ޕީޕީއެމްގެ ހުރިހާ ވައިބާ ގްރޫޕްތަކުން ފާރިސް މައުމޫން ބޭރުކޮށްލައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ހުރިހާ ވައިބާ ގްރޫޕްތަކުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބޭރުކޮށްލައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި ވައިބާ ގްރޫޕުތަކުން ފާރިސް ބޭރުކޮށްލާފައި ވަނީ އަންގާރަ ދުވަހު އޭނާ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.

ފާރިސް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރަން އިއުލާންނުކޮށް ރަށްތައް ދޫކުރެވޭގޮތް ހެދުމަށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދިން މައްސަލާގަ އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާން ސަން އަށް ވިދާޅުވީ ފާރިސްއާ ގުޅޭގޮތުން އެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލިއިރު، ހަގީގަތުގައި ވެސް އޭނާގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެޕާޓީއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންގަވާފަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގަވާފައި ވަނީ އެ ބިލަށް ވޯޓު ދެއްވުމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ފާރިސް ނެރުއްވި ބަޔާނެއްގައި ވަނީ ގައުމީ މަސްލަހަތު ހިފެހެއްޓުމަށް ލާ ވޯޓެއްގެ ސަބަބުން ޕާޓީގެ މެމްބަރަކާ މެދު ޕާޓީން ފިޔަވަޅު އެޅުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ޕާޓީގެ ގަވާއިދާ އެއްގޮތަށް، ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި އިންސާފުވެރިކަމާ އެކު، އަޅުގަނޑުގެ މައްސަލަ ބަލަން ކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑު ފުރިހަމައަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަމެވެ،" ފިޔަވަޅު އެޅުމުގެ ކުރިން ފާރިސް ނެރުއްވި ބަޔާނުގައި ވެއެވެ.

ފާރިސާމެދު ފިޔަވަޅު އެޅުމަށް ޕާލަމެންޓްރީ ގްރޫޕުން ސުލީކީ ކޮމެޓީއަށް ފޮނުވި ސިޓީ މައުމޫނަށް ލިބިވަޑައިގަތުމުން، އެ ސިޓީއަށް ދެއްވި ޖަވާބުގައި މައުމޫން ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ޚިލާފަށް މީގެ ކުރިން ވޯޓު ދެއްވާފައިވާ މެމްބަރުންނާމެދު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި ވަކި މެމްބަރަކާމެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަކީ "އިންސާފުގެ ހަމަތަކާ ހިލާފަށް" ކުރައްވާފައިވާ ކަމެއް ކަމަށެވެ.

މީގެކުރިން ވިޕްލައިނާ ޚިލާފުވެފައިވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އެ ސިޓީގައި މައުމޫން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް