އެހެން ގައުމުތަކުގައި ޕޯސްޓުގެ ނިޒާމު އޮންނަ ގޮތް ބަލައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ގިނަވެފައި ވާކަން ފާހަގަކުރެވި ކަސްޓަމްސް އާއި ފުލުހުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
މިއަދު މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މަސައްކަތުގައި ލޯކަލް ގަވަނަންސް މިނިސްޓްރީން ބައިވެރިވާން ބޭނުންވާ ކަމަށެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕޯސްޓަކީ ވަކި ކުންފުންޏެއް ނަމަވެސް، ޕޯސްޓުގެ މަސައްކަތްތައް ބަލަހައްޓަނީ އެ މިނިސްޓްރީ އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ކަމަށެވެ.
އަދި ޕޯސްޓުން މަސްތުވާ ތަކެތި ގެނައުން ހުއްޓުވުމުގެ މަޝްވަރާ ސަރުކާރު އިދާރާތަކަކުން މިހާރު ފަށާފައި ވާކަމަށާއި އެ މަޝްވަރާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަމާޒަކީ މަސްތުވާތަކެތި ގެނައުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ދެވެން އޮތް އެއްބާރުލުމެއް ދިނުން ކަމަށެވެ.
"އެކަމަކު އެނގިވަޑައިގަންނަވާނެ ޕޯސްޓުގެ ޚިދުމަތަކީ ވެސް އޭގެ ޒާތުގައި ވަރަށް ލުއިފަސޭހަކަމާ އެކު ރައްޔިތުންނަށް ލިބެންޖެހޭ އަދި އޭގެ ސަބަބުން ތަކުލީފަކަށް ނުވާގޮތަށް ކަންތައްތައް ތަރުތީބު ކުރެވިފައި އޮންނަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރާގޮތް ބަލައި ދިރާސާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްއަށް ފަހު ޚިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަ ކުރީ މިހާރަކަށް އައިސް ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން އިތުރުވެފައި ވާކަމެވެ. އަދި ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު މިކަން ކުރެވޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޕޯސްޓުން ރަޖިސްޓްރީ ކޮށްގެން ތަކެތި ގެނެވޭނެ ގޮތަކަށް ނިޒާމު ބަދަލުކުރަން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.