ގެނބިގެންް ނުދަނީސްް

"އެކުއްޖާ މަރުވެއްޖެއްޔާ މާ ރަގަޅު، އެއީ އަދި އިމީގެ ދަރިއެއްވެސް ނޫނޭ. އެ ނުލަފާ އަންހެނާގެ މަކަރުވެރިކަމުން އިމީގެ ބޮލުގައި އެޅުވީތީ އެކަމުގެ ސަޒާކަން ނޭގޭ އެލިބުނީ، ތޭންކް ގޯޑް. އެހާވަރަށް ބުނީމަވެސް އެންމެންވެގެން އެމީހާ މާ ގާތްކޮށްގެން އުޅުނީ ކައި ދެރަކުރަންވެގެން، އެހެންވެ ގޯޑް އެންމެނަށް ޕަނިޝްކުރަނީ......." ކާއިއާގެ އެ އަނިޔާވެރި ޖުމްލަތަކުން އެންމެން ސިހުނެވެ. ނުބައި އަސަރުތަކެއް ކުރުވިއެވެ. ކިޔަން ދުއްވައިގަތީ ގަރާޖުން ކާރު ނެރުމަށެވެ.

އައިސީޔޫގެ ބޭރުގައި ރޮއިރޮއި ހުރި ސާރާ ފެނުމުން އައްމާރު އެދިޔަގޮތަށްގޮސް ސާރާ ގެނެސް މޭގައި ޖައްސާލިގޮތަކުން ސާރާއަށް ވަކިން ބޮޑަށް ރޮވުނެވެ.

"ޝްޝްޝް......ނުރޮއި ބޭބީ....." އައްމާރުގެ އަޑުގައި އެވަގުތުވީ ލޯތްބާއި އޯގާތެރިކަން ސާރާގެ ހިތުގައި ބީހިލީ މަޑު ފަށުވިކޮޅެއްފަދައިންނެވެ. ހިތާމައިން ފޯވެފައި ހުރެވެސް އެހިތުގައި ގަނޑުފެން އަޅާލަދިންފަދަވިއެވެ. ސާރާގެ ވިދުންގަދަ ދެލޮލާއި އައްމާރުގެ ލޯ ބައްދަލުވީހިދު ލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން ނުރޯށޭ ބުނާފަދައަކުން ބޯ ހޫރާލިއިރު އައްމާރުގެ ދެލޮލުގައިވެސް ކަރުނައިގެ އަސަރު ހުއްޓެވެ. އެހިތުގައި ޚަލީސީ އަދި ސާރާއަށްޓަކާ ވާ މަގާމު އެހިދުކޮޅު ސާރާއަށް ހާމަވިއެވެ. އައްމާރު ނުބުނިކަމުގައި ވިޔަސް އެހިތުގައިވަނީ ލޯތްބެވެ.

އޭރު އެތަނުގައި ސާރާގެ އާއިލާގެ ބައެއް މީހުންނާއި އެކުވެރިންވެސް މަޑުކޮށްލައިގެން ތިއްބެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ސުދާވެސް ހުރީ ޓިޝޫއަކުން ލޯ ފޮހެލަ ފޮހެލައެވެ. ޝެހެނާޒްވެސް އިނީ ވަރަށް ހިތާމައިގައެވެ. ތިމާގެ މީހަކާއި މާމަ ހަވާލުކޮށްފައި އައީވެސް މަޖުބޫރުވެގެންނެވެ. މިހާ އިމަޖެންސީ ނުވިނަމަ މާމަ އެގޮތަށް މީހެއްގެ ބެލުމުގެ ދަށުގައި އިރުކޮޅަކަށް ބަހައްޓަންވެސް ސާރާގެ ހުއްދައެއް ނޯންނާނެއެވެ.

ޑޮކްޓަރު ކައިރިން ހުއްދަ ހޯދައިގެން އެތެރެއަށް ވަންއިރުވެސް ޚަލީސީ ގެ ހާލު ވަރަށް ދެރައެވެ. ނަސީބަކުން ބީޕީ ލިބި ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅި ޑޮކްޓަރުންވެސް އެތަނުން ނުކުމެގެން ދިޔައީ ނަރުހުންނާއި ހަވާލުކޮށްފައެވެ. އައްމާރުއާއި ސާރާ ދަރިފުޅުގެ ދެފަރާތުގައި ތިބިއިރު އައްމާރު މަޑުމަޑުން ޚަލީސީގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. އެތައް އިރެއްވާންދެން ހިފަހައްޓައިގެން ހުރި ކަރުނަތަކުން ލޯ ފެންކަޅިވީ ދަރިފުޅު ވަކިވެގެން ހިނގައިދާނެކަމުގެ ބިރުހީވެފައެވެ. އެހާ ކުޑަދުވަސްކޮޅަކަށް އޭނަގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިން ދަރިފުޅު އަބަދަށްޓަކާ ލޯމަރާފާނެކަމުގެ ބިރު ހުރިހާކަމަކަށްވުރެ ބޮޑުވިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ފަހަތުން އައިސް އައްމާރުގެ ކޮނޑުގައި އަތްބޭއްވިއެވެ.

"އިމީ......" ޝުވޭކާރު ގޮވައިލިއެވެ.

އައްމާރު އޭނަގެ މަންމަގެ އަތް ދުރަށްޖައްސާފައި ކުއްލިއަކަށް ތެދުވުނުއިރު ހިތާމަވެސް ރުޅީގެ ސިފަ ޚިޔާރުކޮށްފިއެވެ. ދަރިފުޅު މިހާލަތަށް އައިއިރުވެސް އޭނަގެ މަންމަ ޑޮކްޓަރަކަށްވެހުރެ އަޅާނުލިކަން ހިތަށް އަރާފައި މިއީ މަންމަ ކަމުގައި ގަބޫލުކުރާކަށް ހިތް އެއްބަހެއްނުވިއެވެ. އެންމެންވެސް ތަމްސީލްކުޅެނީއެވެ. ކާއިއާ ބުނީ ދޮގެއްނޫނެވެ. ގޭތެރޭގައި އޭނައަށް ނޭގި ކޮންމެވެސް ކަމެއް ރާވަމުންދާކަމާއިމެދު ޝައްކެއްނެތެވެ.

