ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރުމުން ސަސްޕެންޑްކުރި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ގއ.މާމެންދޫ ވީނަސް އަހުމަދު ނިހާންއާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށް ޖޭއެސްސީ އިން ބުނެފި އެވެ.
ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލު ހަސަން ޒަހީން 'ސަން' އަށް ވިދާޅުވީ މިހާރު ވެސް ނިހާނު ހުރީ ސަސްޕެންޑްކޮށްފައި ކަމަށެވެ. ދެން އެ މައްސަލާގައި އިތުރުގޮތެއް ނިންމާނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށާއި އެއީ "އިސްތިއުނާފު މަރުހަލާގައި ހުކުމަށް ބަދަލު ވެސް އަތުވެދާނެތީ" ކަމަށް ޒަހީން ވިދާޅުވި އެވެ.
އެކަން ސާބިތުނުވިޔަސް މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތަކާ ޚިލާފަށް ނިހާން ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ވައްދައި، އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމާއި އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް ނިހާން މަސައްކަތް ކުރައްވާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ނިހާނުގެ މައްޗަށް އިއްވި ހުކުމްގައިވެ އެވެ.
އެ މައްސަލަ ނިހާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ކޯޓު އަމުރުގެ މައްސަލާގައި މެޖިސްޓްރޭޓްކަމުން ނިހާން ސަސްޕެންޑްކޮށްފައި ވަނީ މިދިއަ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.