ވަކި ވަގުތެއް ނޯންނާނެއެވެ. އަޖަލު ހަމަވުމުން ކޮންމެވެސް ކަމެއް މެދުވެރިކުރައްވާނެއެވެ. ސާރާގެ ޚިޔާލަށް ބިރުވެރިކަންތައް ތައްވެސް އައެވެ. ކިނބޫ ކާއިއާ ދިރިއޮތްވާ ކާލީހެއްޔެވެ؟ ނޫނީ ދިރުވާލީހެއްޔެވެ؟ ކާއިއާ ޚަލީސީ ސަލާމަތްކުރަން ނޫޅުނުނަމަ އެ ކިނބޫ ގެންދިޔައީހީ އެމީހުންގެ ދަރިފުޅެވެ. ކާއިއާއާއިމެދު ވިސްނިވަރަކަށް ހިތަށް ކުރި އަސަރު ބޮޑުވެ ސާރާގެ ކަރުނަތައްވެސް ހުއްޓުމަކަށް ނައެވެ.

ޝުވޭކާރު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާކުރަމުންދިޔައިރު އެ ޚަބަރުލިބިގެން ކިޔަންމެންވެސް ދަތުރު ކެންސަލްކޮށްލާފައި އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ. ކޮއްކޮ ނިމިގެންދިޔަގޮތް އެނގުމުން ކިޔަންވެސް ކަރުނަ އޮއްސިއެވެ. މުޅި އާއިލާއަށް ލިބިފައިވާ ފުން ހިތާމަ އަވަހަށް ފިލައިގެން ނުދާނެކަން ޔަގީނެވެ. ކާއިއާ ހޯދަން އެތައްވަރަކަށް ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

އައްމާރު ޒަކާއާއި އީމާ ހޯދައި އެކުދިންނާއި ބައްދަލުކޮށްފައި މަންމަ ގޮވައިގެން އިންޑިއާއަށް ދާން އެދުނެވެ. ޒަކާ ބުނީ އޭނަގެ އަތުގައި ފައިސާ ހުރިނަމަ ދެވިދާނެކަމުގައެވެ. އައްމާރު ބުނީ ކުއްޔަށް ގެއެއް ހިފައިދޭނެކަމުގައެވެ. އަދި މަހުން މަހަށް މުސާރަވެސް ފޮނުވައިދޭނެކަމުގައެވެ. އީމާއަށްވެސް އިންޑިއާގައި ހުރެ ކޯހެއް ހަދަން އެހީތެރިވެދޭނެކަމަށްވެސް އައްމާރު ބުނެލިއެވެ. ޒަކާ ފައިސާގެ ދަހިވެތިކަމުގައި އޭނަގެ މަންމައަށް އެހީވާން ނިންމިއެވެ. އެވެސް އައްމާރު ބާރު އަޅައިގެންނެވެ. ނަބީލާ އޭނައަށް ކިތަންމެ އަނިޔާވެރިކޮށް ކަންތައްކުރިޔަސް އޭނަ ބަލާބޮޑުކުރިކަމުގެ ހައްގު އަދާކުރަންޖެހޭނެއެވެ. މިއަދު އައްމާރުގެ އަތުގައި ފައިސާގެ ތަނަވަސްކަން އެބަހުއްޓެވެ. އައްމާރު އެތިންމައިން ފޮނުވީ ބެންގަލޫރަށެވެ. ޒަކާގެ ފިރިމީހާވެސް ދިޔައެވެ. ނަބީލާގެ ފަރުވާގެ ކަންތައް ހަމަޖެހުމުން އައްމާރުގެ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ފުރިއިރު ނަބީލާ ވަރަށް ރޮއިފާ އައްމާރު އާއި ސާރާ ގެނެސް ވާހަކަދެއްކިއެވެ. މާފަށް އެދިފައި ރުޔެވެ. ޖަވާހިރެއްފަދަ ދަރިއެއް އަތުން ބީވެގެން ދިޔައީކަމަށް މިއަދު ނަބީލާ ގަބޫލުކޮށްފިއެވެ. އޭނައަށް ޖެހިފައިވާ ބައްޔަށް ދަރިންނާއި ނައީމާ އެހީނުވިއިރު އައްމާރު އެވަނީ ހުރިހާގޮތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޒަކާއާއި އީމާވެސް އޭނައާއިއެކު ފޮނުވުމުގައި ކާމިޔާބުކޮށްފައެވެ. އައްމާރުއާއި ސާރާ އޭނައާއިއެކު ވާނެނަމަ ހާދަ ރަގަޅޭ ހިތަށް އެރިޔަސް އެއީ ދެން ނުވާނެކަމެއްކަން ޔަގީންވެ ނަބީލާ ހިތުގައި އެވާހަކަ ބޭއްވީއެވެ. ވަގުތު ފާއިތުވުމަށްފަހުގައި ހިތާމަކުރުމަކުން ވާނެ ފައިދާއެއްނެތެވެ. އޭނައަށް ކިތަންމެހާވެސް ފުރުސަތު ލިބުނެވެ. ގެއްލުވާލެވުނީއެވެ. ދެން އަލުން މާޒީ އަނބުރާ ނާންނާނެއެވެ.

