ދުނިޔޭގެ މަޝްހޫރު ތަރިންނަށް ރާއްޖޭގެ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ވަރެއް ނެތް

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓީވީ އައިޓީވީގެ މަޝްހޫރު ޕްރެޒެންޓާ ލިޒީ ކަންޑީއާ "ސަން" އިން އިންޓަވިއު ކުރަނީ --- ސަން ފޮޓޯ/ ނާލިއު

ސަން ސިޔާމް އިރުފުށި ރިސޯޓުން: މުހައްމަދު ސިމާއު

މަގްބޫލް މަންޒިލްތަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ފަތުރުވެރިންގެ ބަޖެޓް ލިސްޓުގައި ރާއްޖެ ނުހިމެނި ނުދާނެ އެވެ. ފުރިހަމަ ފަތުރުވެރި ކަމެއް ދައްކުވައި ދެނީ ރާއްޖޭގެ ރަށްތަކުގެ ހުދު ގޮނޑުދޮށްތަކާއި ހިތްގައިމު މޫދާއި ވިލު ކަނޑުތަކުން ކަމާ މެދު ދެބަހެއް ނުވެ އެވެ. މިއީ އެންމެންގެ ވެސް ފޭވަރިޓެ ކެވެ. ގިނަ ބައެއްގެ ހުވަފެނެކެވެ. ދުނިޔެ މަތީގެ "ސުވަރުގެ" އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މަންޒިލެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ރިސޯޓް، ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޓުއަރިޒަމް ފިލްމު ފެސްޓިވަލަށް ދައުވަތު ދީގެން އެ ރިސޯޓަށް އައި ދުނިޔޭގެ މަގްބޫލު ތަރިން ރާއްޖެއާ ދޭތެރޭ ދެކޭ ގޮތެވެ. އެމީހުންގެ ސިފަކުރުމެވެ.

"ފޮލޯ ދަ އީކުއޭޓާ"ގެ ނަމުގައި ސަން ސިޔާމް އިރުފުށީގައި އިއްޔެ ފެށި ޓުއަރިޒަމް ފިލްމު ފެސްޓިވަލަށް ދައުވަތު ދިން އިނގިރޭސި ވިލާތުގެ މަޝްހޫރު ޓީވީ އަދި ރޭޑިއޯ ޕްރެޒެންޓަރު އަދި މޮޑެލް ލިޒީ ކަންޑީ "ސަން" އަށް ބުނީ، ރާއްޖޭގައި ބާއްވާ ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލަށް ދައުވަތު ދިނީތީ ފަހުރުވެރިވާ ކަމަށެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް އައި ލިޒީ ބުނި ގޮތުގައި، ދުނިޔެ މަތީގެ "ސުވަރުގެ" އެއްގެ ގޮތުގައި ގަބޫލުކުރާ ރާއްޖެ ކަހަލަ ފަތުރުވެރިކަމާ ގުޅުންހުރި މަންޒިލެއްގައި ޓުއަރިޒަމް ފިލްމު ފެސްޓިވަލެއް ބޭއްވުމަކީ މުހިއްމު ކަމެކެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓީވީ އައިޓީވީގެ މަޝްހޫރު ޕްރެޒެންޓާ ލިޒީ ކަންޑީއާ "ސަން" އިން އިންޓަވިއު ކުރަނީ: މިއީ ލިޒީ ރާއްޖެ އައި ފުރަތަމަ ފަހަރު --- ސަން ފޮޓޯ/ ނާލިއު

ސަން ސިޔާމް އިރުފުށީގައި މިހާރު ކުރިއަށްދާ ޓުއަރިޒަމް ފިލްމު ފެސްޓިވަލަކީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ނުވަތަ ކޭން ފިލްމު ފެސްޓިވަލަށް ވުރެ ތަފާތު ފެސްޓިވަލެއް ކަމަށް އޭނާ ބުންޏެވެ.