"ޕްލީޒް ތިހާވަރަށް އެކްޓްނުކުރިޔަސް ހެވޭ، އަހަރެން ދަރިއަކަށްވިނަމަ ތިހާ ލޯބިވާނަމަ އަހަރެންގެ ދަރިފުޅު މަރުވެގެން ދާއިރު މާމައަކު އަޅާނުލާ ހުންނާނެތަ؟ މުޅިންވެސް ޑްރާމާ، ޕްލީޒް ލީވް މީ އެލޯން........" އައްމާރު ހަރުކަށިކަމާއިއެކު ވާހަކަދެއްކިއެވެ. ޝުވޭކާރުގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔުމާއިއެކު ބަލައިލެވުނީ އެތާ ތިބި ނަރުހުންނާއި ދިމާލަށެވެ. އެންމެންގެތެރޭގައި އައްމާރު އޭނަ ލަދުގަންނަވާލާ އަގު ވައްޓާލައިފިއެވެ.

"އިމީ، އެންމެންގެ ތެރޭގައި ޒާތީ ވާހަކަދެއްކުމަކީ ރަގަޅުކަމެއް ނޫނޭ....." ޝުވޭކާރުގެ މޫނުމަތީގެ އުޖާލާކަން ކެނޑި ތުން ފިތާލެވިއްޖެއެވެ. ކިތަންމެ ލޯބިވާ ދަރިއެއް ނަމަވެސް މިގޮތަށް އޭނަގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަފަދަގޮތަކަށް ވާހަކަދެއްކިގެން ނުވާނެއެވެ.

"އައި ޑޯންޓް ކެއަރ. އެންމެނަށް އެނގެން ޖެހޭނެ. ދުރުހިލޭމީހުން ހަމްދަރުދީވީއިރު އެބުނާ މާމަ އެންމެފަހަރަކުވެސް އަހަރެންގެ ދަރިފުޅާއި އަނގައިން ބުނިތަ؟ ކުޑަ ކުޑަ މައުސޫމް ފުރާނައެއް މަރާއި ހަގުރާމަ ކުރަމުންދާއިރު ހާލު ބަލައިލާކަށްވެސް ނައި. އެކަމަކު އަހަރެން މިއީ ދަރިފުޅު؟ ނޫން، ކައި ބުނީ ހަމަތެދެއް، އެންމެންގެ ރޭވުމެއް މިއީ......" އައްމާރު އެއްވެސް މީހަކަށް ފަރުވާލެއް ބަހައްޓާކަށް ބޭނުމެއްނުވިއެވެ. އެވަގުތުވެސް ޝުވޭކާރަށް ހަމްދަރުދީވެ ސާރާ ތެދުވެގެންގޮސް އައްމާރުގެ އަތުގައި ހިފެހެއްޓިއެވެ.

"އައިމް ސޮރީ މަމް، ޚަލީސީގެ ހާލު ދެރަކަމުން އިމީ ހަމަނުޖެހޭ ވާހަކަދައްކަނީ، މަންމަ މިއަދުވެސް މިތަނަށް އައީމެއްނު. އިމީ. ޕްލީޒް ހުއްޓާލަބަލަ. މަންމަމެންނާއި ޒުވާބުކުރިޔަސް ދަރިފުޅުގެ ހާލު ރަގަޅެއް ނުވާނެކަން އިމީއަށް އެނގެއެއްނު............" ސާރާވެސް އެންމެންގެ ތެރޭގައި އެގޮތަށް ޝުވޭކާރު ނިކަމެތިކޮށްލާކަށް ބޭނުމެއްނުވިއެވެ. އެއީ މިތާގައި ބަސްވިކޭ ގަދަރުހުރި ޑޮކްޓަރަކެވެ. އެހެންނޫނަސް އާއިލީ ސިއްރުތައްވެސް ހިފަހައްޓަންވާނެއެވެ. އައްމާރު އެހެރީ ރަގަޅަށްވެސް ބޯގޮވާވަރުވެފައެވެ. އެހެންނޫންނަމަ އައްމާރު އެވައްތަރަށް އޭނަގެ މަންމައާއި ޒުވާބެއްނުކުރާނެއެވެ. އައްމާރުގެ މިޒާޖަށް އައިސްފައިވާ ބަދަލާއިމެދު ސާރާ ހައިރާންވާ ދަރަޖައަށް ދިޔައެވެ. ކުރިން އައްމާރުއަކީ ހާދަ ރަގަޅު ޒުވާނެކެވެ. ނަބީލާ އެހާ ނިކަމެތިކޮށް ކަންތައްކުރިއިރުވެސް އޭނަ އެމަންމަގެ ހައްގު އަދާކުރިއެވެ. މިހާރު އައްމާރުގެ ޝައިތާނީ ބައި ދައްކަންފެށީ ކީއްވެހެއްޔެވެ؟ އަމިއްލަ ނަފުސަށް ބާރު ނުފޯރުވެނީ ކީއްވެހެއްޔެވެ؟

އައްމާރުއަށް ސާރާގެ އެންމެ ފަހުގެ ޖުމްލައިން އަސަރުކުރިއެވެ. ތެދެކެވެ. މިގޮތަށް އަޑުގަދަކުރިޔަސް ޚަލީސީ އަނބުރާ ނާންނާނެއެވެ. އޮތްގޮތަކީ ހެއްދެވި ފަރާތަށް ދުޢާކުރުމެވެ. ލޯތްބަކީ މަޖުބޫރުން ހޯދޭ އެއްޗެއް ނޫނެވެ. ޝުވޭކާރުމެންފަދަ ހަރުކަށި މީހުންގެ ހިތްތަކަށް އަސަރެއްނުކުރާނެއެވެ. އެންމެންގެ ހިތްތައް އަތުލާފަދަ ރީތިކަމެއް ދެއްވާފައި ހުރި ކުއްޖަކު އެމީހުންގެ ކުރިމަތީގައި އުޅުނުއިރުވެސް ލޯބިން ދުވަހަކު ވާހަކަދައްކާފައެއް ނުވެއެވެ. އައްމާރު އިށީންގޮތަށް ޚަލީސީގެ ކުޑަ އަތްތިލަ އަތުތެރެއަށް ލެއްވިއެވެ. އަދި އެނދުގައި ބޯ ޖައްސާލައިގެން އޮތްއިރު އޭނަ ރޮނީކަން އެންމެނަށްވެސް އެނގުނީ ބެޑްސީޓް ކަރުނައިން ތެމެމުން ދިޔުމުންނެވެ. އެ މަންޒަރު ފެނިފާ ޝުވޭކާރުގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. އައްމާރު އެހާ ޔަގީންކަމާއިއެކު އޭނަގެ ދަރިފުޅުކަމުގައި ބަލައިގަތިއްޔާ މާމަ ޝައްކުކުރަން ޖެހޭނެހެއްޔެވެ؟ އައްމާރު ތުއްތުއިރުވެސް މިފަދަ ކިތަންމެ ދުވަހެއް ތަޖުރިބާ ކުރެވިފައިވާނެކަން ނޭގެއެވެ. ހަގީގީ މަންމައާއި ބައްޕަގެ ލޯބި ނުލިބި ތުއްތުއިރުއްސުރެން މިހިސާބަށް އައިސްފައިވާ ދުވަސްތައް ހިތަށް އަރުވާލުމުންވެސް ޝުވޭކާރުގެ ހިތް ރޫރޫއަޅާގޮތްވިއެވެ. އައްމާރުއަށްވެސް އޭނަފަދައިން އަމިއްލަ ދަރިފުޅުވިއްޔާ އިހުސާސްކުރެވޭނެއެވެ. ނައީމާގެ ދަރިފުޅު ފެނިފައި ޝުވޭކާރަށް އަސަރު ނުކުރިއިރު އައްމާރު ފެނުމުން ވީގޮތްތައް ކިހާ ތަފާތުހެއްޔެވެ؟ ޑީއެންއޭއަކުން ދުވަހަކު ޔަގީންނުވިޔަސް މަންމައަކަށް ދަރިއަކު ނޯޅޭނެއެވެ. އޭނަވަނީ އެކަން ތަޖުރިބާކޮށްފައެވެ. އެ ހަރުކަށި ހިތަށް ރަހުމާއި ކުލުނު ވަންގޮތަށް ދެލޮލުން ހޫނު ކަރުނަތައް އޮހިގަތީ ގޮތެއް ބަލާފައެއް ނޫނެވެ. ޝުވޭކާރު ގުދުވެ ޚަލީސީގެ ނިތްކުރީގައި ބޮސްދިނެވެ.

"އައިމް ސޮރީ ދަރިފުޅާ......" ޝުވޭކާރު ހިތުގެ އަޑިން މާފަށް އެދުނެވެ.

ޑެންގީ ހުމުގެ އެންމެ ނުރައްކާތެރި ހިސާބަށް ގޮސްފައި ޚަލީސީ ސަލާމަތްވިކަމީ ކަރާމާތެއް ކަހަލަ ކަމެކެވެ. އައްމާރުއާއި ސާރާ އަދި އާއިލާގެ މެމްބަރުންގެ ދުޢާ އިޖާބަކުރައްވާ ޚަލީސީއަށް ދެވަނަ ދިރުމެއް ލިބުނެވެ. މަޑުމަޑުން ރަގަޅުވާން ފެށިގޮތަށް އޭނަގެ ބައްޕައާއި މަންމަގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިކޮށްލަދިނެވެ. ޚަލީސީގެ ބީޕީ ނުލިބި ޝޮކަކަށްގޮސްފައި ވަނިކޮށް ސަލާމަތްވިކަމީ ޑޮކްޓަރުންވެސް ހައިރާންކުރުވަނިވި ކަމެކެވެ. އޭރު އެމީހުންވެސް އުއްމީދު ކަނޑާލިއެވެ. ނަމަވެސް ދުޢާގެ ބާރުގަދަކަން ސާބިތުވެގެން ދިޔައީ ޚަލީސީ އަލުން ދުނިޔެއަށް ލޯ ހުޅުވާލުމުންނެވެ.

އައްމާރު ކޮޓަރިއަށް ވަންގޮތަށް ޝުކުރުގެ ސަޖިދައެއްކުރިއެވެ. އޭނަކޮށްފައިވާ ފާފަތައް މަތިން ހަނދާންވެ އެކަމާއި ހިތާމަކުރިއެވެ. ކާއިއާއަކީ ކޮއްކޮއެއްކަމަށް އެންމެން ބުނެފައިވަނިކޮށް ކާއިއާއާއިއެކު އުޅެވުނުގޮތް ހިތަށްއަރާފައި އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. އެހާ ބޮޑު ފާފަތަކަށް އަރައިގަންނައިރުވެސް ހެއްދެވި ފަރާތުން އަޒާބެއް ނާންނަކަމީ އިންސާނުންނަށް ލައްވާ ރަހުމަތެއްކަމުގައި ގަބޫލުކުރިއެވެ. ކުރެވުނު ފާފައާއިމެދު ހިތާމަކޮށް ތައުބާވުމަށްފަހު އެފަދަ ކަމަކަށް ދެން ނާރަން އަޒުމް ކަނޑައެޅުމުން ހިތަށް ފިނިކަމެއް ލިބުނެވެ.

އައްމާރު ފެންވަރާލުމަށްފަހު ތާޒާވެލައިގެން ނުކުމެފައި ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ. ޖޫޕް ލެކޯސްޓޭ ވަން މިލިއަނުން ފެށިގެން ނަން ހުސްކޮށް ސެންޓް ގެނެސް އަތުރާލާފައި ހުރިއިރު މިވީހާ ތަނަށް އައްމާރު އެސެންޓް ބޭނުންކޮށްފައެއް ނެތެވެ. މަންމަ އޭނަ ރުއްސަން އޭނައަށް މުއްސަދިކަމުގެ ހުރިހާ ރަހަތައް ގެނެސްދެނީއެވެ. އެކަމަކު އޭނައަށް މިހުރިހާ އެއްޗެއް އެންމެ ބޭނުންވީ ދުވަހު މިފަދަ އުފަލެއް ހާސިލުކުރެވިފައެއްނެތެވެ. އެހާވަރުން އުޅޭއިރު މަންމަގެ ހިތްހަމަޖައްސާދިނުމަކުން ލިބޭނެ ގެއްލުމެއްނެތެވެ. ދީނުގައިވެސް އަންގަވަނީ މައިމީހާ އަކީ ކާފަރަކަށް ވިކަމުގައިވިޔަސް ހެޔޮކޮށް ހިތާށެވެ. އައްމާރު ސެންޓުފުޅިއަކުން ގަޔަށް ޖެހުމުން ފިރިހެންވަންތަ ވަހެއް ކޮޓަރިތެރޭގައި ހިފާލައިފިއެވެ. ކާކޮޓަރިއަށްވަދެ ފްރިޖް ހުޅުވާލައިގެން ފެންފުޅިއެއް ނެގިތަނާ މީހެއްގެ ހިލަންވެގެން ބަލައިލިއިރު ކާއިއާ ހުރިތަން ފެނިފައި ހިތް އަވަސްވެލިއެވެ.

"އިމީ ރުޅިތަ؟ " އައްމާރު އަވަހަށް ނުކުމެގެން ދާން ހިނގައިގަތުމުން ކާއިއާ ފަހަތުން އައެވެ. އައްމާރުއަށް އެ ސުވާލުގެ ޖަވާބު ދިނުން މުހިއްމުކަމަކަށް ނުވިއެވެ.

"އެނގޭ ޚަލީސީއާއި ދިމާލަށް އެހެން ބުނީމަ ހިތްހަމަނުޖެހިފައިކަން ތިހިރީ، އެކަމަކު އެއީ އިމީގެ ދަރިއެއްނޫންކަން ޔަގީންވާތީ އެހެންބުނީ. ދެން ތިއުޅެނީ އަނގައިން ނުބުނަންތަ؟ ޑޯންޓް ޑޫ ދިސް ޓު މީ. ބޭބެއަކަށްވިޔަސް އައި ޑޯންޓް ކެއަރ. ކުރިއަށްވުރެ ލޯބިވޭ. އެންމެންވެސް ފާފަކުރަނީނު. އަހަރެމެން ކޮންމެ ގޮތަކަށް އުޅުނަސް އެހެން ބަޔަކަށް އެނގޭނީއެއްވެސް ނޫނޭ. ކީއްވެގެންނޯ މިހާރު ހާސްވެފައި ތިހިރީ. އިމީވެސް އަހަންނަށް ބޭނުންވޭ، ކުރިއަށްވުރެވެސް ބޮޑަށް. އެ ފީލިންގްސްތައް ޑިނައި ކުރަން ނޫޅޭ........." ކާއިއާ އައްމާރުގެ ކުރިބެއްދިއެވެ.

"މޮޔަނުވޭ......." އައްމާރު ކާއިއާ ދުރަށް ކޮށްޕާލީ އަނިޔާނުވާގޮތަށް މަޑުންނެވެ. ކާއިއާ ދޫލަމަތީގައި ޖެހުނުގޮތަށް ތެދުވުނުއިރު އިސްތަށިގަނޑު ހާވާލައިގެން ހުރުމުން ކުޑަ ހަންޑިކުއްޖެކޭ ތަފާތެއްނެތެވެ. އެހާ ރުޅިވެރިގޮތަކަށް ބަލައިގެން ހުރިގޮތުން ހީވީ އައްމާރުގެ ގަޔަށް އަރައިގެންފާނެހެންނެވެ. އައްމާރުގެ މި ދުރުކަން އޭނަ ރަގަޅަށްވެސް މޮޔަކޮށްލައިފިއެވެ. އައްމާރު ސިޑިއާއި އަރާ ހަމަވިވަގުތު ފަހަތުން އައިގޮތަށް އައްމާރުގެ ކޮނޑަށް އެރިގޮތަށް މެދުހަށީގައި ދެފައި އަޅުވާލިގޮތުން އޭނައަށް ހަށިގަނޑު ބެލެންސްކުރެވުނީ ރެއިލިންގައި ހިފާލެވުމުންނެވެ. އޭރު އައްމާރުއާއި ކާއިއާގެ މޫނުވަނީ ޖެހި ފިތިފައެވެ. ކޮޓަރިން އެކީގައި ނުކުމެގެން އައި ފައިސަލްގެ ދެމަފިރިންނަށް އެމަންޒަރު ފެނުމުން ދެމީހުންގެ މޫނުވެސް ރަތްވެގެން ދިޔައީ ގަތްލަދެއްގެ ބޮޑުކަމުންނެވެ.

"ކިހިނެއް ތި ވަނީ؟ ކޮން ސަކަރާތެއްތަ؟ " ޝުވޭކާރަށް ބުނެވުނެވެ.

ކާއިއާވެސް އަވަހަށް އައްމާރުގެ ކޮނޑުން ފުންމާލައިގެން ދުވަމުންގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ޖެހިއަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ފައިސަލްމެން މަޑުކޮށްނުލާ އެދިޔަ ތާކަށް ދިޔުމުން އައްމާރުވެސް ކޮޓަރިން ނުކުތީ ހޮސްޕިޓަލަށް ދިޔުމަށެވެ. ކާއިއާއަށް ނުފެނި އަވަހަށް އެގެއިން ނުކުންނާންކަމަށް އުޅުނަސް ހީވަނީ އަބަދު ކާއިއާ އޭނަގެ ހަރަކާތްތަކަށް ފާރަލައިގެން ހުންނަހެންނެވެ. ސިޑިން ފައިބަމުން ދެފަރާތަށް ބަލައިލެވުނުއިރު ކުއްލިއަކަށް ސިޑީގެ ފުރަގަހުން ނުކުމެފައި މޮޔަގޮތަކަށް ހޭންފެށިއެވެ.

"...........ޔޫ" ކާއިއާ މަޖަލަށް ހަދާފައި ކިޔާލިއެވެ. ގޭތެރޭގައި އެކަކުވެސް ނޫޅެ އަމާންގަޑިއެއްކަން ޔަގީންވެފައިވާތީއާއި އޭނަގެ ނިންމުން ކާއިއާއަށް އިއްވާދޭން މިހާ ރަގަޅު ފުރުސަތެއް ނުލިބޭނެއެވެ. އޭނަގެ ހިތުގައި ކުޑަ ކުޑަ ޝައްކެއް ހިނގިކަމުގައި ވިޔަސް އޭނަގެ މަންމައަކީ ޝުވޭކާރަށް ވުމަކީ ނުވުމަށްވުރެ ވުން އެކަށީގެންވާކަމެކެވެ. ވީއިރު އޭނައަށް ކާއިއާއާއި ގުޅެވޭކަށް ދީން ތަނެއްނުދެއެވެ. ނޭގުމުގެ ތެރޭގައި ލޯބިވެވުނަސް އެގުޅުމުގައި ނިމުމުގެ ސިއްކަ އޭނަވަނީ ޖަހާފައެވެ. އަމިއްލައަށް އެކަން އެނގިހުރެ ކުރި ފާފައަށް އޭނަވަނީ ތައުބާވެފައެވެ. ވީއިރު ކާއިއާއަށް އޭނަ ވިސްނާދޭންޖެހޭނެއެވެ. އެހެން އަންހެންކުއްޖެއްނަމަ ހާދަ ލަދުގަންނާނެއެވެ. ކާއިއާ ބޯގޮވާފައި ހުރުމުން ލަދެއްނެތި އަދިވެސް އެއުޅެނީ ފަހަތުން އާދޭސްކުރަމުންނެވެ. ބޭބެއެއްދެކެ ލޯބިވުމަކީ ނޯމަލް މީހަކަށް ހާދަ އުދަގޫކަމެކެވެ. އައްމާރު ސިޑީގެ ރެއިލިންގައި އެއް އަތުން ހިފަހައްޓާލައިގެން އަނެއް އަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު ފިރިހެންވަންތަކަމާއި ސްމާޓްކަމުން ކާއިއާގެ ހިތް ހަލާކުވާވަރުވިއެވެ. އެރީތިކަން އަތުން ބީވެގެން ދާތީ އޭނަ މޮޔަވާވަރުވިއެވެ.

"ތިހާ ގޮތްކުޑަވެގެން ނޫޅެ އަންހެނެއްހެން އުޅެން ދަސްކުރަންވީނު، ބުނަން ކައި ރަގަޅުވާހަކައެއް؟ ތިގޮތަށް ޑިޕްރެސްވެ މީހާ ހަލާކުވެގެން ނުދަނީސް ނަމާދުކޮށް ރަގަޅަށް އުޅެންފަށާ، އައި ނޯ މިއީ ދެމީހުންނަށްވެސް ކިހާ އުދަގޫ ސިޗުއޭޝަނެއްކަން. އެކަމަކު ކައި ހެދީ ދޮގުކަންވެސް އެނގޭ، ކިޔަން އޮޅުވައެއްނުލާނެ......" އައްމާރު މަސައްކަތްކުރީ ކާއިއާގެ މޫނަށް ނުބަލާށެވެ.

"ޔޫ އާ ރައިޓް، ކިޔަން ސާރާދެކެ ލޯތްބެއްވެސް ނުވޭ، އިޓްސް އޯލް ވައިޓް ލައިސް، އެކަމަކު ބޭބެއަކަށްވިޔަސް އަހަންނަށް އިމީ ނުލިބެންޏާ އައި ވިލް ޑައި. ހަމަ ތެދަށް މިބުނީ، އަހަރެން ލަދެއްވެސް ނުގަނޭ. ކީއްވެ ކުރިން ނުބުނީ؟ މަންމައަށް ބުނަން އެނގުނީ މިހާރުތަ؟ އިޓްސް އޯލް ދެއަރ ފޯލްޓް، މިހާ ހިސާބަށް ދިޔައީމަ އިމީވެސް ބޭނުމެއްނުވާނެ ހުއްޓާލަން. ޕްލީޒް ނޫނެކޭ ނުބުނާތި. ޕްލީޒް....." ކާއިއާ އައްމާރުގެ އަތްމަތީގައި އަތް ބޭއްވުމުން އައްމާރުގެ އަތް ދަމައިގަތެވެ.

"އަހަރެން އެދުވަހު ކުރީ ކުށެއް. ފާފައެއް. ކޮއްކޮކަން އެނގުމަށްފަހު އެ ނަޒަރުން ބަލައިލާކަށްވެސް އަހަރެން ނުޖެހޭނެ. ކައި ހެއްދެވި ފަރާތަށް ބިރެއްނުގަނޭތަ؟ މަރުވެދާނެތީ ކަންބޮޑުނުވަނީތަ؟ " އައްމާރު އަހާލިއެވެ.

"ފާފަނުކުރާ ބަޔެއް ބުނެބަލަ. އެންމެންވެސް ފާފަކޮށްގެން އެއުޅެނީ. އަހަންނަށް މިކަމެއް ނުހުއްޓޭނެ. އޯން ބްރަދަރ ދެކެ ލޯބިވުމަކީ ވިއާޑް ކަމެއް. އެކަމަކު ލޯބިވެވުނީ އަމިއްލައަކަށް ނޫނެއްނު، ހުއްޓަން މަސައްކަތްކޮށްގެން ނުހުއްޓުމަކީ ކާކުގެ ފޯލްޓެއްތަ؟ ބުނެބަލަ. އިމީ. އައި ލަވް ޔޫ. ލަވް ޔޫ ސޯ މަޗް.. ޔޫ އާ މައި އެވްރީތިންގް. ތި ރީތި ދެލޮލާއި ހިނިތުންވުމަށްޓަކާ އަހަރެން މަރުވެދާނަން، ދުވަހަކު އެހެން މީހެއްދެކެ ދެން ލޯތްބެއް ނުވެވޭނެ. އެނގެއެއްނު އަހަރެން އިމީއަށްޓަކާ މަރުވެދާނެކަން......" ކާއިއާގެ ދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދަންފެށިއެވެ.

"ސޮރީ.......ދެން ޖެހޭނީ ސައިކޭޓްރިސްޓަކަށް ދައްކަން." އައްމާރު ދުރަށް ބަލަންފެށިއެވެ.

"ހާޓްލެސް ލޯބިވެރިޔެއް....." ކާއިއާ ލޯ އަޅައިލިއެވެ.

"ކޮންމެވެސް އެކަކަށް ވިސްނެން ޖެހޭ. ކައިގެ މައްސަލައަކީ ދީނަށް ފަރުވާކުޑަކަން، ނަމާދުނުކުރާކަން، އެވަރަށް ބުނާއިރުވެސް. މަރުގެ ވާހަކަދެއްކީމަ މިއަދު ރިމައިންޑް ކޮށްދޭނަން؟ ޕްރޮމިސްކުރީމެއްނު އަމިއްލަ ފުރާނައަށް ގެއްލުމެއް ނުދޭނެކަމަށް، އެކަހަލަ ކަމެއް ކޮށްފިއްޔާ ދުވަހަކު އަހަރެން އަނގައިންވެސް ނުބުނާނަމޭ ނުބުނަންތަ؟ " އައްމާރު ބުމަ އަރުވައިލިއެވެ.

"ވެން އިޓް ކަމްސް ޓު ޔޫ އަހަންނަށް އެހެން އެއްވެސް ކަމެއް ހަނދާނެއް ނުހުންނަނީ، އިމީ ނުލިބެންޏާ ހެވޭ ނަރަކައިގާ އޮންނާން ޖެހުނަސް. ބޭނުންވަނީ އެކަނި އިމީ، ނޫނީ އެހެން އެއްވެސް އުފަލެއް ނަސީބެއް ބޭނުމެއްނޫނޭ. އަންޑަސްޓޭންޑް..." ކާއިއާގެ ޖުމްލަތަކުން އައްމާރުގެ ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. ވަރަށް ދެރަވިއެވެ. ކާއިއާ ކުފުރު ވާހަކަދައްކަން ފެށީވެސް ސިކުނޑީގެ މައްސަލަ ހުރީމަހެއްޔެވެ؟ ނޫނީ ހަމަ ލާދީނީވެގެންގޮސް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭގި ހުއްޓުން އަރާފައި ހުރިއިރު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ކާއިއާގެ ވިސްނުން އެހެން ހުރެއްޖެއްޔާ އޭނަ ކޮންމެފަދަ ގޯހެއްވެސް ހަދާފާނެއެވެ.

"މިހާރު މިދުނިޔެއިން އެއްވެސް ނަސީބެއް ލިބޭކަށް ނެތް. ދުނިޔެއަށް ދެން ނޭވާލާނީވެސް އިމީ މި ޝަރުތު ގަބޫލުކުރުމުން. އެންމެން ނިދީމަ ސިއްރުން ކޮންމެ ރެއަކު އެޓްލީސްޓް ވަން އަވަރއަށް ކައިގެ ރޫމަށް އާދޭ، ނޫނީ....." ކާއިއާ ހަށަން ބަދެލިއެވެ.

"ތްރެޓްކުރަނީތަ؟ " އައްމާރު ހައިރާންވިއެވެ.

"ނޫނީ ކައިގެ ޖަނާޒާ ދެން އިމީއަށް ފެންނާނީ......" ކާއިއާ އެންމެފަހުގެ ނިންމުން އިއްވާލިއެވެ.

"ބައިދަވޭ ޔޫ ސްމެލް ހެވަންލީ......." ކާއިއާ ތަންކޮޅެއް ކައިރިއަށް ޖެހިލާފައި އައްމާރުގެ ޓީޝާޓުގައި ވަސްގަނެލިއެވެ. އައްމާރު ފަހަތަށް ޖެހިލީ ބޭއިޚުތިޔާރުގައެވެ. ކާއިއާ މިހާރު އޭނަ ބްލެކްމެއިލް ކުރާނެ އާގޮތެއް ދަސްކުރީއެވެ. އޭނަ އެކޮޓަރިއަށް ފާފައެއް ކުރާކަށް ނުދާނެއެވެ. ދިޔަސް އޭނަ ކާއިއާއަށް ވިސްނާދޭނީއެވެ. ނޫނީ ކޮންމެވެސް ކަހަލަ ބޭހެއް އަޅައިގެން ނިންދަވާފައި އޭނަ އެބުރި އަންނާނީއެވެ. ކާއިއާ ކޮންޓްރޯލްކުރަން ހަދާނީ ކިހިނެއްހެއްޔެވެ؟

"އަންނާނަންތަ؟ " ކާއިއާ އަހާލިއެވެ.

"އޯލްރައިޓް......." އައްމާރު ހަތިޔާރު ބެހެއްޓިއެވެ. ކާއިއާ ކުއްލިއަކަށް އައްމާރުގެ ގައިގާ ބައްދާލާފައި މޫނުގައި ބޮސްދިނުމުން އައްމާރު ދުރުކޮށްލާފައި ނުކުމެގެން ދާން ހިގައިގަތެވެ. ފެންޑާއާއި އަރާހަމަވީއިރު ބޯކޮށް ވާރޭވެހިގަތްތަން ފެނިފާ އެތާހުރެ ސިގިރެޓެއް ރޯކޮށްލައިފިއެވެ. ސިގިރެޓް ބޯތަން ފެނުނީމަ އެންމެންވެސް ސުވާލުކުރާނެއެވެ. އަންހެނުންނާއި މައްސަލަ ޖެހުނީހޭ އަހާނެއެވެ. ހާސްވާންވީ އެކަނި ލޯބީގެ މައްސަލަތަކުގައެއްވެސް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ އެހެން އުދަގޫތައްވެސް ހުންނާނެއެވެ. ނަމަވެސް އޭނައާއި ދިމާވެގެން މިއުޅޭވަރުގެ އިމްތިހާނަކާއި އެހެން މީހަކު ކުރިމަތިލާން ޖެހޭނެ ބާވައެވެ. ސިގިރެޓް ހުސްކޮށްލާފައި ވާރޭ ކޯޓު ގަޔަށް މަހާލައިގެން ނުކުތީ އެ ބޯ ވާރޭގެ ތެރެއަށެވެ.

ޚަލީސީ ގެއަށް ފޮނުވާލުމުން ސާރާ ގަސްތުކުރީ އޭނަގެ މަންމަގެ ގެއަށް ދިޔުމަށެވެ. އައްމާރުއާއިއެކު އެގެއަށް ގޮސްފިއްޔާ ފެންނާނެ މަންޒަރުތައް އޭނައަށް އެނގެއެވެ. ދެލޯ މަރާލައިގެނެއް އޭނައަކަށް ނޫޅެވޭނެއެވެ. އައްމާރު ހޮސްޕިޓަލަށް އައުމުން ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއިއެވެ. ދަރިފުޅު ގޮވައިގެން ސާރާ ދިޔަކަން އެނގުމުން އެގެއަށް ދާން އުޅެފައިވެސް ޚިޔާލުބަދަލުވިއެވެ.

މިޒަމާނުގައި އެންމެ ފަސޭހައިން ބައްޕަ ކަށަވަރުވާނީ ޑީއެންއޭ ޓެސްޓް ހަދައިގެންނެވެ. އެގެއަށް ޚަލީސީ ފުރަތަމަ އައި ދުވަހުވެސް ޝުވޭކާރު ޚަލީސީގެ ޓެސްޓް ހަދަންވެގެން އެންމެނަށް ސިއްރުން ސާމްޕަލެއް ނެގިއެވެ. ނިޔަފަތިން ތަންކޮޅަކާއިއެކު އިސްތަށްޓެއް އުފުރާލުމަކީ ޝުވޭކާރަށް އުދަގޫކަމަކަށްނުވިއެވެ. ޓެސްޓްގެ ނަތީޖާ ލިބުމުން ހައިރާންވިއެވެ. ޚަލީސީގެ އިސްތަށިގަނޑާއި ކަޅީގެ ކުލަ ތަފާތުވިޔަސް އެއީ އައްމާރުގެ ދަރިއެއްކަން ކަށަވަރުވިއެވެ. އެވާހަކަ ފައިސަލްއާއި ހިއްސާކުރިއިރު އަޑުއަހަން ހުރި ކާއިއާއަށް ވީ ނުބައި ގޮތެކެވެ. އެހާވަރަށް އައްމާރުގެ ކައިރީގައި ސާރާގެ ގައިގާ އަތްނުލާށޭ ބުނީމަވެސް އައްމާރު އޭނައަށް ކެހިދިނީއެވެ. އޭނައަށް ވީ ވައުދު އުވާލީއެވެ. ދެރަވިވަރުންނާއި ރުޅިގަދަވީވަރުން ކާއިއާގެ ހޭވެރިކަން ފިލައިގެންދާވަރުވިއެވެ.

އެރޭވެސް ވީ ތޫފާނީ ރެއަކަށެވެ. ގުގުރުމުގެ އަޑު އިރުއިރުކޮޅާ ކަންފަތް ބައްވާހާ ބާރަށް އިވެމުންދާއިރު ވިދުވަރުގެ ހުދު އަލި ކުޑަދޮރުގެ ފަރުދާތައް ފޫ އަޅުވަމުންދާތަން ފެނުނެވެ. ފައިސަލްގެ ދެމަފިރިން ސިޓިންރޫމްގައި ތިބިއިރު ކާއިއާ އޮތީ ކައުޗްގައި ހަށިގަނޑު ދަމާލައިގެންނެވެ. ފިނިގަދަކަމުން އެހަށިގަނޑު ރަޖާތެރޭ ފޮރުވާލައިގެންނެވެ. ދެފައި ހަލުވަހަލުވާއޮތްއިރު އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލެވެނީ އައްމާރުގެ ޚަބަރެއްނުވެގެންނެވެ. އެންމެފަހުން ކިޔަން އައިގޮތަށް ގެނެސްދިނީ ހިތް ހަލާކުވާފަދަ ޚަބަރެކެވެ. އައްމާރު އޮފީސް ދަތުރެއްގައި މެލޭޝިއާއަށް ފުރީއެވެ.

"މަންމަމެންނަށް އަންގާލުންވެސް ބޭނުންކަމަކަށް ނުވީ ދޯ. އަދި އޮފީހަށް ނުކުންނަވަރަށް ރިކަވަރ ވީއެއްވެސް ނޫނޭ......." ޝުވޭކާރު ހިތްހަމަނުޖެހިފައިވާ ގޮތަކަށް ބުނެލިއެވެ.

".......ޔޫ އައްމާރު......" ކާއިއާ ހިތާހިތުން ހަޅޭއްލަވައިގަތެވެ. ޚިޔާލު ގިނަވެގެންގޮސް ސިކުނޑި ފަޅައިގެންގޮސްދާނެހެން ހީވިއެވެ. މިރޭ އޭނައާއި ބައްދަލުކުރާނެކަމުގެ ޔަގީންކަން ދީފައި އެ ފިރިހެނާ ފިލައިގެން ދިޔައީ އޮފީސް ދަތުރެއްގެ ބަހަނާ ދައްކާފައެވެ. މެސެޖެއްކޮށްލިނަމައެވެ. ކާއިއާ ދަތްކުނޑިވިކާލާފައި ތެދުވިގޮތަށް ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި ފައިން ވީއްލާލި އެތިފަހަރަކުން އެންމެނަށް ސިހުމެއް ލިބޭގޮތްވިއެވެ.

ޝުވޭކާރު ޝެހެނާޒްމެންގެ ގެއަށް ވަންއިރު އަތުގައިވާ ކޮތަޅުގައި ހުރީ މުޅިންވެސް ޚަލީސީއަށް ގެންދިޔަ ހަދިޔާތަކެވެ. ޚަލީސީ ފެނިފައި ޝުވޭކާރުގެ ހިތަށް ކުރި އަސަރަކުން ލޮލުން ކަރުނަ ހިލުވާލައިފިއެވެ. ޚަލީސީއަކީ އޭނަގެ މާމަ ދަރިފުޅެވެ. އައްމާރު އެހާ ފަސޭހައިން ދަރިފުޅު ބަލައިގަތުމަށްފަހު އޭނައަށް ކަންތައް ކުރެވުނުގޮތާއިމެދު ހިތާމަކުރިއެވެ. ޝުވޭކާރު އެކުއްޖާ އުރާލާފައި މޫނުގައި ބޮސްދިނެވެ. ރީދޫކުލައިގެ މިޑީކޮޅަކާއިއެކު ސްޓޮކިން ލައްވާފައިހުރިއިރު ރީތިކަމުން ކުޑަ ޕަރީއެއްފަދައެވެ.

"ސްވީޓްހާޓް، މިހިރީ މާމަ ގެނައި ޕްރެޒެންޓްތައް......" ކޮތަޅުގައި ހުރި ކުޅޭ ސާމާނު ފަހަރަކު އެއްޗެއް ނަގާފައި ދެއްކުމުން ޚަލީސީ ހިނިތުންވެލިގޮތުން އުފާވިވަރު އެނގުނެވެ.

"މަންމި ކޮބާތަ؟ " ޝުވޭކާރު އަހައިލިއެވެ.

ސާރާ ފާޚާނާއިން ނުކުމެފައި ފެނުނު މަންޒަރަކުން ސާރާ ހުރީ އަޖައިބުވެފައެވެ. އިންސާނުންގެ ހިތްތައް ބަދަލުވާން އިރުކޮޅެއްވެސް ނުނަގާނޫންހެއްޔެވެ؟ ކުއްލިއަކަށް ޝުވޭކާރު ޚަލީސީދެކެ ލޯބިވާ މާމައެއްގެ ބައި ކުޅެންފަށައިފިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އައްމާރު ބުނާފަދައިން މިއީ ކުޅޭ ޑްރާމާއަކީ ބާވައެވެ.

