ފުލުހަކަށް ކުޑަ އަނިޔާއެއް ދިނަސް ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: އަރީފް

23 ޖުލައި 2016: ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހަކަށް ކިތަންމެ ކުޑަ އަނިޔާއެއް ދިނަސް ގާނޫނަކުން އެމީހަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުއްވުމުގައި ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ އަރީފް ވިދާޅުވީ ފުލުހުންގެ ބައެއް ބޭފުޅުން ޝަހީދު ވެފައިވަނީ ގަސްތުގައި ދީފައިވާ އުދުވާނީ ހަމަލާތަކުގައި ކަމަށެވެ. އެހެންކަމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހުންނަށް އިހާނެތި ބަސް ބުނުމާއި ހާނިއްކަ ކުރުމުގެ ކިތަންމެ ކުޑަ އަމަލެއްކަމުގައި ވިޔަސް އެކަމެއް ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް އަރީފް ވިދާޅުވި އެވެ.

"އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅުމަށް އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު ފަސް ނުޖެހޭނެކަމުގައިވެސް ދަންނަވަން،" ސީޕީ ވިދާޅުވި އެވެ.

23 ޖުލައި 2016: ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގާނޫނީ އިމުގެތެރެއިން އުޅޭ ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ހިމާޔަތް ލިބޭ ފަދައިން ގާނޫނީ ވާޖިބު އަދާކުރާ ފުލުހުންނަށް އެއްވެސް މީހެއްގެ ފަރާތުން ހުރަސް އެޅިގެން ނުވާނެ ކަމަށް އަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި "ފުލުހުންގެ ވާޖިބަށް ހުރަހެއް ކުރިމަތި ކުރުވާނަމަ ފުލުހުން އެހުރަހެއް ގިރާ ކުރާނެ" ކަމަށް ސީޕީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެކި އެކި ހާނިއްކައާއި ނުކުޅެދުންތެރިކަން ލިބޭ ނުވަތަ ޝަހީދުވި އަދި ޝަހީދުވާ ފުލުހުންގެ އާއިލާތަކަށް ގާނޫނީ ގޮތުން ފުރިހަމަކޮށްދޭންޖެހޭ އެންމެހައި ވެލްފެއާގެ ކަންތައްތައް ފުރިހަމަކޮށްދިނުމަށް ސީޕީ ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

"އަޑުއިވޭ ގޮތާއި ކަންހިނގާ ގޮތް ވަރަށް ތަފާތު" ކަން ފާހަގަ ކުރައްވައި އަރީފް ވަނީ ފުލުހުންނަށް އަނިޔާވެގެން ނުވަތަ ފުލުހަކު ޑިއުޓީގައި ހުއްޓައި ޝަހީދުވުމުން ހަމްދަރުދީ ވާމީހުން ކޮބާތޯ ސުވާލު އުފައްދާފަ އެވެ. އަދި ފާޑުކިޔާމީހުންނާއި ވަޒީފާ ދޭނެކަމަށް ބުނާ މީހުން ކޮބާތޯވެސް ސީޕީ ސުވާލު އުފެއްދެއްވި އެވެ.

23 ޖުލައި 2016: ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ދިވެހި ފުލުހުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި. ފުލުހުންގެ ވަޒީފާއާ މެދު ކޮންމެ ފުލުހަކަށްވެސް އިތުބާރު އޮންނާނެ. ގާނޫނީ ގައުމީ ވާޖިބު އަދާކުރުމުގެ އިއްޒަތާއި އަގު އެފުލުހަކަށް އިރާދަކުރެއްވިއްޔާ އަބަދުވެސް ލިބޭނެ،" ސީޕީ އަރީފް ވިދާޅުވި އެވެ.

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރަމުން ދަނީ ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކުރާ ފުލުހުންގެ ހަނދާނުގަ އެވެ. ސީޕީ ވަނީ ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ އާއިލާތަކަށް ހިތްވަރު ދެއްވާ އާއިލާތަކާއެކު ވާކަން ހާމަކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ އާއިލާތައްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް