ހިންމަފުށި ހިއްކަނިކޮށް ލައިފް ފެން އުފައްދާ ހޮޅިފަޅައިގެން ގޮސް ފެން އުފެއްދުމަށް ބުރޫއަރައިފި

ހިންމަފުށީގެ ފަސް ގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރަނީ --

މާލެ އަތޮޅު ހިންމަފުށި ހިއްކުމުގެ ތެރޭގައި މަޝްހޫރު ލައިފް ފެން އުފައްދާ، ފެކްޓްރީ އަށް ފެން ސަޕްލައި ކުރާ ހޮޅި ފަޅައިގެން ގޮސް ފެން އުފެއްދުމަށް ބުރޫއަރައިފި އެވެ.

ލައިފް ފެން އުފައްދާ ފެކްޓަރީ ހުންނަނީ މާލެ އަތޮޅު ހިންމަފުށީގަ އެވެ.

އެ ފެކްޓަރީގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު (އިންތި) މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގެ ބިން ހިއްކާ، ނެދަލޭންޑްސްގެ ވެންއޫޑް ޑްރެޖިންގް މެރިން ކޮންޓްރެކްޓާ ކުންފުނިން ސަބް ކޮންޓްރެކްޓިން ދީގެން ބައެއް މަސައްކަތްތައް ކުރި ކުންފުނިން އެ މަސައްކަތްތައް ކުރިއިރު ލައިފް ފެން އުފެއްދުމަށް "އިންޓޭކް ވޯޓާ" ނަގާ ހޮޅި ފަޅާލާފައިވާ ކަމަށެވެ. އަދި އެ ހޮޅި ފެޅުމުން އެކަން ނާންގައި އެ ހޮޅި މައްޗަށް ފަސްއަޅައި ފޮރުވާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"އަދި ގެއްލުންވީމާ އަހަރުމެންނަށް އެކަން ނާންގައި، އެ މީހުން އަމިއްލަ އަށް މިއޮތީ ފޮރުވާފައި،" އިންތި ވިދާޅުވި އެވެ. "ފެން ނައިސްގެން ބެލި އިރު މި އޮތީ މުޅި ހޮޅި ދުއްވާލާފައި،"

ހިއްމަފުއްޓަށް ބޮޑު ކުރާ ބައި

އިންތި ވިދާޅުވީ އެ ހާދިސާ ހިނގީ މިދިޔަ ވަޅު އީދު ދުވަހު ކަމަށާއި އަދި އޭގެ ފަހުން ފެން ނުއުފެއްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ފެން އުފެއްދުން މެދުކެނޑުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހިންމަފުށީ ރައްޔިތުންނަށް ކަމަށާއި އެ ރަށަކީ ތާނގީއެއް ފަދަ އެއްޗެއް ވެސް ގެއެއްގައި ނެތި، އެ ފެކްޓްރީންދޭ ފެނަށް ބަރޯސޯވެގެން ދިރިއުޅޭ ބައެއް ކަމަށެވެ.

"މީގެ އެންމެ ކަންބޮޑުވުމަކީ މި ރަށު މީހުން ފެނަށް ޖެހުން، އެއީ މި ރަށު މީހުންނަކީ އަހަރުން ހިލޭ ދޭ ފެން ބޮއިގެން އުޅޭ ބައެއް، މި ރަށް މި އޮތީ ފެނަށް ޖެހިފައި،" އިންތި ވިދާޅުވި އެވެ.

ލައިފް ފެން އުފައްދާ ފެން މި މެދު ކެނޑުނީ، ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކަމަށާއި މި ކަމުގެ ގެއްލުން ވަރަށް ބޮޑު ކަމަށް އިންތި ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުޑަކޮށް ވެސް ފެން އުފެއްދޭ ވަރު ވާނީ އަދި މާދަމާ ކަމަށާއި އެއީ ވެސް ވަގުތީ ގޮތުން ކުރެވޭ ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "އިންޓޭކް ވޯޓާ"ގެ ހޮޅީގެ މައްސަލަ އެއްކޮށް ރަނގަޅުކޮށް ފެކްޓްރީން ފެން ރަނގަޅަށް އުފައްދަން ފެއްޓުމަށް މަދުވެގެން އަދި ވެސް ދެ ހަފުތާ ވަރުވާނެ ކަމަށެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ރަށު ރައްޔިތުން ތިބީ ފެނަށް ޖެހިފައިވާ ކަމަށާއި ބައެއްގެ އެހީތެރިކަމާ އެކު ކިރިޔާ ލިބެނީ ކައްކާލާނެ ފެން ފޮދެއް ކަމަށެވެ.

ހިންމަފުށި ހިއްކުމުގެ މަޝްރޫއަކީ 104 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ހިންގާ މަޝްރޫއުއެކެވެ. އެ މަސައްކަތް ފެށި ދުވަހުން ފެށިގެން ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ކުރިން ބުންޏެވެ. އަދި އެ މަޝްރޫއުގެ ދަށުން 21.6 ހެކްޓަރުގެ ބިން އެ ރަށަށް އިތުރު ކުރާނެ އެވެ.

comment ކޮމެންޓް