އާތިގެ މިފަހަރުގެ ޗެލެންޖު، ރާއްޖެ ވަށައި ފަލި ޖެހުމަށް!

އާތި ފަލި ޖަހަން ދަސްކުރަނީ: އަންނަ ފެބުރުއަރީ މަހު އޭނާ ރާއްޖެ ވަށައި ފަލި ޖެހުމުގެ ދަތުރެއް ފަށަން ވަނީ ނިންމާފައި --- ފޮޓޯ/ ފޭސްބުކް

މާލެ ވަށައި 24 ގަޑިއިރު ވަންދެން ދުވުމަށް ދުވުންތެރިޔާ އަހުމަދު އާތިފް (އާތި) ފުރަތަމަ ނުކުންނަން އުޅުނު އިރު ގިނަ ބަޔަކު އެއީ ނުވާނެ ކަމެއް ކަމަށް ބުންޏެވެ. ނަމަވެސް މިނިވަން 50ގެ މުނާސަބަތުގައި އާތި ވަނީ އެކަން ކާމިޔާބު ކޮށްފަ އެވެ. ވާނޭ ކަމެއްކަން މުޅި ރާއްޖެއަށް ދައްކާފަ އެވެ.

"ކަމެއް އޭނާއާ ވާދަ ނުކުރާނަމަ" އެއީ އާތި އަކަށް ޝައުގުވެރިކަމެއް ނޫނެވެ. އޭނާ މިހާރު ތައްޔާރުވާން އުޅެނީ ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމަށެވެ. އެއީ އޭނާ ހާސިލްކުރަން ބޭނުންވާ ތިން ކަމެއްގެ ތެރެއިން އެއް ކަންތަކެވެ.

ނުހުއްޓި 24 ގަޑިއިރު ވާންދެން މާލެ ވަށައި އާތި ދުވަނީ: އެންމެ މަޝްހޫރުކަން އޭނާ ހޯދީ އެ ޗެލެންޖުން --- ފޮޓޯ/ ފޭސްބުކް

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ފަށާ އެ ދަތުރާ ގުޅޭ ގޮތުން 'ސަން' އަށް ދިން އިންޓަވިއުއެއްގައި އާތި ބުނީ، މި ދަތުރުގެ ބޭނުމަކީ މޫދާއި ގޮނޑުދޮށްތަކަށް އަޅާ ކުނި ނޭޅުމަށާއި ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުވުން ކަމަށެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހު ހުއްޓުމެއްނެތި މާލެ އިން ދަތުރު ފަށައިގެން މާލެ އަށް ނިންމުމުގެ އަޒުމާއެކު އާތި ފަށާ އެ ދަތުރަށް ބޭނުންވާނެ ފަލި ޖެހުމުގެ ތަމްރީންތަކުގައި ބޭނުންކުރާނެ ރޯވިން ބޯޓުގެ މައިގަނޑާއި އާލާތްތަކާއި ޑިޒައިން މިހާރު ވަނީ ކެނެޑާއިން ރާއްޖެ ގެނެސްފަ އެވެ.

ބޯޓު ގެނައުމުގައި އާތި އަށް ސްޕޮންސާ ދީފައިވަނީ ކަނޑު އިންޖީނު ވިއްކުމުގައި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަނުންނެވެ. އަދި ރޯވިން ބޯޓު އަތުރާ ފައިބަރު ކުރާނީ ތިލަފުށީގައި ހުންނަ އަލް ޝާލީ މެރިން މޯލްޑިވްސްގެ ބޯޓްޔާޑުގަ އެވެ.

ރާއްޖެ ވަށައި ފަލި ޖަހަން ފަރިތަކުރަން ކެނަޑާއިން ރާއްޖެ ގެނައި ރޯވީން ބޯޓުގެ މޮޑެލް އެއް: ރާއްޖެ ވަށައި ފަލި ޖެހުމުގެ ދަތުރުގައި އޭނާ ބޭނުންކުރާނީ އެ އުޅަނދެއް ނޫން --- ފޮޓޯ/ ފޭސްބުކް

އާތި މިހާރު ހޯދަމުންދަނީ ދަތުރުގައި އޭނާ ބޭނުންކުރާނެ އުޅަނދަށް ކިޔާނެ ނަމެކެވެ. އޭނާގެ ސަޕޯޓަރުންނަށް ވަނީ ނަމެއް ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އާތިގެ ފޭސްބުކް ޕޭޖުގައި އޭނާ ތަމްރީނުގައި ބޭނުންކުރާނެ ވައްތަރުގެ އުޅަނދެއްގެ ފޮޓޯ އާއްމު ކުރުމުން ގިނަ ބަޔަކު ދަނީ ތަފާތު މަޖާ ނަންތަކެއް ހުށަހަޅަމުން ނެވެ.

ނަމަވެސް، ތަމްރީނަށް ފަހު ފަށާ ބޮޑު ދަތުރުގައި އާތި ބޭނުންކުރާނީ އެ އުޅަނދެއް ނޫނެވެ. އޭނާ ބުނާ ގޮތުން، ދަތުރުގައި ވެސް ބޭނުންކުރާނީ މިކަހަލަ ނަމަވެސް އެއަށް ވުރެ ބޮޑު އަދި ސޯލާ ޕެނަލްއާއެކު ޖީޕީއެސްއާ ނެވިގޭޝަނަލް އާލާތްތަކާއި ފެން ހޫނުކުރާނެ ފަދަ ކަނޑުމަތީގައި އުޅެން ބޭނުންވާނެ އެއްޗެހީގެ އިތުރުން ކާން ބޭނުންކުރާ އެއްޗެހި ވެސް ބަރުކުރެވޭނެ ސައިޒުގެ އުޅަނދެކެވެ.

އިނގިރޭސިވިލާތުގައި އޮންނަ 165 ކިލޯމީޓަރު ދުވުމަށް އާތި ތައްޔާރުވަނީ: 30 ގަޑިއިރު ދުވަން ޖެހޭ އެ ރޭހަށް އޭނާ ހޮވުނީ ހުއްޓާނުލައި 24 ގަޑިއިރު މާލެ ވަށައި ދުވުމުން --- ފޮޓޯ/ ފޭސްބުކް

ދަތުރަށް ފުރަން ގާތްކޮށްލާފައި ގެންނަން ނިންމާފައިވާ އެ ބޯޓުގެ އަގު މާ ބޮޑުވާނެ ކަމަށާއި ނަމަވެސް އެކަމަށް އަދި ސްޕޮންސާ އާއި އިވެންޓް މެނޭޖަރުން ހޯދަން ނުފަށާ ކަމަށް އާތި ބުނެ އެވެ.

ދަތުރަށް ފެށުމުގެ ކުރިން ހަދަން ނިންމާފައިވާ ހަ މަސް ދުވަހުގެ ތަމްރީން އާތި ފަށާނީ އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ. އެއީ އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ފަށާ 30 ގަޑިއިރުގެ ދުވުމަށް ފަހު އެވެ. "ސެންޗޫރިއަން ރަން" ގެ ނަމުގައި އަހަރަކު އެއްފަހަރު ބާއްވާ ގާތްގަނޑަކަށް 165 ކިލޯމީޓަރުގެ އެ ރޭސް ނިންމަން އާތި އަމާޒުހުރީ 26 ގަޑިއިރުގެ ތެރޭގަ އެވެ.

އާތި ބުނީ، ރާއްޖޭގެ އެއްވެސް ރަށަކަށް މަޑުނުކޮށް ފަލައި ޖަހާފައި ކުރާ އެ ދަތުރުގައި ކާން ބޭނުންކުރާނީ މިކަހަލަ ދަތުރުތަކަށް ނުކުންނަ އިރު ކާން ބޭނުންކުރާ ޕެކެޓް ކޮށްފައި ހުންނަ ހައި ކެލޮރީސް ހުންނަ ކާތަކެތި ކަމަށެވެ.

އަހުމަދު އާތިފް (އާތި): ރާއްޖެ ވަށައި ފަލި ޖަހަން އޭނާ ނުކުންނަ ދަތުރަކީ ވެސް ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެކަން ނުވާނެ ކަމަކަށް އާތި ގަބޫލެއް ނުކުރޭ --- ފޮޓޯ/ ފޭސްބުކް

އާތި ބުނީ، އޭނާ ދުވަން ފެށީ ހާސިލްކުރަން ބޭނުންވާ ތިން ކަމެއް ހާސިލްކުރުމަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާގެ ހަށިގަނޑު ދުޅަހެޔޮ ކުރުމަށް ކަަމަށެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް އެރުމާއި މެރަތަން އާއި ދުވުން އަދި ފެތުން އެއްކޮށް ހިމެނޭ އަޔަންމޭން ޓްރައަތުލޮން އެއްގައި ބައިވެރިވުމެވެ.

ފަލި ޖަހައިގެން ރާއްޖެ ވަށައި ދަތުރުކުރުމަކީ ވެސް އޭނާ ހާސިލް ކުރަން ބޭނުންވާ އެއް ކަންތަކެވެ. ނަމަވެސް އެކަން ނުވާނެ ކަމަށް އޭނާ ގާތު ގާތް ރަހުމަތްތެރިން ވެސް ބުނަމުންދިޔަ ނަމަވެސް، އެއްވެސް ކަމެއް ނުކުރެވޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

comment ކޮމެންޓް