އައްމާރުއަކީ ފައިސަލް ނަހަލާލަށް ލިބިފައިވާ ފިރިހެންދަރިފުޅުކަން މަޑުމަޑުންގޮސް ފައިސަލްއާއި ޝުވޭކާރުގެ އާއިލާއަށް އެނގުނެވެ. އެންމެން އޭނަ ބަލައިގަތީ ވަރަށް ފަސޭހަކަމާއިއެކުގައެވެ. ކިޔަންއަށްވުރެވެސް އެންމެނަށް އައްމާރު ޚާއްސަވިއެވެ. އޭނަގެ ހުންނަ މަޑުމައިތިރިކަމާއި ސިފަތައް އެންމެންގެ ހިތުން މަގާމެއް ހޯދިއެވެ. އަދި ސާރާވެސް މެއެވެ. އެދެމަފިރިންނާއި ކުޑަ ދަރިފުޅުވެގެން ދިޔައީ އެ އާއިލާގެ ފަޚުރުކަމުގައެވެ.

އައްމާރުމެންނަށް ފައިސަލް ދިން އެޕާޓްމެންޓަށް ބަދަލުވުމަށްފަހުގައި އެކުޑަ އާއިލާ އުފާވެރި ދިރިއުޅުމެއް އުޅެންފެށިއެވެ. އޭރު ދެމީހުންވަނީ އާއިލާ ފުރިހަމަކުރަން އިތުރު ދަރިއެއް ހޯދަން ރާވާފައެވެ. އައްމާރު އާއި ކިޔަންވެގެން އާއިލީ ވިޔަފާރިކުރިއަރުވަން މަސައްކަތްފެށިއިރު ސަބީމެންގެ އާއިލާވެސް ވަނީ އެމީހުންނާއި އޮތް ވާދަވެރިކަން ކެނޑި ގުޅިފައެވެ. ކާއިއާ ވަކިވުމުން ސަބީއަށް ފުން އަސަރުތަކެއް ކުރިނަމަވެސް ހަތަރުމަސްފަހުން އޭނަވެސް ރަގަޅު އަންހެންކުއްޖަކާއި ކައިވެނިކުރިއެވެ.

ދަރިފުޅު ނިންދަވާލާފައި އައްމާރުއާއި ސާރާ ސިޓިންރޫމްގައި ތިބެފައި ޗެނެލް ބަދަލުކުރަމުން ދަނިކޮށް މާލެއާއި ކައިރި ރަށެއްގެ ފަޅުތެރެއިން ކިނބުލެއް ފެނުނު ޚަބަރުކިޔާތަން ފެނިފައި ސާރާގެ ހިތަށް ބިރުވެރިކަން ވަނެވެ. ކާއިއާގެ މަތިން ހަނދާންވެ އައްމާރުގެ އަތުގައި ހިފާ ބާރުކޮށްލެވިއްޖެއެވެ. ދެމީހުންވެސް އަނގައިން ނުބުނެ ތިބިއިރު ކަޅިހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ. ދެން ކިޔައިލި ޚަބަރަކުން ސާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެންމެފަހުން ޖިދާން ސަނާ މަރައިލި ކޭސް ހުޅުވައިގެން އޭނަގެ މައްޗަށް ކުށް ސާބިތުވެ މަރަށް މަރު ހިފަން ކޯޓުން ހުކުމްކުރީއެވެ. ޖިދާން ހުރިހާ ކުށަކަށް އިއުތިރާފުވީއެވެ. އަދި އިތުރު އެތައް ކަމެއް ޖިދާންގެ ބޮލުގައި އެޅުނެވެ. އެންމެފަހުން ޝަރީއަތް ރަގަޅަށް ހިންގާ ސަނާއަށްވެސް އެކުއްޖާގެ ހައްގު ހޯދާދެވިއްޖެއެވެ. މަރަށް މަރު ހިފުމަށް އެއާއިލާ އެންމެން އެއްބަސްވާނެއެވެ. ހައްގު އޮތީ ކުށްވެރިޔާގެ އެއް ނޫނެވެ. އެމީހުންގެ ސަބަބުން ދުނިޔެއިން ނެތިގެންދާ މައުސޫމް ފުރާނަ ތަކުގެ ހައްގުތައް މާބޮޑެވެ. ކުށްތައް ކޮށް މީހުންގެ ހައްގަށް އަރައިގަނެގެން އަބަދަކަށް އުފަލުގައި ނޫޅެވޭނެއެވެ. އެކަމުގެ ސަޒާ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި ލިބޭނެއެވެ.

