ކުއްޖާގެ ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދޭންޖެހޭ: މިނިސްޓަރު

ގައުމީ މަންހަޖު ކީސްޓޭޖް ތިނެއްގެ މުދައްރިސުން ތަމްރީން ކުރުމަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތައުލީމާ ބެހޭ ވަޒީރު މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށް ގަބޫލުކޮށް އެ ކުދިންގެ ހުނަރާއި ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެ ކުއްޖަކަށް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ގައުމީ މަންހަޖު ކީސްޓޭޖް ތިނެއްގެ މުދައްރިސުން ތަމްރީން ކުރުމަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކިޔަވައި ދިނުމަށް މީގެ ކުރިން ގެންގުޅެފައިވާ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ.

އެކަންކުރެވޭނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ އާއި ކުދިންގެ ވިސްނުން ކުރިއަރާފައިވާ މިންވަރަށް ސްކޫލްތަކުގެ ބޭފުޅުންގެ ވިސްނުން ކުރިއަރުވައި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމާއި ތަފާތު ހުނަރުތައް ކުރިއަރުވަން ޖެހޭކަމަށް ގަބޫލު ކޮށްގެން ނެވެ.

"(ކިޔަވައިދިނުމަށް މީގެ ކުރިން ގެންގުޅުނު ވައްޓަފާޅި ބަދަލުކުރެވޭނީ) ދަރިވަރުންގެ ކުރިމަތީގައި ކުރިއަށް ދިއުމަށް އެންމެ މަގެއް ބާއްވައި އެ ކުދިންގެ ޝައުގުވެރި ކަމާއި އުފެއްދުންތެރިކަން ކަތިލާލުމުގެ ބަދަލުގައި އެ ކުއްޖެއްގެ ހުނަރާއި ޝައުގުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށް ދީގެން،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، ވުޖޫދުވަނީ ހަމައެކަނި ދަރިވަރުންނަށްޓަކައި ކަން ސްކޫލްތަކުގެ އެންމެންގެ ވިސްނުމަށް ގެންނަންޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، ގައުމެއްގެ ކިޔަވާކުދިންނަކީ އެ ގައުމެއްގެ ހިތާއި ސިކުނޑި ކަމަށްވާއިރު، އެ ހިތުގައި ޖަހާ ވިންދަކީ ގައުމަށްޓަކާ ޖަހާ ވިންދު ކަމަށާއި އެ ސިކުނޑިތަކުން ވިސްނާ ވިސްނުމަކީ އުފެއްދުންތެރި ކަމާއި ބިނާކުރުވަނިވި ވިސްނުމަށް ވާންޖެހޭނެ ކަމަށެވެ. ހިތާއި ސިކުނޑި އެކުވެގެން ގައުމުގެ ކުރިމަގަށް އުޖާލާ ތަސައްވުރެއް ކުރަހާ، އެ ތަސައްވުރަށް ވާސިލްވުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ކޮންމެ ބޭފުޅަކީ ވެސް ކިޔަވާކުދިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާ ބޭފުޅެއް ކަމަށެވެ.

އެ ޒިންމާ އަދާކުރެއްވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ކޮންމެ ބޭފުޅަކު ވެސް ލާމަސީލު ނަމޫނާ ދައްކަވަމުންދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް