މިރޭ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެމްޑީޕީ އަށް ދިން ހުއްދަ ހައުސިން މިނިސްޓްރީ އިން ބާތިލުކޮށްފައިވީ ނަމަވެސް، ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް މިއަދު ސަން އަށް ވިދާޅުވީ، ކޮންމެ ގޮތެއް ހަދައިގެން ވެސް ޖަލްސާ ކުރިއަށް ގެންދާނެ ކަމަށާއި އެކަމާ ގުޅޭ ޕްރެސްއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ އަވީދު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވާހަކަފުޅު ދައްކަވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
އިއްތިހާދުގެ ޖަލްސާ ބާއްވަން ހުއްދައަށް އެދި އެމްޑީޕީ އިން އެދުނުތާ އެއް މަސް ފަހުން، ޖަލްސާއަށް ހުއްދަ ދޫކޮށްފައި ވަނީ އިއްޔެ އެވެ. ނަމަވެސް ރޭ ވަނީ އެ ހުއްދަ ބާތިލްކޮށްފަ އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގައި އެދިފައި ވަނީ މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީގެ ބައްދަލުވުމެއް ބޭއްވުމުގެ ހުއްދައަށް ކަމަށެވެ. ނަމަވެސް ބައްދަލުވުން ބާއްވަން ތައްޔާރުވަނީ އިދިކޮޅު އިއްތިހާދު ކިޔާ "ޣައިރު ޤާނޫނީ" ޖަމާއަތަކުން ކަމަށާއި އަދި އެ ޖަލްސާ އަކީ ޣައިރު ގާނޫނީ ޖަލްސާއަކަށް ވާތީ ހުއްދަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިއްތިހާދަކީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައި ބޮޑީއެއް ނޫން ކަމަށާއި އެހެންކަމުން އެ ފަރާތަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަނުން ވެސް ތާއީދު ނުކުރާ ކަމަށެވެ.
އަދި ގުޅިފައިވާ އިއްތިހާދަކީ ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާއި ޣައިރު ގާނޫނީ ޖަލްސާއެއް ބާއްވަން ދިވެހި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިޔާސީ ހަރަކާތް ހިންގައި ސުލްހަވެރި ބައްދަލުވުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.