ހިންމަފުށީގެ ބިމަށް 21.6 ހެކްޓަރުގެ ބިން އިތުރުކޮށް ނިންމާލައިފި

ކ. ހިންމަފުށީ ބިން ހިއްކައި ނިންމާލާފައި: އެރަށުގެ ބިމަށް 21.6 ހެކްޓަރުގެ ބިން ވަނީ އިތުރު ކޮށްފަ --- ފޮޓޯ/ ޓްވީޓާ

ތޭރަ ދުވަހުގެ ތެރޭގައި މާލެ އަތޮޅު ހިންމަފުށީގެ ބިމަށް 21.6 ހެކްޓަރުގެ ބައެއް އިތުރުކޮށް ނިންމާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެރަށުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.

ޓްވީޓާއެކު ހިންމަފުށީގެ ބިން ހިއްކާ އެއްކޮށް ނިންމާލާފައި އޮތް އިރު އެރަށަށް އިތުރުކޮށްފައިވާ ބިމުގެ ފޮޓޯއަކާއި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދިޔަ އިރު، އެކި މަރުހަލާތަކުގައި ނަގާފައިވާ ފޮޓޯތަކެއް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.

އައްޑޫ ސިޓީ ފޭދޫ އަދި ގދ. ތިނަދޫގެ ބިން ވެސް ހިއްކި ނެދަލޭންޑްސްގެ ވެންއޫޑް ޑްރެޖިންގް މެރިން ކޮންޓްރެކްޓާ ކުންފުންޏާ ހަވާލު ކޮށްގެން ހިންމަފުށީގައި 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ސަރުކާރުން 104 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށްފަހު 890 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖަހާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް