ގަލޮޅު ޕާކު ހުޅުވީ، އަވަށުގެ ކައުންސިލަރަކަށް ވެސް، މުވައްޒަފުންނަށް ވެސް ނާންގާ: ޑެޕިއުޓީ މޭޔަރު

މާލޭގެ ޑެޕިއުޓީ މޭޔަރު ޢަރީޝް: ވިދާޅުވީ ގަލޮޅު ޕާކު ހުޅުވިއިރު ކައުންސިލަރުންނަށް ވެސް މުވައްޒަފުންނަށްވެސް ނާންގާ ކަމަށް --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ) ކުރިމަތީ އޮތް ގަލޮޅު ޕާކު އަލުން ހުޅުވިއިރު، އެ ތަން ހުޅުވީ އެއްވެސް ކައުންސިލަރަކަށް، އަދި ކައުންސިލުގެ މުވައްޒަފަކަށް ވެސް ނާންގާ ކަމަށް، މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް މިއަދު ވިދާޅުވެއްޖެއެވެ.

ދިހަ އަހަރަށް ފަހު، ގަލޮޅު ޕާކު އަލުން ހުޅުވައިދެއްވީ އިއްޔެ، މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ. ނަމަވެސް ގަލޮޅު ޕާކު ހުޅުވިއިރު، އެ އަވަށުގެ އެއްވެސް ކައުންސިލަރެއް، ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުގައި ފެންނާކަށް ނެތެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން ޢަރީޝް ވިދާޅުވީ، ގަލޮޅު ޕާކު ހުޅުވުމުގެ ކަންކަން އިއްޔެ ދިޔައީ ދޯދިޔާކޮށް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ކައުންސިލަރަކަށް ވެސް ނޭނގޭ މޭޔަރު އެތަން (ގަލޮޅު ޕާކު) ހުޅުވިކަމެއް ވެސް، އަޅުގަނޑުމެންގެ އެއްވެސް ވަޓްސްއަޕް ގްރޫޕެއްގައެއް ނެތް އެ ބޭފުޅާ އެތަން ހުޅުވާ ވާހަކައެއް ޖަހާފައި ވެސް، އެއްވެސް މުވައްޒަފަކަށް ވެސް ނެތް އަންގާފައެއް،" ޢަރީޝް ވިދާޅުވިއެވެ.

ގަލޮޅު ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތް ދެކެވުނީ އޮކްޓޯބަރު 25، 2022ގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި ކަމަށް ވިދާޅުވެ، ޢަރީޝް ވިދާޅުވިގޮތުގައި، ކައުންސިލުން އެގޮތަށް ކުރިއަށް ގެންދަން ފާސްކުރީ ރައްޔިތުންގެ ޚިޔާލާ އެއްކުރުމަށް ފަހެވެ.

އޭނާ ވިދާޅުވިގޮތުގައި ޕާކު ހުޅުވިކަން ވެސް އެނގުނީ ޚަބަރުތަކުންނާއި ސޯޝަލް މީޑިއާގައި ކައުންސިލުން ޕޯސްޓުކުރުމުންނެވެ.

"ކައުންސިލަރުން ވާހަކަ ދެއްކީ، ކައުންސިލަރުން ބަޖެޓު ފާސްކުރީ ވެސް، ކައުންސިލަރުން ހުރިހާ ކަމެއްގައި ހުރިހާ ވާހަކައެއް ދައްކައި އެ ތަނަށް ގޮސް ހުރިހާ ކަމެއް ކުރީ،" ޢަރީޝް ވިދާޅުވިއެވެ.

ގަލޮޅު ޕާކަކީ އެ އަވަށުގެ ހުރިހާ ކައުންސިލަރުންގެ ބުރަ މަސައްކަތް ކަމަށާއި، ނަމަވެސް މޭޔަރު އެކަނި ވަޑައިގެން އެ ތަން ހުޅުވުމުން، ކައުންސިލަރުން ކުރި މަސައްކަތުގެ އަގެއް ފެންނަން ނެތް ކަމަށް ޢަރީޝް ވިދާޅުވިއެވެ.

https://sun.mv/216652

އިއްޔެ ގަލޮޅު ޕާކު ހުޅުވައިދެއްވުމަށް ފަހު ޢާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ޕާކު ތަރައްގީކުރުމަށް ކައުންސިލުގެ ބަޖެޓުން ގާތްގަނޑަކަށް 2.5 މިލިއަނެއްހާ ރުފިޔާ ޚަރަދުވި ކަމަށާއި، ޕާކު ތަރައްގީކުރުމަށް ހޭދަވީ، އަށެއްކަ މަސް ކަމަށެވެ.

އެ ޕާކު ހުޅުވީ، ބެޑްމިންޓަން ކޯޓަކާއި ތްރީއޮން ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައަކާ އެކީގައެވެ.

އެކަމަށް އިޝާރާތްކުރައްވައި ޢަރީޝް ވިދާޅުވީ، ގަލޮޅު ޕާކުގައި އެ ތަންތަން ތަރައްގީކުރަން ހުށަހެޅީ ރައްޔިތުން ކަމަށާއި، އެއީ ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް އޭރު މޭޔަރުކަން ކުރެއްވިއިރު އަމިއްލަފުޅަށް ނިންމެވި ނިންމެވުންތަކެއް ނޫން ކަމަށެވެ.

އިއްޔެ ގަލޮޅު ޕާކު ހުޅުވިއިރު، އާޒިމް ގެންދަވަނީ މާލޭ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ޓަކައި، އެ ޕާޓީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވަމުންނެވެ. އާޒިމް ވިދާޅުވާ ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން މަދުވުމެވެ. އޭނާގެ ޕްރައިމަރީ ކެމްޕޭންގައި މާލެ ހިތްފަސޭހަ ކުރުމަށް މައިޒާންތައް ތަރައްގީކުރައްވާ ވާހަކަ ވެސް ފާހަގަކުރައްވައެވެ.

comment ކޮމެންޓް