މަތީ ތައުލީމަށް ކިޔެވުމަށް 280 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯން ހަވާލުކޮށްފި

މާޗް މަހު ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމަށް ހޮވުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ލޯން ހަވާލުކޮށްދެއްވަނީ: މާޗް މަހު ހުޅުވާލި ލޯން ސްކީމުގެ ތެރެއިން 284 ދަރިވަރަކަށް ވަނީ ލޯން ދީފަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލް ކުރަން ނުފެށި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ލޯން ސްކީމުގެ ލޯނަށް ހޮވުނު ދަރިވަރުންނަށް ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ ބޭއްވި ލޯން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ތަޢުލީމުގެ ވައުދުގެ ތެރެއިން މިދިޔަ މާރޗް މަހު ހުޅުވާލި 625 ލޯން އެހީގެ ފުރުސަތަށް އެދުނު 453 ދަރިވަރުންގެ ތެރެއިން ހޮވުނު 284 ދަރިވަރަކަށް ވަނީ ލޯން ހަވާލުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ލޯނު ދިން 172 ދަރިވަރަކާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް ލޯން ދިން 112 ދަރިވަރަކެވެ.

އެ ދަރިވަރުންގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް އަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުން ހިމެނެ އެވެ.

ު* ފުލް ފަންޑިން

ހުރިހާ ހަރަދެއް ހިމެނޭގޮތަށް ރާއްޖެއާ ރާއްޖޭން ބޭރުގައި ކިޔެވުމަށް "ފުލް ފަންޑިން" ލޯން ސްކީމަށް މާޗް މަހު ހުޅުވާލީ 525 ފުރުސަތެވެ.

ފުލް ފަންޑިން ލޯން ސްކީމުގެ ދަށުން ރާއްޖޭގައި ކިޔެވުމަށް 410 ފުރުސަތު ހުޅުވާލިއިރު، އެ ފުރުސަތުތަކަށް 190 ދަރިވަރުން ފޯމް ހުށަހެޅިއެވެ. އަދި ލޯނަށް ހޮވުނީ 113 ދަރިވަރުންނެވެ.

ރާއްޖޭން ބޭރުން ފުލް ފަންޑިން ލޯން ސްކީމުގެ ދަށުން މާޗް މަހު ހުޅުވާީި 115 ފުރުސަތެވެ. އެ ފުރުސަތުތަކަށް 110 ދަރިވަރުން ކުރިމަތިލިއިރު، ލޯނަށް ހޮވުނީ 85 ދަރިވަރުންނެވެ.

އޭގެ ތެރޭގައި ރާއްޖޭން ބޭރުގައި ޕޯސްޓްގުރެޖުއޭޓް މެޑިސިން ހެދުމަށް ލޯނު ދިން ދެ ދަރިވަރަކަށާއި މާސްޓާސް އަށް ކިޔެވުމަށް ހޮވުނު 13 ދަރިވަރަކަށް ވަނީ ލޯން ލިބުނު ކަމުގެ ލިޔުން މިރޭ ހަވާލުކޮށްފަ އެވެ.

* އޮން ގޮއިން

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ލޯނަށް މާޗް މަހު ހުޅުވާލީ 100 ފުރުސަތެވެ. އެއީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލި 60 ފުރުސަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް ހުޅުވާލި 40 ފުރުސަތެވެ.

އެ ފުރުސަތު ތަކުގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް ހުޅުވާލި ފުރުސަތަށް ކުރިމަތިލި 112 ދަރިވަރުންގެ ތެރެއިން 59 ދަރިވަރަކަށް ލޯން ހަވާލުކުރި އިރު، ރާއްޖޭން ބޭރުގައި ކިޔެވުމަށް ހުޅުވާލި ފުރުސަތަށް 32 ދަރިވަރުން ހުށަހެޅި އެވެ. ނަމަވެސް ލޯން ލިބިފައިވަނީ 27 ދަރިވަރުންނަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްބީބީއެސް ހެދުމަށް ފުރުސަތު ލިބުނު 20 ދަރިވަރަކަށާއި ޕައިލެޓްކަން ކިޔެވުމަށް ފުރުސަތު ލިބުނު 10 ދަރިވަރަކަށް ވަނީ ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، މާރޗް މަހު ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން ލޯން ލިބުނު ދަރިވަރުންނަށް ދޫކުރާ ލޯނަށް ސަރުކާރުން ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން މިދިޔަ އަހަރު ހަތަރު ބުރެއްގެ މަތިން 1500 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ލޯނުގެ ފުރުސަތު ދީފައެވެ.

comment ކޮމެންޓް