ރާއްޖޭގައި ރަށް ގިރުމުގެ ބޮޑު ރަށްރަށުގެ ލިސްޓުގައި ހއ. ދިއްދޫ ހިމެނެ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ރަށް ގިރުމުގެ މައްސަލަ ބޮޑުވެ މިހާރު ރަށުގެ ބޮޑު ބައެއް ގިރާލާފައިވާ އިރު އެ މައްސަލައަށް ރައްޔިތުން ބޭނުންވަނީ ދާއިމީ ހައްލެކެވެ.
މީގެ ކުރިން ބޮޑު ތުނޑިއަކާއި ރީތި މޫދެއް އޮތް އެ ރަށުގައި މިހާރު ތުނޑިއެއް ވެސް ނެތެވެ. ރަށުގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރަށް ގިރުމުގެ މައްސަލަ އެ ރަށަށް ކުރިމަތިވާން ފެށީ ރަށް ހިއްކާފައި އޮތް ގޮތުންނެވެ. ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ސަރުކާރުން ރިވެޓްމެންޓް ޖަހައިދިން ނަމަވެސް އެއީ ހައްލަކަށް ނުވި އެވެ. ސަބަބަކީ ރިވެޓްމެންޓް ޖެހީ ވަކި ހިސާބަކަށް ކަމަށްވެފައި ރާޅު ބޮޑުވެ ޖެހި ރިވެޓްމެންޓްތަކާ އެއްކޮށް ގިރާލުމެވެ.

ދިއްދޫގެ ގިރާ ސަރަހައްދު: ރަށްގިރުމުގެ ސަބަބުން އެހިސާބުގެ ރުށްގަސްވެސް ވަނީ މޫދުގައި --- ފޮޓޯ/ އާދަމް ސައީދު
ދިއްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ސިނާން 'ސަން' އަށް މިއަދު ވިދާޅުވީ މީގެ ކުރިން ދިއްދޫ ހުޅަނގު ފަރާތުގައި ގެތަކާ ދުރަށް 200 ފޫޓު ދުރުމިނަށް ބޮޑު ތުނޑިއެއް ލާފައި އޮންނަ ކަމަށާއި އެހެންނަމަވެސް ރަށް ގިރުމުގެ މައްސަލަ ބޮޑުވެ މިހާރު ގެތަކާ މޫދާ ދެމެދު 10 ފޫޓު ވެސް ނުހުންނާނެ ކަމަށެވެ. ރަށް ގިރަމުން ގޮސް ގެތަކާ ކައިރިވުމުން "އެހިސާބު އެއްވެސް ގެއެއްގައި ފެން ބެނުން ނުކުރެވޭ ވަރަށް ފެން ލޮނުވެއްޖެ" ކަމަށް ސިނާން ވިދާޅުވި އެވެ.
ފެން ލޮނުވި މައްސަލަ ހައްލުކުރުމަށް އަނެއްކާ އިތުރު ހަރަދެއްކުރަން ޖެހުނީ އެވެ. ކައުންސިލުގެ ރައީސް ވިދާޅުވީ އެގޭގެއަށް ފެން ހޮޅި އަޅައިގެން ރީތި ފެން ފޯރުކޮށްދިނުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިއްދޫގެ ގިރާ ސަރަހައްދު: ރަށްގިރުމުގެ ސަބަބުން އެހިސާބުގެ ރުށްގަސްވެސް ވަނީ މޫދުގައި --- ފޮޓޯ/ އާދަމް ސައީދު
ދިއްދޫގައި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ސަރުކާރުން ޖެހި ރިވެޓްމެންޓް ގިރާލާފައިވާ އިރު އަނެއްކާ ވެސް 1000 ފޫޓުގެ ރިވެޓްމެންޓެއް ޖަހަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއީ ވެސް ހައްލަކަށް ނުވާނެ ކަމަށް ދިއްދޫ މީހުން ދެކެ އެވެ. ސަބަބަކީ "1000 ފޫޓުގެ ރިވެޓްމެންޓް ޖަހައިގެން ވެސް އެންމެ ބޮޑަށް ގިރާ ސަރަހައްދާ ހަމައަށް ރިވެޓްމެންޓް ނުޖެހޭނެތީ" ކަމަށް ކައުންސިލްގެ ރައީސް ސިނާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކެނީ ރިވެޓްމެންޓް ޖެހުން އެންމެ ރަނގަޅީ މިހާރު ހިއްކެން އޮތްބައި ހިއްކާފައި ކަމަށް. އެއީ މިހާރު ރިވެޓްމެންޓް ޖައިގެން ދެންފަހުން ހިއްކަންވެއްޖެ ނަމަ އުނދަގޫ ވާނެ. އަނެއްކާ ގިރާފައި އޮތް ސަރަހައްދުން ރިވެޓެމެންޓް ޖަހައިފި ނަމަ ގެތަކުގެ ފެން ލޮނުވާ މައްސަލައަށް ހައްލެއް ވެސް ނުލިބޭނެ،" ސިނާން ވިދާޅުވި އެވެ.

ދިއްދޫގެ ގިރާ ސަރަހައްދު: ރަށްގިރުމުގެ ސަބަބުން އެހިސާބުގެ ރުށްގަސްވެސް ވަނީ މޫދުގައި --- ފޮޓޯ/ އާދަމް ސައީދު
ރަށުން ބިން ހިއްކެއް އޮތްބައި ހިއްކުމަށް ހައުސިންގް މިނިސްޓަރު ވެސް ލަފާދެއްވާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ. ނަމަވެސް ބިން ހިއްކުން ބަޖެޓުގައި ހިމަނާފައި ނެތްކަމަށް ސިނާން ވަނީ ވިދާޅުވެފަ އެވެ. ބިން ހިއްކުމަށް ފަހު "ރަށުގެ ވަށައިގެން ރިވެޓްމެންޓް ޖަހައިގެން ނޫނީ ދާއިމީ ހައްލެން ނުލިބޭނެ" ކަމަށް ސިނާން ވިދާޅުވި އެވެ.
"މިވަގުތަށް ގޮނޑުދޮށުގައި ވެލިބަސްތާ ޖަހައިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިހާރު ހުރީ އެ ސަރަހައްދުގެ ހުރިހާ ރުށްގަހެއް ވެސް މޫދުގައި. މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ސިނާން ވިދާޅުވި އެވެ.

ދިއްދޫގެ ގިރާ ސަރަހައްދު: ރަށްގިރުމުގެ ސަބަބުން އެހިސާބުގެ ރުށްގަސްވެސް ވަނީ މޫދުގައި --- ފޮޓޯ/ އާދަމް ސައީދު
އާބާދީގައި 4026 މީހުން ދިރިއުޅޭ ދިއްދޫގައި ބިންފުރި އިތުރަށް ގޯތި ދޫކުރާނެ ތަން ވެސް ނެތް ކަމަށް އެ ރަށު މީހުން ބުނެ އެވެ. އެހެންވީމާ ބިން ފުރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބެން އޮތީ ބިންހިއްކުމުންކަމަށް އެރަށު މީހުން ދެކެ އެވެ.
ރަށްގިރުމުގެ މައްސަލައާ ގުޅިގެން އިތުރު ބޮޑެތި މައްސަލަތައް ކުރިމަތިވެ ރައްޔިތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ދިއްދޫ ރައްޔިތުން ބޭނުން ވަނީ އެކަމަށް ދާއިމީ ހައްލެކެވެ. އަނެއްކާ ވެސް ރަށުގެ އެއްބައިގައި ރިވެޓްމެންޓް ޖެހުން ހައްލެއްކަމަށް ދިއްދޫ ރައްޔިތުން ނުދެކެ އެވެ.