އަނިލްގެ ސަބަބުން އޭނަގެ ކޮއްކޮވެސް ކުށަށް އިއުތިރާފުވެ އައްމާރު މީހެއްގެ މަރުގެ ތުހުމަތުން ނެއްޓުނެވެ. އޭނަގެ ނަން ސާފުވިއެވެ. އެންމެ އުފާވިމީހަކީ ސާރާއާއި އައްމާރުގެ އާއިލާއެވެ.

އަހަރެއްނުވަނީސް ނަބީލާ ކެންސަރު ބައްޔާއި ހަގުރާމަކުރަމުންގޮސް އެންމެފަހުން ދުނިޔެއަށް އަލްވަދާއުކިޔައިފިއެވެ. އޭރު ޒަކާއާއި އީމާއަށްވެސްވަނީ އައްމާރުގެ ސަބަބުން ލޯ ހުޅުވި ރަގަޅުމަގު ޚިޔާރުކުރެވިފައެވެ. އައްމާރު އެކުދިންނަށް ކިޔެވުމަށް ފައިސާ ޚަރަދުކޮށް ދިރިއުޅުމެއް ހޯދަދިނެވެ. އެހާ ގާތްކޮށް އުޅެން ބޭނުންނުވިޔަސް އައްމާރުވަނީ ކޮއްކޮމެންގެ ގޮތުގައި ތިބި ކުދިންނަށް ކިތަންމެހާވެސް މަތިވެރި އެހީއެއް ވެދީފައެވެ. ޒަކާއާއި އީމާވެސް ދުވަހަކު އެ އިހުސާންތެރިކަން ހަނދާންނައްތާލާނެހެނެއް ހިޔެއްނުވެއެވެ.

ތިން އަހަރު ފަސް

އައްމާރު އާއި ސާރާ ދެކުދިން ގޮވައިގެން ރިސޯޓަކަށް އައީ އެތައް ޒަމާނަކަށްފަހުއެވެ. ޚަލީސީއާއި ކައިލިއަން މޫދަށް ގެންދަންވެގެން ހެދުން ލައްވައިގެން އެދިމާލަށް އެރުނުއިރު ދެމީހުންވެސް ކާއިއާގެ މަތިން ހަނދާންވިއެވެ. ކައިލިއަންއަށް އެނަން ދިނީވެސް ކާއިއާގެ ނަމާއި ގުޅުވާފައެވެ. ފިރިހެންކުއްޖަކު ލިބުމުން އެދެމަފިރިންގެ އާއިލާވަނީ ފުރިހަމަވެފައެވެ. ދެކުދިން ރިންގްއަޅުވައިގެން މޫދަށް ބާލައިގެން ތިބިއިރު ޚަލީސީ އަބަދުވެސް ކޮއްކޮއާއިމެދު ކަންބޮޑުވެއެވެ. އައްމާރު ތަންކޮޅެއް ދުރަށް ފަތައިގަތަސް އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ދުރަށް ނުދާން ބުނާނެއެވެ. އަބަދު ވަށައިގެން ހޯދާލަނީ އެއްޗެއް ފެނިދާނެތީ ކަހަލަ ގޮތަކަށެވެ. ދޭތެރެއަކުން ޚަލީސީ ކާއިއާ ގެންދިޔައީ ކިނބުލެއްކަމުގައި ކިޔާފައި އެދުވަސް ހަނދާންކުރާތީ އެކުއްޖާގެ ހިތުން އެކަން ފަސޭހައިން ފިލައިގެން ނުދާކަން އެދެމަފިރިންނަށް އެނގެއެވެ. ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން ޑޮކްޓަރު ބުނީ މަޑުމަޑުން މޫދަށް ހޭނުވުމަށެވެ. އަބަދު ނުރައްކާތަކާއި ބިރުވެރިކަން ކުރިމަތިނުވާނެކަމަށާއި މޫދަކީ އަމާންތަނެއްކަން އަންގާދިނުމަށެވެ.

