ޔޫރޯގެ މޮޅު ކުޅުންތެރިއަކަށް ގްރީޒްމަން

ގްރިޒްމަން: އޭނާ ވަނީ ޔުރޯ ފުޓްބޯޅަ މުބާރާތުގައި ހަ ގޯލު ކާމިޔާބް ކޮށް ދެ ގޯލު ޖަހަން އެހީވެފަ --- ފޮޓޯ: އޭޕީ

ފާރްންސްގައި މިދިޔަ މަހުގެ 10 އިން މި މަހުގެ 10ގެ ނިޔަލަށް ކުރިއަށް ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ލިބެއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ހަ ގޯލާ އެކު ރަންބޫޓް ވެސް ކާމިޔާބު ކުރި ގްރިޒްމަން އަށް މޮޅު ކުޅުންތެރިއާގެ އެވޯޑް ލިބުނުކަން އިއުލާން ކުރީ ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުން ރޭގަ އެވެ.

މުބާރާތުގެ ޑްރީމް ޓީމު ހޮވުމުގެ އިތުރުން މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޮވާފައި ވަނީ، ޔުއެފާއިން ކަނޑައެޅި ޓެކްނިކަލް އޮބްޒާވަރުންގެ 13 މެންބަރުންގެ ޕެނަލަކުންނެވެ. ޕެނަލުގެ ލީޑަރެއްގެ ގޮތުގައި ޔުއެފާ ޗީފް ޓެކްނިކަލް އޮފިސަރު ލޯން ލުޕެސްޝޫ ހިމެނޭ އިރު، ސަރ އެލެކްސް ފާގަސަން، އޭލިއެން ގިރެސޭ، ޑޭވިޑް މޮއެސް، ޕެކީ ބޯނާ، މިޝޫ ޕާޓެލައިނަން، ސަވޯ މިލޯސެވިޗް، ޕީޓާ ރުޑްބައެކް، ގެރެތު ސައުތުގޭޓް، ތޯމަސް ޝާފް، ޖީން ފްރާންސިއޯ ޑޯމެގޫ، ގިނީ މެލެންޑޭޒް، އަދި ޖީން ޕައުލް ބްރިގާ ހިމެނެ އެވެ.

އެ ކޮމެޓީ ލީޑް ކުރައްވާ ލޯން ލުޕެސްޝޫ ވިދާޅުވީ ގްރީޒްމަން ކުޅުނު ކޮންމެ މެޗެއްގައި ވެސް އިދިކޮޅު ޓީމަށް އޭނާގެ ފަރާތުން ނުރައްކާ ފޯރާފައިވާ ކަމަށާއި ފްރާންސް ޓީމަށް އޭނާ ޖަހައިދިން ގޯލު ތަކުން އޭނާގެ ހުނަރާ ފެންވަރު ފެނިގެން ދިޔަ ކަމަށެވެ.

ހަ ގޯލު ކާމިޔާބު ކުރުމުގެ އިތުރަށް ގްރީޒްމަން ވަނީ އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އަދި ޑްރީމް ޓީމްގައި ވެސް ގްރީޒްމަން ވަނީ ހިމެނިފަ އެވެ.

comment ކޮމެންޓް