ބަޔަކު ސިޔާސީ ފައިދާއެއް ހޯދަން ފުލުހުންނަށް އިހާނެތިކޮށް ކަންތައް ކުރަމުންދޭ: ޒުހޫރު

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ހަގީގަތަކީ ބަޔަކު ސިޔާސީ ފައިދާއެއް ހޯދުމަށް ގައުމުގެ ދިފާއު ބަލަހައްޓާ ފުލުހުންނަށް އިހާނެތިކޮށް ކަން ކަން ކުރަމުންދާކަން ކަމަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފުލުހުން ކަމަށެވެ. އަދި ފުލުހުން ކުރާ ކަންކަން ހެޔޮ ހިތުން ބަލައިގަންނަން ޖެހޭ ކަމަށާއި ނަމަވެސް މިއަދުގެ ހާލަތަކީ މުޖުތަމައުގެ ބަޔަކު "ސިޔާސީ ފައިދާތަކެއް ހޯދުމަށްޓަކައި" ގައުމުގެ ހިމާޔަތުގައި ތިބޭ ފުލުހުންނާ މެދު އިހާނެތިކޮށް ކަންކުރަމުން ދާ މަންޒަރު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން އިހާނެތިކޮށް ކަންކުރި ނަމަވެސް ފަހަތަށް ނުޖެހި ދީނާއި ގައުމަށްޓަކައި ދެމިތިބުމަށް ފުލުހުންނަށް ޒުހޫރު އިލްތިމާސްކުރެއްވި އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ މުހައްމަދު އަފުރާހް

އަޅުގަނޑު ގޮވާލާނީ އެންމެހާ ފުލުހުންނަށް އެފަދަ ކަންތައްތަކަށް ފަސްނުޖެހޭށޭ. އަޅުގަނޑުމެންގެ ގައުމާ ދީނަށްޓަކައި ގުރުބާންވުމުގައި ދެމި ތިއްބަވާށޭ. އަޅުގަނޑުމެން ސިޔާސީ ބަޔަކަށް ވެއްޖެ ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ހާލަތު މިއައްވުރެވެސް ގޯސްވާނެ ކަމާމެދު ޝައްކެއް ނެތްމިނިސްޓަރު ޒުހޫރު

ސިޔާސީ ވެރިންނަކީ އަބަދުވެސް ސިޔާސީ ކޯޅުންގަނޑެއްގެ ތެރޭގައި އެބަޔަކު ބޭނުންވާ ކަންތައްތަކެއް ހާސިލުކުރުމަށް "ދޮގުހަދައި، ތެދު ގޯސްގޮތުގައި ދައްކަން މަސައްކަތް ކުރާނެ" ބައެއް ކަމަށް ޒުހޫރު ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ވާންޖެހޭނީ ހެޔޮވިސްނޭ ރަނގަޅު އިހުލާސްތެރި ބަޔަކަށް ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

މިއަދުވެސް ފެންނަމުންދާ މަންޒަރަކީ ސިޔާސީ ކޯޅުންގަނޑެއްގެ ތެރޭގައި އެކަކު އަނެކަކަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާތަން ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި އޭގެ ޝިކާރައަކަށް ވަނީ ދިވެހި ރައްޔިތުންނާއި ފުލުހުން ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ މުހައްމަދު އަފުރާހް

"އަޅުގަނޑުމެންގެ ތެރޭގައި ހިނގާކަންތައްތައްވެސް ނުސީދާ ގޮތުގަޔާއި ސީދާ ގޮތުގައި ރާއްޖޭން ބޭރުގައި ތިބޭ ނުފޫޒުގަދަ ފަރާތްތަކުގައި އެކަންކަމުގެ ހަގީގަތާއި އިދިކޮޅަށް ދައްކަމުންދާ ވާހަކައާއި އެކުރަމުންދާ މަސައްކަތުގެ ތެރޭންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވޭ. ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރައިގެން ދޭ. ރާއްޖޭގެ މިނިވަންކަމާއި ދީނާއި އިސްތިގުލާލަށް ލޮޅުން އަރައިގެންދޭ،" ޒުހޫރު ވިދާޅުވި އެވެ.

އެކަންކަން އެހެން ހުރުމުން ފުލުހުން މަަސައްކަތްކުރަންވީ އެއްވެސް މީހެއްގެ މޫނަށް ނުބަލައި ބިރުގަންނަންވީ އެންމެ ފަރާތެއް ކަމުގައި ދެކި، ގައުމު އަމާންތަނަކަށް ހެދުމަށް ކަމަށް ޒުހޫރު ވިދާޅުވި އެވެ.

ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ގިނަ މީހުން ބަލައިގަންނަ ކަމާމެދު ޝައްކެއް ނެތްކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ//މުހައްމަދު އަފުރާހް

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރަމުން ދަނީ ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކުރާ ފުލުހުންގެ ހަނދާނުގަ އެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކޮށްފައިވާ ފުލުހުންނަކީ ހިތްވަރުގަދަ ފުލުހުންތަކެއް ކަމަށެވެ.

"އެއްވެސް ހާލަތެއްގައި އެދަރިން ދުނިޔެ ދޫކޮށް އެދިޔައީކީ ނޫން. އެދަރިން ގައުމަށް ކޮށްދެއްވި ބުރަމަސައްކަތަކީ އަޅުގަނޑުމެން އެއްވެސް ރައްޔިތެއްގެ ހިތުން ދިވެހި ފުލުހުންގެ ހިތުން ފިލައިގެން ދާނޭ ކަމެއް ނޫން" ޒުހޫރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ފުލުހުންގެ ޑިއުޓީގައި ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ އާއިލާތައްވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް