ސިޔާސީ މަޝްވަރާތަކަށް ފަހު އދ.ގެ މަންދޫބު ފުރާވަޑައިގެންފި

ރައީސް ޔާމީނާ އދ.ގެ މަންދޫބު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އދ. އިން ކަނޑައެޅި އެ ޖަމިއްޔާގެ ޕޮލިޓިކަލް އެފެއާސްގެ ސީނިއާ އެޑްވައިޒަރ ޓަމްރަޓް ސެމިއުލް، މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު ފުރާވަޑައިގެންފި އެވެ.

ޖުލައި 17 ވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންނެވި ޓަމްރަޓު ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

ޓަމްރަޓް ރާއްޖޭގައި ހޭދަކުރެއްވި ހަތަރު ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ބައެއް އެހެނިހެން ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.

އދ. އިން ނެރުނު ބަޔާނެއްގައި ބުނީ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރައްވަމުން، ހުރިހާ ފަރާތަކުން ވެސް ގޮތް ދޫކުރުމަށާއި ދޫ ދިނުމަށް ޓަމްރަޓު ބާރު އެޅުއްވި ކަމަށެވެ. އަދި ތަފާތުތައް ނައްތާލައި، މިވަގުތު ގައުމަށް އެންމެ މުހިންމު ކަންކަމާ ދޭތެރޭ ވިސްނުމަށް ޓަމްރަޓު ގޮވާލެއްވި ކަމަށް އދ. އިން ބުނެ އެވެ.

އެގޮތުން އޭނާ ވަނީ ސަރުކާރުގެ ތިން ވަޒީރުން ކަމުގައިވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ހޯމް މިނިސްޓަރު އަހްމަދު ޒުހޫރު އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާ ބައްދަލު ކުރައްވައިފައެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް އޮފިޝަލުންނާއި، ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްއާ ވެސް އޭނާ ބައްދަލު ކުރެއްވި އިރު، ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނާ އަކިލޭޝް މިޝްރާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ އަރިހަށް ޓަމްރަޓު ޒިޔާރަތް ކުރެއްވި އެވެ.

ޓަމްރަޓު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ވެސް ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ސިޔާސީ ޕާޓީތަކަކުގެ މަޝްވަރާތައް މިހާރަށް ވުރެ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ރައީސް ޔާމީނާއި އދ. ގެ މަންދޫބު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ޓަމްރަޓް އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މި އަހަރުގެ އޭޕްރިލް މަހު އެވެ. އޭނާގެ އެ ދަތުރުފުޅުގެ ތެރެއިން ސަރުކާރުން ވަނީ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކުރުމަށް ނިންމާފައެވެ.

ޓަމްރަޓް މިފަހަރު ރާއްޖެ ވަޑައިގަތުމާ ގުޅިގެން ސަރުކާރުން މީޑިއާގައި ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބޭފުޅުންނަށް ހުޅުވިފައިވާ ކަމަށެވެ.

"އަދިވެސް އެ ދޮރެއް [ރައީސް ނަޝީދާއި ޝެއިހު އިމްރާނު މަޝްވަރާތަކުގައި ބައިވެރިކުރުން] ބަންދެއް ނުވޭ. ހަމަ މަޝްވަރާތަކުގައި އެބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް،" މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ލީޑަރުން ރަހީނުންގެ ގޮތުގައި ބައިތިއްބައިގެން ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ނުދާނެ ކަމަށެވެ.

comment ކޮމެންޓް