"މިއަށްވުރެ ރަނގަޅު ތަނެއް (ރާއްޖެ ފަދަ) ނޯންނާނެ މިފަދަ ފެސްޓިވަލެއް ބާއްވާކަށް. ކޭން ފިލްމު ފެސްޓިވަލް ކަހަލަ، ކުރިން ގޮސްފައިވާ ބައެއް ފިލްމު ފެސްޓިވަލްތަކާ މި ފެސްޓިވަލް ވަރަށް ތަފާތު. މިއީ ހުރިހާ ކަމެއް އެކުލެވިގެންވާ ފެސްޓިވަލެއް. ވަރަށް ގިނަ ފިލްމު ފެސްޓިވަލް ތަކަށް ދެވިއްޖެ. ކުރިން ދިޔަ ފެސްޓިވަލްތަކުގައި ބީޗެއް އަދި މި މައުހާލެއް ނެތް. ވަރަށް ފުރިހަމަ،" އަންނަ އަހަރު ރާއްޖޭގެ ބާއްވާ ފިލްމު ފެސްޓިވަލަށް އަންނަން ތައްޔާރަށްހުރި އުމުރުން 46 އަހަރުގެ ލިޒީ ބުންޏެވެ.

ސަން ސިޔާމް އިރުފުއްޓާ ބެހޭ ގޮތުން، ދިވެހިންގެ ހިތްހެޔޮކަން ފެނި ލޯބިޖެހިފައިވާ ލިޒީ ބުނީ، އެ ރިސޯޓަށް އައުމުން އެއީ އޭނާގެ އަމިއްލަ ގޭ ކަހަލަ އިހުސާސެއް ކުރެވުނު ކަމަށެވެ. އަދި ސަން ސިޔާމް އިރުފުއްޓަކީ ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓީވީ އައިޓީވީގެ މަޝްހޫރު ޕްރެޒެންޓާ ލިޒީ ކަންޑީއާ "ސަން" އިން އިންޓަވިއު ކުރަނީ: ލިޒީ ބުނީ ޓުއަރިޒަމް ފިލްމު ފެސްޓިވަލެއް ބާއްވަން ރާއްޖެ ފަދަ ދެވަނަ ތަނެއް ނެތް ކަމަށް --- ސަން ފޮޓޯ/ ނާލިއު

ދުނިޔޭގެ މަޝްހޫރު ފިލްމު ފެސްޓިވަލްތަކުގެ ރެޑް ކާޕެޓް ކުއީން ބުނީ، އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ގިނަ ގައުމުތަކަށާއި މަންޒިލްތަކަށް ދަތުރުކުރަން ފުރުސަތު ލިބޭ ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ހިތްގައިމު މަންޒިލަކަށް އަދި ނުދެވޭ ކަމަށް ލިޒީ ބުންޏެވެ.

"ކުރިއަށް ހުރި ރެޑް ކާޕެޓް ރަސްމިއްޔާތުތަކުގައި ރާއްޖެއަށް ކޮންމެހެން ވެސް ދާންޖެހޭނެ ކަމަށް ބުނާނަން،" ލިޒީ ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު އިނގިރޭސިވިލާތުގެ ނޫސް، "ޑެއިލީމެއިލް" އަދި "ދަ ޓައިމްސް" ފަދަ މަޝްހޫރު ނޫސްތަކުގައި މަސައްކަތްކޮށްފައިވާ ޝޯބިޒް ނޫސްވެރިއެއް ކަމަށްވާ ބެން ޑޯގްލަސް "ސަން" އަށް ބުނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވި ފިލްމު ފެސްޓިވަލް ތަކަށް އޭނާ އަށް ދެވިއްޖެ ކަމަށެވެ.

ނަމަވެސް ސަން ސިޔާމް އިރުފުށީގައި މިހާރު ކުރިއަށްދާ ފިލްމު ފެސްޓިވަލް ފަދަ ފުރިހަމަ ފިލްމު ފެސްޓިވަލަކަށް ދުވަހަކު ވެސް ނުދާ ކަމަށާއި އެ ފެސްޓިވަލް ބޭއްވުމަށް ސަން ސިޔާމް އިރުފުއްޓަކީ އެންމެ އެކަށީގެންވާ ރިސޯޓް ކަމަށް އޭނާ ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު އިނގިރޭސިވިލާތުގެ ނޫސް، "ޑެއިލީމެއިލް" އަދި "ދަ ޓައިމްސް" ފަދަ މަޝްހޫރު ނޫސްތަކުގައި މަސައްކަތްކޮށްފައިވާ ޝޯބިޒް ނޫސްވެރިޔާ ބެން އާ "ސަން" އިން އިންޓަވިއުކުރަނީ: މިއީ އޭނާ ވެސް ރާއްޖެ އައި ފުރަތަމަ ފަހަރު --- ސަން ފޮޓޯ/ ނާލިއު

ރާއްޖޭގެ ރީތިކަން ފެނި އާޝޯހުވެފައި ހުރި ބެން ބުނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާއްވާ ފިލްމު ފެސްޓިވަލްތަކަކީ ވަރަށް ބޮޑު ހަރަދުކޮށްގެން ބާއްވާ ފެސްޓިވަލްތަކެއް ނަމަވެސް ރާއްޖޭގައި ކުރިއަށްދާ ފިލްމު ފެސްޓިވަލަކީ، ސަން ސިޔާމް އިރުފުށި ރިސޯޓުން ރާއްޖެ އިސްތިހާރު ކުރުމަށް ހިތުގެ އަޑިން ލޯތްބާ އެކު ބާއްވާ ފެސްޓިވަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ކުޑަ ގައުމެއްގައި ފިލްމު ފެސްޓިވަލެއް ބޭއްވުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ގެނެސްދޭނެ ކަމެއް ކަމަށް ފާހަގަކޮށް، ރާއްޖެއަށް ފުރަތަމަ ފަހަރަށް އައި ބެން ބުނީ، ދުނިޔޭގެ އެހެން ފިލްމު ފެސްޓިވަލްތަކުން އެމީހުންގެ ފިލްމު ފެސްޓިވަލްތައް ރާއްޖޭގައި ބޭއްވުމަށް އެދޭ ކަމަށެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޖަރުމަނުގެ އެކްޓަރެއް ކަމަށްވާ ޕައުލް ރިޗާ އަދި އޭނާގެ ލޯބިވެރިޔާ، ޖަރުމަނުގެ ބަތަލާއެއް ކަމަށްވާ ވެލެންޓީނާ ޕަހްދޭ "ސަން" އަށް ބުނީ، ރާއްޖެއަކީ ފަތުރުވެރިކަން އޮތް ފަތުރުވެރިކަން ދަންނަ ގައުމެއް ކަމަށެވެ.

ޖަރުމަނުގެ އެކްޓަރު ޕައުލް އަދި އޭނާގެ ލޯބިވެރިޔާ، ޖަރުމަނުގެ ބަތަލާ ވެލެންޓީނާ އާ "ސަން" އިން އިންޓަވިއުކުރަނީ: އެ ދެ ތަރިން ބުނީ ރާއްޖޭގައި ބާއްވާ ފިލްމު ފެސްޓިވަލަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ފިލްމު ފެސްޓިވަލް ކަމަށް --- ސަން ފޮޓޯ/ ނާއިލް

އެގޮތުން ސަން ސިޔާމް އިރުފުށީގައި ކުރިއަށްދާ ފިލްމު ފެސްޓިވަލަކީ މިހާތަނަށް ވެލެންޓީނާ އަށް އެންމެ ކަމުދިޔަ ފިލްމު ފެސްޓިވަލަށް ވެގެންދިޔައިރު، ޕައުލް ބުނީ، ޖަރުމަނުގައި ބާއްވާ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ފަދަ ބޮޑު ފިލްމު ފެސްޓިވަލަކަށް، ރާއްޖޭގައި ކުރިއަށްދާ ފިލްމު ފެސްޓިވަލް ނުވި ނަމަވެސް، މިއީ ހިތުގެ އަޑިން ބާއްވާ، ފުރިހަމަ ފެސްޓިވަލެއް ކަމަށެވެ.

comment ކޮމެންޓް