މައުމޫން އޭސީސީ އަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ނިހާން

ރައީސް މައުމޫން (މ) ނިހާނުއާ (ވ) ސަލާމް ކުރައްވަނީ: ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް ނިހާން ވަނީ މައުމޫން އޭސީސީ އަށް ހާޒިރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާލުވެފައި -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް، ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާނު އެހެން ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު، ނުވަތަ ތީމުގެ ހިންގި ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ "ކޮރަޕްޝަން މައްސަލަތަކުގެ" ތަހުގީގަށް ރައީސް މައުމޫން އޭސީސީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވަނިކޮށެވެ.

ނިހާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ތީމުގޭ އޮޑިޓް ރިޕޯޓުތަކަކީ ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމްގެ ސިޔާސީ ޓައިމް ބޮމެއް ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައަކީ ކުރިން ފުލުހުންނާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކާ ސުވާލުކޮށް ބަޔާންނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އަދި ވެސް އިތުރު ފަރާތްތައް އެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ ގަނޑުވަރު، ތީމުގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް