ޖޫން މަހުގެ އެކްސްޕޯޓު 24 ޕަސަންޓު ދަށަށް!

މާލޭގައި ހުންނަ ކޮމާޝަލް ހާބަރ -- ސަންފޮޓޯ/ އަލީ ނަސީރު

މިދިޔަ އަހަރުގެ ޖޫންމަހާ އަޅައިބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓުކުރި މިންވަރު 24 ޕަސަންޓު ދަށްވެ، މި އަހަރުގެ މޭ މަހާ އަޅައިބަލާއިރު ޖޫން މަހުގެ އެކްސްޕޯޓު 44.5 ޕަސަންޓު ދަށްވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކުރި 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މޭ މަހު ރާއްޖެއިން ބޭރަށް 393.5 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައި ވެ އެވެ. ނަމަވެސް ޖޫން މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ 218.4 މިލިޔަން ރުފިޔާގެ މުދަލެވެ. އެއީ 44.5 ޕަސަންޓުގެ ދަށް ވުމެކެވެ.

ނިމިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ 79 ޕަސަންޓަކީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ. އެ ބާވަތްތަކުން 77.5 މިލިޔަން ރުފިޔާގެ މުދާ ޖޫން މަހު އެކްސްޕޯޓު ކޮށްފައި ވެ އެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ ސްރީލަންކާއަށެވެ. ލަންކާއަށް 15.9 މިލިޔަން ރުފިޔާގެ މުދާ ބޭރު ކޮށްފައިވާ އިރު، ފްރާންސްއަށް 15.3 މިލިޔަން ރުފިޔާގެ މުދާ، ޖަރުމަނަށް 14.9 މިލިޔަން ރުފިޔާގެ މުދާ، އަޔަލެންޑަށް 12.8 މިލިޔަން ރުފިޔާގެ މުދާ އަދި ސްވިޓްޒަލެންޑަށް 7.3 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައި ވެ އެވެ.

ބޭރު ގައުމުތަކުން ރާއްޖެއަށް ކުރި އިމްޕޯޓުތަކުގެ ތަފާސް ހިސާބަށް ބަލާ އިރު، މޭ މަހާ އަޅައިބަލާއިރު ޖޫން މަހު އިމްޕޯޓު ވަނީ 15 ޕަސަންޓު ދަށްވެފަ އެވެ. މޭ މަހު ރާއްޖެއަށް 3.3 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު، ޖޫން މަހު މި އަދަދުވަނީ 2.8 މިލިޔަނަށް ދަށްވެފަ އެވެ.

މިދިޔަ މަހު އިމްޕޯޓު ކުރެވުނު ހުރިހާ މުދަލެއްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނެވެ. 636.6 މިލިޔަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު މިދިޔަ މަހު ރާއްޖެ އެތެރެ ކުރި އިރު، 570.2 މިލިޔަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއާށް އިމްޕޯޓު ކޮށްފައި ވެ އެވެ. އަދި 244.4 މިލިޔަން ރުފިޔާގެ ތެލާއި ހަކަތައިގެ ބާވަތްތައް ވެސް އެތެރެ ކޮށްފައި ވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިންނެވެ. ޔޫއޭއީއިން 431.4 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު، ސިންގަޕޫރުން 411 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެ އެވެ. ޗައިނާއިން މިދިޔަ މަހުގެ ތެރޭގައި 336.9 މިލިޔަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓު ކޮށްފައި ވެ އެވެ. މީގެ އިތުރުން އިންޑިއާއިން 305.9 މިލިޔަން ރުފިޔާގެ މުދާ އަދި މެލޭޝިއާއިން 172.3 މިލިޔަން ރުފިޔާގެ މުދާ ވެސް އިމްޕޯޓު ކޮށްފައި ވެ އެވެ.

comment ކޮމެންޓް