ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދޭން ނިންމައިފި

ވެޓަރެންސް ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އާލާކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭން، އެ އެސޯސިއޭޝަނުން ހިންގާ މުބާރާތް ތަކުގައި އެމްއެންޑީއެފް އާއި ޕޮލިހަށް ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި ގަދަކުރެވޭނީ ގިނަ ބަޔަކު ބައިވެރިކޮށްގެން، ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ސިފައިންނާއި، ފުލުހުންނަށް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިން ފުރުޞަތު ނުދޭން އެފްއޭއެމްގެ ކުރީގެ އެކްސްކޯއިން ނިންމާފައިވާ ނިންމުން މުރާޖާކޮށް، އެފުރުޞަތު އެ ދެ މުއައްސަސާއަށްދޭން އާ އެކްސްކޯއިން ނިންމައިވާ އިރު ޓޮމް ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ބޮޑެތި ޓީމްތަކަށް ގޮންޖެހުމަކަށް ވެދާނެ ކަމަށާއި ނަމަވެސް އެފްއޭއެމް އިން އެ ކުލަބުތަކުގެ މެނޭޖްމަންޓް ހަރުދަނާކޮށް މާލީ ގޮތުން ވެސް ރަނގަޅުކުރުމަށް ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ.

ޓޮމް ވިދާޅުވީ، މީގެ ކުރިން ދެފަހަރެއްގެ މަތިން އެފްއޭއެމް އިން ފުލުހުންނާއި ސިފައިނަންށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދިނުމަށް ފަހު އަލުން އެ ނިންމުން ބަދަލު ކުރި ނަމަވެސް އަލުން އެފްއޭއެމް އިން ކުރިއަށް ގެންދާ މުބާރާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ މަގުސަދަކީ ގައުމީ ޓީމަށް މޮޅެތި ކުޅުންތެރިންތަކެއް ހޯދުން ކަމަށެވެ.

"އަޝްފާޤާ ޖެހިގެން ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހުރެދާނެ ފުލުހުންގެ ތެރޭގައި ނުވަތަ ސިފައިންގެ ތެރޭގައި. ހުރުމުގެ ފުރުސަތު ވެސް އެބަ އޮތް. އެކަން ފާހަގަކުރެވޭނީ ވެސް ފުރުޞަތު ދީގެން،" ޓޮމް ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންނަށް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިން ޖާގަ ދިންނަމަވެސް އެ ދެ މުއައްސަސާއިން ވެސް ފުޓްބޯޅައިގެ ޓްރާންސްފަރ ޤަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

comment ކޮމެންޓް