ޔޫރޯގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕެޕޭ އަށް

ޔޫރޯގެ ފައިނަލުގައި ފްރާންސްގެ އަންދްރޭ ޕިއާ ގިގްނިއާކް(ވ) އަތުން ބޯޅަ ހޯދުމަށް ޕެޕޭ(ކ) މަސައްކަތްކުރަނީ --- ފޮޓޯ: އޭޕީ

ޔޫރޯގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕޯޗުގަލް ޑިފެންޑަރު ޕެޕޭ އަށް ލިބިއްޖެ އެވެ.

ޔޫރޯގެ ފައިނަލުގައި އަމިއްލަ ގައުމުގައި ކުޅެމުން ދިޔަ ފްރާންސްގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި އެޑާ ޖެހި ލަނޑުންނެވެ. އެ މެޗުގެ ކުރީކޮޅުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވުމާ ގުޅިގެން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ އޭނާ ނުލަ އެވެ.

ރޭގެ މެޗުގައި ޕެޕޭގެ ފަރާތުން މޮޅު ދިފާއީ ކުޅުމެއް ފެނިގެންދިޔަ އިރު، ފްރާންސްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއު ކުރުމުގައި ރެއާލް މެޑްރިޑުގެ ޑިފެންޑަރުގެ ދައުރު ފާހަގަކޮށްލެވެ އެވެ. ރޭގެ މެޗުގައި ޕެޕޭއާ އެކު ޕޯޗުގަލްގެ އެންމެ ފަހަތުގައި މަސައްކަތްކުރި ޑިފެންޑަރަކީ ހޯސޭ ފޮންޓޭ އެވެ.

ފްރާންސުން އަމިއްލަ ގައުމުގައި ކުރިއަށްދިޔަ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ޓީމުތަކެއްގެ ގޯލު ފޫއަޅުވާލި ނަމަވެސް، ކީޕަރު ރުއި ޕެޓްރީސިއޯ ބަލަހައްޓަމުން ދިޔަ ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލުމަށް ވަނީ ނުކުޅެދިފަ އެވެ. މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ލަނޑުޖެހި ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް ވެސް ވަނީ ޕޯޗުގަލް ކޮޅަށް ލަނޑެއްޖެހޭ ގޮތް ނުވެފަ އެވެ. އޭނާ މުބާރާތުގައި ޖަހާފައި ވަނީ ޖުމްލަ ހަ ލަނޑެވެ.

comment ކޮމެންޓް