"ޑެޑީ. ކައި ކްރޮކޮޑައިލް އެއް ގެންގޮސްފިއްޔާ..........." ޚަލީސީ ކައިލިއަންއާއި ދުރަށް ދާކަށްވެސް ބޭނުމެއްނުވިއެވެ.

"މިހާރު ނޫޅެއޭ އެއްޗެހި. ޕޮލިސް ހުރިހާ ކްރޯއެއް މަރާލައިފިއޭ ސްވީޓްހާޓް. ދޭ ވިލް ނޮޓް ކަމް ބެކް އެގެއިން އިންޝާﷲ. ނެވަރ........" އައްމާރު ޚަލީސީ ގެނެސް މޭގައި ޖައްސައިލަމުން ޔަގީންކަން ދިނެވެ. ޚަލީސީ އުފާވިއެވެ.

"އިންޝާﷲ....." ޚަލީސީ ލޯބިކޮށް ކިޔައިލިއެވެ. ކިނބޫތައް ދެން ދުވަހަކު ނާންނާނެ ވާހަކަ ކޮއްކޮ ކައިރީގައި ބުނުމުން ކައިލިއަން ލޯބިކޮށް ހުނެވެ. އަދި ޚަލީސީގެ މޫނަށް ފެން ބުރުއްސާލުމުން ޚަލީސީ ބައްޕަމެން ކައިރީގައި ޝަކުވާކުރިއެވެ. މޫދުން އަރައިގެން ގޮސް ކާންތިބިއިރު ޚަލީސީ ކާއިއާއާއި ބެހޭގޮތުން އަހައިލިއެވެ. ކިނބޫ ކާއިއާ ގެންދިޔައީ ކޮންތަނަކަށްހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ.

ދޭތެރެއަކުން މޫދަށް ދާންފެށުމުން މަޑުމަޑުންގޮސް ޚަލީސީ މޫދާއި ރައްޓެހިވިއެވެ. މޫދަކީ އެހާ ބިރުގަންނަން ޖެހޭ ތަނެއްނޫންކަމަށް ގަބޫލުކުރެވުނެވެ. އެއީ އުފާވެރި މަޖާކުއްޖަކަށްވާން މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ.

ފައިސަލްއާއި ޝުވޭކާރުގެ ދެފިރިހެން ދަރިންކަމަށްވާ އައްމާރު އަދި ކިޔަން އާއިލާ ގޮވައިގެން މަންމަމެން ކައިރިއަށް އައީ މަންމަމެންގެ ދައުވަތަކަށެވެ. އެންމެން ކައިގެން އައިސް ސިޓިންރޫމްގެ ސޯފާތަކުގައި ތިބިއިރު ވިޔަފާރީގެ ވާހަކަ ދެކެވުނެވެ. އެއާއިލާގެ ވިޔަފާރި ފުޅާވަމުންގޮސް މިހާރުވަނީ ބޭރު ގައުމުތަކުގައި އެތައް ކުންފުންޏެއް ހުޅުވާފައެވެ. އެއް އިރެއްގައި އޮތް ދަރަނިވެސް ފިލާ އެމީހުންނަކީ ރާއްޖޭގައި ތިބި އެންމެ މުއްސަދިންގެ ތެރޭގައި ހިމެނިއްޖެއެވެ. މަޑުމަޑުންގޮސް ޝުވޭކާރު ކާއިއާގެ ވާހަކަވެސް ދެއްކިއެވެ.

"ކައި ދުނިޔޭގައި ނެތަސް މާމަމެންނަށް ކައި އެއް ލިބިއްޖެއެއްނު، އެޓްލީސްޓް ކައި ކިޔާނެ ކުއްޖެއް ހުރިކަމީވެސް އެހަނދާން ދިރުވާނެކަމެއް. މަންމަ އަދިވެސް ހިތަށް އަރަނީ ކައި ކޮބާހޭ. ހަށިގަނޑު ނުފެނުމުން މަންމަ ގަބޫލުކުރާކަށްވެސް ބޭނުމެއްނުވޭ. ކައި މަރުވިކަމަކަށް ހިތް ގަބޫލެއްނުކުރޭ. އެކަމަކު ތިންއަހަރުވީމަ ދެން އެނޫންގޮތަކަށް ނިންމޭކަށްވެސް ނެތް. މަންމަ އެދުވަހު ކައިމެން ނުގެންދިޔަނަމަ............." ޝުވޭކާރު ހަނދާންކޮށްދިނެވެ. ކުޑަކޮށް ފެންކަޅިވިއެވެ.

