އުރީދޫގެ މޯބައިލް މަނީ "އެމް ފައިސާ"ގެ ނަމަށް ރީބްރޭންޑުކޮށްފި

އުރީދޫ އެމްފައިސާގެ މެސްކޮޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫއިން މި އަހަރުގެ ކުރީކޮޅު ތައާރަފު ކުރި މޯބައިލް މަނީގެ ޚިދުމަތަށް ގިނަ އަދަދެއްގެ ޕާޓްނަރުން ހަމަޖައްސައި، "އެމް ފައިސާ"ގެ ނަމުގައި އެ ޚިދުމަތް ރީބްރޭންޑުކޮށްފި އެވެ.

އުރީދޫ އެމްފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އެމް ފައިސާގެ ޚިދުމަތުގެ ޕާޓްނަރުންގެ ގޮތުގައި ސްޓެލްކޯ، އެސްޓީއޯ، ރާއްޖެ އޮންލައިން، ފުޑްހަބް އަދި ޝްވެކް ސިނަމާ ހިމެނެ އެވެ. އެހެންކަމުން އުރީދޫ އެމްފައިސާގެ ޚިދުމަތް މެދުވެރިކޮށް، މޯބައިލް ފޯނު މެދުވެރިކޮށް މި ކުންފުނިތަކަށް ފައިސާ ދެއްކޭނެ އެވެ.

މިވަގުތު މީޑިއާނެޓާއި ރާއްޖެ އޮންލައިންގެ ޚިދުމަތުގެ ބިލް އެމް ފައިސާއިން ދެއްކޭ އިރު އެހެން ޕާޓްނަރުންނަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫ އެމްފައިސާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ އެމްފައިސާ ޚިދުމަތުން ރާއްޖޭގެ އެއް ސަރަހައްދުގައި ހުރި ފަރާތަކުން ދުރުގައި ހުރި މީހަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ.

މިރޭ އުރީދޫއިން އެމްފައިސާގެ ކެމްޕޭން ލޯންޗުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އެމްފައިސާގެ ޚިދުމަތް ތައާރަފު ކުރީ ހަމައެކަނި މާލެއަށް ބަލާފައި ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މި ޚިދުމަތް ލިބޭނެ ގޮތްތައް ބަލާފައިވާ ކަމަށެވެ. އެގޮތުން، 50 މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށަކަށް ވެސް މޯބައިލް މަނީ ޚިދުމަތުން ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުންނަ އިރު، އޭގެ ކޮންމެ ބޭސް ފިހާރައަކީ މޯބައިލް މަނީ އޭޓީއެމްއެއް ކަމަށެވެ.

"މީހަކު އެސްޓީއޯ ބޭސްފިހާރައަކަށް ގޮސް 500 ރުފިޔާ ކައުންޓަރަށް ދިނީމާ އެތަނުން އެ މީހާގެ ފޯނަށް [ވާޗުއަލް ވޮލެޓް]އަށް ފޮނުވައިދޭނެ އެ 500 ރުފިޔާ، ދެން ކުރަން ބޭނުންވާ ކޮންމެ ކަމަކަށް 500 ރުފިޔަ ބޭނުންކުރެވޭނެ ފޯނުން. ފައިސާ ދެއްކުމަށް ނުވަތަ އެހެން މީހަކަށް ފޮނުވުމަށް ވިޔަސް،" ވިކްރަމް ސިންހާ ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ފާމަސީތައް ނޫނަސް، އެމްފައިސާ އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުގެ އެމްފައިސާ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ނެގުން ފަދަ ކަންކަން ކުރެވޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ބާލަޖީ ސްރީނިވަސަން ވިދާޅުވީ މޯބައިލް މަނީ ޚިދުމަތް ބޭނުންކުރުމަށް ކޮންމެހެން ސްމާޓުފޯނެއް ބޭނުން ނުވާނެ ކަމަށާއި، އާދައިގެ ފޯނުތަކަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫ އެމްފައިސާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ކުރިޔަށް އޮތް ތަނުގައި، ސަރުކާރުން ދޭ ޕެންޝަން ފައިސާ އާއި، އިންޝޫރަންސްގެ ޕްރީމިއަމް ފައިސާ ދެއްކުމުގެ އިތުރުން މުވައްޒަފުންގެ މުސާރަ ދިނުން ފަދަ ފައިސާގެ ޚިދުމަތްތައް ވެސް އެމްފައިސާ މެދުވެރިކޮށް ދެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އުރީދޫގެ ސީސީއޯ ވިދާޅުވި އެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި އެމް ފައިސާ ބޭނުންކޮށްގެން ޕްރީޕެއިޑް ރީޗާޖު ކުރުމުން ރީޗާޖު ކުރި ފައިސާގެ 25 ޕަސަންޓު، ބޯނަސްގެ ގޮތުގައި ލިބޭނެ އެވެ. އަދި ޕޯސްޓްޕެއިޑް ބިލު އެމް ފައިސާ މެދުވެރިކޮށް ދައްކައިފިނަމަ ކުރިޔަށް އޮތް މަހުގެ ބިލުން ފަސް ޕަސަންޓު ޑިސްނައުންޓެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

comment ކޮމެންޓް