ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން އިންތިޒާމްކޮށްގެން އެގައުމުގައި ދިރިއުޅޭ ދިވެހީން ބޮޑު ޖަމާޢަތުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކޮށްފިއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހީން 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުން -- ފޮޓޯ: އެމްއީސީސީ
ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު (އަދުރޭ) މިއަދު ސަން އަށް ވިދާޅުވީ، އެމްއީސީސީގެ ފުޓްސަލް ދަނޑުގައި މިއަދު ކުރި ޢީދު ނަމާދުގައި ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވެފައިވާ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހީން 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުން -- ފޮޓޯ: އެމްއީސީސީ
މިއީ ރާއްޖޭން ބޭރުގެ ގައުމެއްގައި ދިވެހިބަހުން ޢީދު ޚުތުބާ އިވިގެންދިޔަ ފުރަތަމަ ފަހަރެވެ. އިމާމުވެ ޢީދު ނަމާދުކުރެއްވީ، އައްޝައިޚް ޢަލީ ޝަރީފްއެވެ.
"އީދު ނަމާދަށް ފަހު، މި ގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް ހާއްސަކުރެވިގެން ޢީދު ސައިފޮދެއް ތައްޔާރުކުރެވިފައި އޮތް،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "ޢީދު އުފާ"ގެ ނަމުގައި މިއަދު ހެނދުނު 10:00އިން ފެށިގެން ތަފާތު ކުޅިވަރު ހަރަކާތްތަށް ފެށިގެން ގޮސްފައިވާ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހީން 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުން -- ފޮޓޯ: އެމްއީސީސީ
"އޭގެ ތެރޭގައި އަންހެން އަދި ފިރިހެނުންގެ ބަށިމެޗަކާއި ވާދެމުން ކުރިއަށްގެންދިޔަ،" އަދުރޭ ވިދާޅުވިއެވެ.
މިއަދު ހަވީރުވެސް ސޯސަންވިލާގައި އީދާގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކޯޑި ކެނޑުމުގެ ހަރަކާތްތަކާއި ބޮޑުމަސް ދުއްވުން، އަދި ކުޑަކުދީންނަށް ހާއްސަކޮށްގެން ރާއްޖޭގެ މަޝްހޫރު ފަންނާނު ސަމީއުގެ ހުށަހެޅުންތަކެއް ކުރިއަށް ދާނޭކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިރޭ 8:00 އިން ފެށިގެން ޚާއްސަ ޝޯވއެއް ކުރިއަށް ދާނޭކަމަށްވެސް ވިދާޅުވިއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހީން 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުން -- ފޮޓޯ: އެމްއީސީސީ
އަދުރޭ ވިދާޅުވީ، މިއަހަރުގެ ޝޯވގައި ރާއްޖޭގައި ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހިމް އާއި މުބާރާތުގެ ތިން ވަނަ ހޯދި މުހައްމަދު އިޝާން ބައިވެރިވާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަބްދުލް ހައްނާނު އާއި އިބްރާހިމް ނިފާރު (ތިއްތި) އަދި މުހައްމަދު ފަޒީލް ގެ ހުށަހެޅުންތަކަކާއެކު މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.