މި މަހުގެ 12 ވަނަ ދުވަހު ކައިވެނިކުރި ޖަރުމަނުގެ ފުޓްބޯޅަ ތަރި ބަސްޓިއަން ޝުވެންސްޓެއިގާ އާއި ސާބިއާގެ ޓެނިސް ކުޅުންތެރިޔާ އަނާ އިވޮނޮވިޗް، ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން އެބަދެ އެވެ.
އިޓަލީގެ ވެނިސްގައި ކައިވެނި ކުރުމަށްފަހު، ޕްރައިވެޓް ޖެޓެއްގައި ރާއްޖެ އައިސް ޝުވެންސްޓެއިގާ އާއި އަނާ ރާއްޖޭގެ ހުވަފެންފުށި ރިސޯޓުގައި ހަނީމޫން ހޭދަކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަނާ އާއި ޝުވެންސްޓެއިގާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާ އިރު، ޖަރުމަނުގެ ބައެއް ނޫސްވެރިން ވެސް އެ ދެ ތަރިންނަށް ފާރަލަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި ޝުވެންސްޓެއިގާ އަށް ކާމިޔާބީ ދުވަސްތަކެއް ހޭދަނުކުރެވުނު އިރު، މި މަހު ނިމިގެންދިޔަ ޔޫރޯ 2016ގައި ކާމިޔާބީތަކެއް ލިބިފައެއް ނުވެ އެވެ. ސެމީގައި ފްރާންސް އަތުން 2-0 ލަނޑުން ޖަރުމަން ބަލިވި އިރު، އެ މެޗުގައި ފްރާންސުން ޖެހި ފުރަތަމަ ލަނޑަކީ ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝުވެންސްޓެއިގާ ބޯޅައިގައި އަތްލުމުން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
ޝުވެންސްޓެއިގާއެކޭ އެއްގޮތަށް މި އަހަރު ޓެނިހުގައި އަނާ އަށް ވެސް ކާމިޔާބީތަކެއް ހޯދިފައެއް ނުވެ އެވެ. އަނާ އަށް މި އަހަރު މުބާރާތެއްގައި އެންމެ ދުރަށް ދެވުނީ ރަޝިއާގައި ބޭއްވި ސެއިންޓް ޕީޓަސްބާގް ލޭޑީސް ޓްރޮފީގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އޭނާ ދަތުރުކުރި އެވެ.