ބައްދަލުވުމުގެ ފުރަތަމަ 35 މިނިޓްގައި މައުމޫން ދެއްވީ ނަސޭހަތް: ނިހާން

ރައީސް މައުމޫން (މ) ނިހާނުއާ (ވ) ސަލާމް ކުރައްވަނީ: ނިހާނު ވިދާޅުވީ މިރޭގެ ކައުންސިލް ބައްދަލުވުމުގައި މައުމޫން ދެއްވީ ނަސޭހަތެއް ކަމަށް ---- ސަން ފައިލް ފޮޓޯ

މިރޭ ބޭއްވި ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމުގެ ފުރަތަމަ 35 މިނިޓާއި ސިކުންތުކޮޅެއްގެ ތެރޭގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ ކައުންސިލްގެ މެންބަރުންނަށް ދެއްވީ ނަސޭހަތެއް ކަމަށް، ޕީޕީއެމް ކައުންސިލް މެންބަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާނު ހުސަންމަނިކު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާނު ވިދާޅުވީ، ފުރަތަމަ 35 ވަރަކަށް މިނިޓް ތެރޭގައި ކައުންސިލް މެންބަރުންނަށް ރައީސް މައުމޫން ދެއްވީ "ވަރަށް ރަނގަޅު" ނަސޭހަތްތަކެއް ކަމަށާއި ރައީސް މައުމޫނަކީ ޒަމާނުއްސުރެ ޕީޕީއެމް މެންބަރުންނަށް ނަސޭހަތްދެއްވާ ބޭފުޅެއް ކަމަށެވެ.

"ޕާޓީގެ ރައީސަށް އިހުތިރާމާ އެކުގައި އަދި އެމަނިކުފާނު ވާހަކަފުޅު ދައްކަވަން 35 މިނަޓާ ސިކުންތުކޮޅެއް ވަންދެން އަޅުގަނޑުމެންގެ ހުރިހާ މެންބަރުން ހަމަ ކަނުލާ ވަރަށް ކެތްތެރިކަމާ އެކު، ރައީސް ވިދާޅުވެދެއްވި، ހަމަ ވަރަށް ރަނގަޅު ނަސޭހަތްތަކެއް އިނގޭތޯ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ އެންމެނަށް ޒަމާނުއްސުރެ ފެށިގެން ހަމަ ނުހަނު މުހިންމު ނަސޭހަތްޕުޅު ދެއްވާ ބޭފުޅެއް ޕާޓީގެ ރައީސަކީ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، މިއަދު ވެސް އެއީ ޕާޓީގެ ރައީސް ކަމަށާއި އެމަނިކުފާނުގެ މަޝްވަރާއާ އެމަނިކުފާނުގެ އިރުޝާދަކީ ޕީޕީއެމްގެ ހުރިހާ މެންބަރުން ވެސް ކަނުލާ އަޑުއަހާ، އެކަމުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމެއްކަމުގައި ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ކައުންސިލުން މިރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެ ބައްދަލުވުން ވަނީ ކުރިއަށްގެންދެވޭގޮތް ނުވެފަ އެވެ.

ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އަދި ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ހުއްޓާލަން ޖެހުނީ، އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް، ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުންނެވެ.

އެކަމާ ގުޅިގެން ނިހާނު ވިދާޅުވީ، ފާރިސް މައުމޫން އިންނަވައިގެން އެ ބައްދަލުވުން ކުރިއަށްގެންދިއުމަކީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަށް އިހުތިރާމް ނުކޮށް ގަވާއިދުގައި އޮތްގޮތާ ހިލާފަށް ކުރެއްވި ކަމެއްކަމުގައި ވާތީ އެ ބައްދަލުވުމުގައި ތިބެވެން ނެތްކަމަށް ހުށަހެޅި ކަމަށެވެ.

އަދި އެގޮތަށް ހުށަހެޅުއްވުމުން، ބައްދަލުވުމުން ނުކުމެވަޑައިގަންނަވަން އިޒުނަ ދެއްވި ކަމަށާއި އޭގެ މާނައަކީ ފާރިސް މައުމޫން ބައްދަލުވުމުން ބޭރަށް ގެންދެވެން ނެތްކަމަށް ވިދާޅުވުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

comment ކޮމެންޓް