14 އަހަރަށް ފަހު ޗެކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕީޓަރ ޗެކް ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކީ، ޔޫރޯ 2016ގައި ތުރުކީ އަތުން 2-0 އިން ޗެކް ރިޕަބްލިކް ބަލިވި މެޗު -- ފޮޓޯ: ބީބީސީ

ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ޕީޓަރ ޗެކް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން ހާމަކޮށްފިއެވެ.

އިނގިރޭސި ކްލަބް ޗެލްސީގައި ދިގު މުއްދަތެއް ހޭދަކުރުމަށް ފަހު މިހާރު އާސެނަލްއަށް ކުޅެމުން އަންނަ ޗެކް ވަނީ ޗެކް ރިޕަބްލިކްގެ ގައުމީ ޓީމަށް 124 މެޗު ކުޅެފައެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ 2016ގެ ގްރޫޕް ސްޓޭޖްގައި ޗެކް ރިޕަބްލިކް ކުޅުނު ތިން މެޗުގައި ވެސް ފުލްކޮށް ކުޅުނު އުމުރުން 34 އަހަރުގެ ގޯލްކީޕަރު ބުނީ، ކުރިއަށް އޮތް ވޯލްޑް ކަޕާ ހަމައަށް އޭނާއަށް ޓީމުގައި ކުރިއަށް ދެވިދާނޭ ކަމަށް މިހާރު ގަބޫލު ނުކުރާ ކަމަށެވެ. އެގޮތުން 2002 އަހަރުގެ ފެބްރުއަރީގައި ޗެކް ރިޕަބްލިކްގެ ގޯލް ބެލެހެއްޓުމުގެ ފުރުސަތު ހޯދި ޗެކް ވަނީ 14 އަަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓައިލަން ނިމާފައެވެ.

"މިއީ ހަމަ ޔަގީން ނިންމުމެއް،" ޗެކް ރިޕަބްލިކްގެ ފުޓްބޯލް އެސޯސިއޭޝަންގެ ޗެކްއާ ހަވާލާދީ ބުނެފައި ވެއެވެ.

"ޔޫރޯއިން ކާމިޔާބު ނުލިބުމާ އަހަރެންގެ މި ނިންމުމާ އެއްވެސް ގުޅުމެއް ނެތް. އެހެންނަމަވެސް އަހަރެން ބޭނުންވީ ކާމިޔާބަކާއެކު ކެރިއަރ ނިންމާލަން."

ޗެކް ބުނީ، މިއީ އޭނާ ގައުމީ ޓީމާ ދުރަށް ދިއުން އެންމެ ރަނގަޅު ވަގުތަށް ނުވެދާނޭ ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ދޫކޮށްލަން ޖެހޭ ވަގުތެއް ހަމަ ޔަގީނުންވެސް އަންނާނޭ ކަމަށެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފިކޭޝަންއަށް ދެއަހަރު ނަގާއިރު، އެ މުއްދަތުގެ ތެރޭގައި ނުކުޅެވޭނޭކަން އިއުލާނުކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނޭކަމަށްވެސް ތަޖްރިބާކާރު ގޯލްކީޕަރު ބުންޏެވެ.

"އެހެންކަމުން މިހާރު ގޮތެއް ނިންމުން އެންމެ ރަނގަޅުވާނީ، އަދި މި ފުރިިހަމަ ޗެޕްޓަރ ނިންމާލުން،" ޗެކް ބުންޏެވެ.

ޗެކް ރިޕަބްލިކްގެ ފުޓްބޯލް އެސިއޭޝަނުން ވަނީ ޗެކްގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ޕީޓަރ ޗެކް ވަނީ ޗެކް ރިޕަބްލިކް ގައުމީ ޓީމާއެކު 2006 ވަނަ އަަހަރުގެ ވޯލްޑް ކަޕާއި، ޖެހިޖެހިގެން ހަތަރު ޔޫރޯ ކުޅެފައެވެ. އެގޮތުން ގައުމީ ޓީމާއެކު އެންމެ ބޮޑު ކުރިއެރުމެއް ހޯދުނީ، ޔޫރޯ 2004ގައެވެ. އެފަހަރު ޗެކް ރިޕަބްލިކް ވަނީ ސެމީ ފަައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް