އެސްޓީއޯ ފާމަސީތަކުން އުރީދޫ މޯބައިލް މަނީ ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ

އުރީދޫ މޯބައިލް މަނީ ޚިދުމަތް އެސްޓީއޯ ފާމަސީތަކުން ފޯރުކޮށްދިނުމަށް އެއްބަސްވުން -- ފޮޓޯ/އުރީދޫ

ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް އުރީދޫ މޯބައިލް މަނީގެ ޚިދުމަތް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް އެސްޓީއޯ އާއި އުރީދޫއާ ދެމެދު އެއްބަސްވެއްޖެ އެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރެވެ.

އުރީދޫ އިން ބުނި ގޮތުގައި އެގްރިމެންޓުގެ ދަށުން އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް އުރީދޫ މޯބައިލް މަނީ ޚިދުމަތައް ރަޖިސްޓްރީކޮށް، މޯބައިން މަނީ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން އެސްޓީއޯ ކަސްޓަމަރުންނަށް، އުރީދޫ މޯބައިލް މަނީ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ ކުންފުނިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫ އިން ބުނެ އެވެ.

"ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯ ފާމަސީއެއް ގާއިމް ކުރެވިފައިވާ ވުމާ އެކު، މި ޕާޓްނާޝިޕްގެ ސަބަބުން ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް، ވަރަށް ފަސޭހަކަމާ އެކު، އުރީދޫ މޮބައިލް މަނީ މެދުވެރިކޮށް ފޯރުކޮށްދެވޭ ހުރިހާ ޚިދުމަތެއް ވެސް ބޭނުންކުރުމުގެ ފުރުސަތު ފޯރުކޮށްދެވިގެން ދާނެ،" އުރީދޫ އިން ބުންޏެވެ.

މޮބައިލް މަނީ ޚިދުމަތަކީ އުރީދޫ އިން ރާއްޖެ އަށް މުޅިން އަލަށް ތައާރަފު ކުރި ޚިދުމަތެކެވެ. އެ ޚިދުމަތުގެ ޕައިލެޓް ސްޓޭޖު ފަށާފައިވާ އިރު، އުރީދޫ އިން ބުނަނީ އެކުންފުނީގެ މޯބައިލް މަނީ ޚިދުމަތާ އެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަކަން ލިބި، ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މޯބައިލް މަނީ ޚިދުމަތުގައި ހިމެނޭ ވާޗުއަލް "އެމް ވޮލެޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް މޯބައިލް ފޯނު ބޭނުންކޮށްގެން ފައިސާ ޓްރާންސްފާ ކުރުމާއި އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާޖު ކުރުމާއި ބިލު ދެއްކުމުގެ އިތުރުން ވިޔަފާރި ވެސް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. ވާޗުއަލް ވޮލެޓުތަކަށް އެސްޓީއޯ ފާމަސީތައް ފަދައިން، އުރީދޫ މޯބައިލް މަނީ ޚިދުމަތް ފޯރުކޮށްދޭ އެހެން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް