ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހަކީ ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މިލްކުވެރިކަމުގެ ދަށުގައިވާ ތަނެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޒާހިރު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށި ދުވަހު ނޫސް ހަވީރުގެ މިލްކުވެރިކަން މީގެ ތިން އަހަރު ކުރިން "ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް" އަށް ދީފައިވާ ކަމަށެވެ.
އެހެންކަމުން ހަވީރު ނޫހަކީ ގާނޫނީ ގޮތުން ޒާހިރުގެ މިލްކުގައިވާ ތަނެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
އެ ހުކުމާ ގުޅިގެން ޒާހިރު ހުސައިން ވިދާޅުވެފައި ވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމުގެ މައްޗަށް ދައުވާކޮށްފައިވާ ތިން ޚަސްމުންނަކީ ދައުވާ ލިބޭ ހަވީރު ނިއުސް އޭޖެންސީގެ ތިން މަސްއޫލުވެރިން ކަމަށާއި އެ ދައުވާގައި އެ އެޖެންސީގެ މައްޗަށް އޭނާގެ ނަމަށް ހުކުމް ކޮށްފައިވީ ނަމަވެސް، އެ މަނިކުފާނަކީ އެ އެޖެންސީގެ ބެފުޅެއް ނޫން ކަމަށެވެ.
"އެ އެޖެންސީ ރަޖިސްޓްރީކޮށްފައި ވަނީ އެ ދައުވާ ކުރި ތިން ފަރާތުގެ މައްޗަށެވެ. އެހެން ބަޔަކު ރަޖިސްޓްރީކޮށްފައިވާ އެޖެންސީއެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އަޅުގަނޑު އޭގައި ނުހިމެނޭ ހިނދު، އަޅުގަނޑުގެ މައްޗަށް އިލްޒާމް ކުރެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައިވެ އެވެ.
ޒާހިރުގެ ބަޔާނުގައި ވިދާޅުވީ "ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތިދީ ނުވަތަ ވިއްކުމާ ބެހޭ ގާނޫނު" ގައިވާ ގޮތުގެ މަތިން ހަވީރު ނޫހުގެ އެއްވެސް މިލްކުވެރިކަމެއް ހަވީރު ނިއުސް އެޖެންސީގެ މައްޗަށް ބަދަލުކޮށްފައި ނުވާ ކަމަށެވެ.
"މިފަދަ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައި ނެތް ހިނދު، އަޅުގަނޑުގެ މައްޗަށް މިއީ ކަނޑައެޅިގެން ކުރެވޭ ނުހައްގު ދައުވާއެކެވެ." ޒާހިރު ވިދާޅުވެފައިވެ އެވެ.
ޒާހިރު ވިދާޅުވީ ހަވީރު ނިއުސް އެޖެންސީއެއް އުފައްދަން ހިޔާލު ކުރެވި، އެ ހިޔާލަށް އެއްބަސްވި އެއްބަސްވުމުގައި ސޮއިކުރެއްވި ނަމަވެސް އެޖެންސީ ރަޖިސްޓްރީ ކުރި އިރު، މަސްއޫލުވެރިންގެ ތެރޭގައި ޒާހިރު ނުހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ ދުވަހު ނޫސް ހަވީރާއި އެޖެންސީ އަކީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެޖެންސީ އަކީ އެއްވެސް ހާލެއްގައި ވިޔަފާރި އުސޫލަށް ގާއިމުކުރި ތަނެއް ނޫން ކަމަށާއި، އެއީ މާލީ މުއާމަލާތެއް ނުކުރާ ޚައިރީ، ޖަމާއަތެއް ކަހަލަ ނޮން ޕްރޮފިޓް އުސޫލުން ގާއިމުކުރެވުނު ތަނެއް ކަން އެ އެޖެންސީގެ ގަވާއިދުން އެނގެން އޮންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން މިފަދަ ޖަމާއަތަކުން ހަވީރުގެ މުދާ އޭގެ ތެރެއަށް ވައްދަން 30 އަހަރުގެ ފަހުން މި ކުރާ ދައުވާ އަކީ އެއްވެސް އަސާސެއް ނެތި ކޮށްފައިވާ ދައުވާއެއް ކަމުގައި ދަންނަވަމެވެ."
ހަމައެއާ އެކު، އެޖެންސީ އުފެއްދި މީހުން އެޖެންސީ ހިންގާފައި ނުވާ ކަމަށާއި، އެޖެންސީއަކީ ހަމައެކަނި "ނަމެއްގައި" އޮތް އެއްޗެއްކަން އަދި އެތަނަކީ ހިނގާ ތަނެއް ކަމުގެ ހެއްކެއް ނެތް ކަމަށް ޚަސްމުންގެ ވަކީލުން އިއުތިރާފުވެފައިވާ ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ވަނީ ހުއްޓާލައިފަ އެވެ.
އަދި "ހަވީރު"ގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން ދެއަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާނަމަ ފިޔަވަޅުއެޅުމަށް ސިވިލް ކޯޓުން ވަނީ ހޯމް މިނިސްޓްރީގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.