"މަންމާ. މަންމަ އަމިއްލަ ނަފުސް ކުށްވެރިކުރާކަށް ނުވާނެ. އެންމެންވެސް ތިބީ ރިސޯޓުގައި މަޑުކުރަން ބޭނުންވެފައި. ކަމެއް ދިމާވާން ހުރިއްޔާ ދިމާވާނީ، ކައިއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލިބުމަށް އެދި އަބަދުވެސް ދުޢާކުރަން. އިރާދަކުރެއްވިޔާ ދެރަގޮތެއްނުވާނެ. ކައިވަނީ ސެލްފްލެސް ލަވިން ކުއްޖެއްކަން ސާބިތުކޮށްދީފައި. ބޭރުފުށުން ކޮންމެ ކުލަވަރެއް ދެއްކިޔަސް ގޯލްޑެން ހާޓެއް ލިބިފައިވާ ކުއްޖެއް އެއީ. ކައިގެ ހަނދާންތައް އެންމެންގެ ހިތްތަކުގައި އަބަދަށްޓަކާވާނެ. ކައި މިއަދު ދުނިޔޭގައި ނެތަސް މަންމަމެން އުފަލުގައި އުޅެން ބޭނުންވާނީ. ކައިއަށްޓަކާ މަންމަވެސް ހިތްވަރުކުރަންވާނެ..........." އައްމާރު މަންމަގެނެސް މޭގައި ޖެއްސިއެވެ.

އައްމާރު އެބުނީ ދޮގެއްނޫނެވެ. ކާއިއާ ބޭނުންވާނީ ހުރިހާ އެންމެން އުފަލުގައި އުޅުމެވެ. ކާއިއާގެ ހަނދާންތައްވެސް ނެތިގެނެއް ނުދާނެއެވެ. އެމީހުންވަނީ ކާއިއާގެ ނަމުގައި މިސްކިތެއް އަޅާ ކުންފުންޏެއްވެސް ހުޅުވާފައެވެ. އައްމާރު ދެކޭގޮތުގައި ސާރާއަށްވެސް ޝުކުރު ހައްގެވެ. އޭނަ ހަލާކުގެ ތެރެއަށް ގެނބިގެން ނުދަނީސް ސަލާމަތްވެ އާ ދިރިއުޅުމެއް ލިބުނީ ސާރާ އޭނަގެ ހަޔާތަށް އައިސްދިނުމުންނެވެ. އެހެންނޫންނަމަ ކާއިއާގެ މަތިން ހަނދާން ނައްތާލާކަށް ފަސޭހައެއްނުވާނެއެވެ. މިއަދު އައްމާރުއަށް ދުނިޔޭގެ ހުރިހާ އުފާތަކެއް މިވަނީ ހާސިލުކުރެވިފައެވެ. އެތައް ހިތާމަކުރުމަށްފަހު އެންމެފަހުން އޭނަގެ ނަސީބު އަތުގައި ހިފީއެވެ. ވަފާތެރި ބައިވެރިޔާ އަދި އޭނަގެ ލޯބިވާ އަންހެނުން ދުވަހަކު އޭނަގެ އަތުން ދޫކޮށްނުލާނެކަމުގެ ޔަގީންކަން އޮތްއިރު އޭނައަށްވަނީ ލޯބިވާ މައިންބަފައިންނާއިއެކު އާއިލާއެއްވެސް ލިބިފައެވެ. އެ އާއިލާއަށް ދިމާވި އަޑިގުޑަންތަކުން އަރައިގަނެވި މިހާރު މިވަނީ ދިރިއުޅުމާއިގެން ކުރިއަށް ދާނެ ހިތްވަރު ލިބިފައެވެ. އައްމާރުއާއި ކިޔަންއަކީ ފައިސަލްގެ ދެމަފިރިން އެންމެ ބޭނުންވާނެފަދަ ހަރުދަނާ ފިރިހެންދަރިންނަށްވީ ފަދައިން ސާރާއާއި ލީސާވަނީ އެންމެ ރަގަޅު ޅީދަރިންގެ ގޮތުގައި ހިމެނިފައެވެ. ނަސީބު ރަގަޅު އުފާވެރި އާއިލާއެކެވެ.

ނިމުނީ

infinity loading...
×
DB released 01.