"ސާރާ، އަހަންނަށް މާފުކޮށްދޭތި، ޖިދާން ދެއްކި ވީޑިއޯތަކުން އޮޅުނީ، ޚަލީސީގެ ސިފަތައް ތަފާތުވުމާއިއެކު ޝައްކުތަކެއް ކުރުމަކީ ހަމަ ނޯމަލްކަމެއް، އެކަން ޔަގީންކުރަން ޑީއެންއޭ ހެއްދިއިރު އިމީއަކީ މިދަރިފުޅުގެ ބައްޕަކަން މިވަނީ ކަށަވަރުވެފައި، މިޒަމާނުގެ ޓެކްނޮލޮޖީގެ ސަބަބުން ޝައްކުތަކާއި ވަސްވާހުން ސަލާމަތްވެ އިތުބާރުކުރެވޭފަދަ ޓެސްޓްތައް ހެދުމުގެ ފުރުސަތުއޮތްއިރު އެންމެ ރަގަޅުވާނީ ޓެސްޓްހެދީމަކަމަށް އަހަރެން ގަބޫލުކުރީ. އައިމް ސޮރީ. ސާރާ ދެން ގެއަށް ދާން ހިނގާ. މިހާރު ސާރާ ގެއަށް ދިޔުމަކަށް އެއްވެސް ހުރަހެއްނެތް......" ޝުވޭކާރުގެ ވާހަކަތައް އަހަން ހުރިއިރު ސާރާއަށް ކުރެވުނީ ތަފާތު އިހުސާސްތަކެވެ. ނަސީބު ދެރައީ ކާކުގެ ހެއްޔެވެ؟ އައްމާރުގެ މަންމަމެން އޭނައާއި ރުހުނުއިރު އޭނައާއި އައްމާރުގެ ދޭތެރޭގައި މިޖެހުނީ އަނެއް މައްސަލައެވެ.

"ވަރަށް އުފާވެއްޖެ. އެކަމަކު އަދި ދުވަސްކޮޅަކަށް މިގޭގައި މަޑުކޮށްލާނީ، ވަރަށް ބޮޑަށް ސޮރީ އެކަމަކު ކާއިއާ އެހާ ހިތްހަމައެއް ނުޖެހޭ އަޅުގަނޑު ތިގޭގައި ހުންނާކަށް......." ސާރާ ހަގީގީ ސަބަބު ނުބުނެ ކާއިއާގެ މައްސަލަ ހުރިކަން ހަނދާންކޮށްލަދިނެވެ. ޝުވޭކާރަށްވެސް އެކަން ގަބޫލުކުރެވުނެވެ. ކާއިއާ ސާރާދެކެ ކުރާ ނަފްރަތު ފިލަން އަދި ދުވަސްކޮޅެއް ނަގާފާނެއެވެ. ޝުވޭކާރުގެ އުފަލަކީ މިހާރު އޭނައަށް އާއިލާ ކަށަވަރުވެ މާމަ ދަރިއެއްގެ އުފާވެސް ލިބުނީމައެވެ.

އައްމާރު މެލޭޝިއާއަށް ދިޔައީ ސެމިނާރަކަށެވެ. ސެމިނާރު ނިންމާލާފައިވެސް އޭނަ ދެތިންދުވަހަށް މަޑުކޮށްލީ މާލެ ދާހިތްނެތީމައެވެ. ކާއިއާގެ ސަބަބުން އޭނަވަނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އޭނަ ޚިޔާލުކުރިވަރަކަށް ކާއިއާއާއި ދޭތެރޭގައި ހަމްދަރުދީވެސްވިއެވެ. ހަގީގަތުގައި ކާއިއާގެ މަގާމުގައި އޭނަ ހުރިނަމަވެސް ހާދަ ހިތަށް އުދަގޫވާނެއެވެ. އައްމާރު ލޯބިވާ އަންހެނަކާއި ދަރިއަކު ހުރިނަމަވެސް ކާއިއާގެ ހަޔާތް އެވަނީ ފަޅަށެވެ. ކާއިއާ ލޯބިވީ އެކަނި އައްމާރުދެކެއެވެ. އައްމާރު ދިޔުމުން ކާއިއާ އެކަނިވާނެވަރާއި ހިތާމަކުރާނެ ވަރު ވިސްނި ވަރަކަށް ކާއިއާއަށްޓަކާ ހަމްދަރުދީވުން އިތުރުވިއެވެ. އޭނަ މާޒީ ހަނދާންނައްތާލާފައި ސާރާއާއިއެކު ހަޔާތުގެ ދަތުރު ފެށިޔަސް ކާއިއާގެ މަންޒިލެއް މަގުސޫދެއްނެތެވެ.

މާލެއައުމަށްފަހު ސަބީ ވަރަށް އަވަހަށް ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން ގެއަށްވެސް ވަދެނުލާ އޭނައައީ އޮފީހަށެވެ. އޮފީސް ނިންމާލާފައި ހުރިހާ އެންމެން ގޮސްފައިވާތީ ދެމީހުން ފިޔަވާ އެތާގައި އިތުރު މީހެއްނެތެވެ. ސަބީ ދެތަށި ކޮފީހަދައިގެން އައިސް ޕިއްޒާއާއިއެކު ކާން ކެބިންގައި ޖައްސާލިގޮތަށް ދިނީ ހީނުކުރާފަދަ ޚަބަރެކެވެ.

"އިމީ، ޝުވޭކާރުމެން ހަގީގަތުގައިވެސް އޮޅުވާލީ، ޑީއެންއޭއަށް އެއޮތީ މަކަރު ހަދާފައި. އެމީހުން ކޮންކަމެއް ހާސިލުކުރަން ބާ އިމީ ދަރިއެކޭ ކިޔައިގެން އުޅުނީ. އެކަމަކު އެއޮތް މުއްސަދި މީހުން ވީމަ އިމީއަށް ގެއާއި ހުރިހާ އެއްޗަކުން ބައިވެސް އަޅަން ޖެހޭނެ ދޯ. އެނީވޭސް އިމީއަކީ ފައިސަލް އަދި ޝުވޭކާރުއާއި ބެހޭ މީހެއް ނޫން. އަސްލު އިންނާނީ ނުވަދިހަ ނުވަ ޕަސެންޓް ނޫނީ ޒީރޯ ޕަސެންޓްކަމަށް. އިމީގެ ޕޭރެންޓުންނަށް އެމީހުން ވުމުގެ އޮތީ ޒީރޯ ޗާންސް. މިއޮތީ ހެކި. ސެލެބްރޭޓްކުރަން ޖެހޭނެ ދޯ......" ސަބީ ސިޓީއުރައެއް ދިއްކޮށްލުމުން އައްމާރު ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ސަބީ ބޭނުންވީ އައްމާރުގެ މޫނުމަތީގެ ޝުއޫރުދެކިލާށެވެ. އައްމާރު ވާނީ އުފާހެއްޔެވެ؟ ނޫނީ ދެރަވާނެހެއްޔެވެ؟

(ނުނިމޭ)

comment ކޮމެންޓް