މާލެ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރު ޒައިދުލް އަމީނާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރިޔާޒު ރަޝީދު ޕީޕީއެމްގެ ސްލޫކް ކޮމެޓީއަށް ހުށަހަޅައިފި އެވެ.
ރިޔާޒު ސޮއިކުރައްވައި ސުލޫކު ކޮމެޓީގެ ރައީސް އަލީ ވަހީދަށް ފޮނުވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، ޒައިދު ވަނީ ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންނާ މެދު ސާބިތު ނުހިފޭ އެކި ދޮގު ވާހަކަތައް ޝޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ދައްކާފައި ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ އަގުވައްޓާލުމަށް ވެސް ވަރަށް ނޭދެވޭ މަސައްކަތްތަކެއް އޭނާ ކޮށްފައިވާ ކަމަށެވެ.
އެ ސިޓީގައި ރިޔާޒު ވިދާޅުވީ ޒައިދުގެ ރަސްމީ ޓުވީޓާ އެކައުންޓު މެދުވެރިކޮށް ވެސް މެމްބަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.
"މި ޒައިދުލް އަމީނަކީ ޕާޓީގެ ސަރުކާރަށާއި ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ފާޅުގައި ހުތުރު އެއްޗެހި ކިޔައި ސަރުކާރަށް ތުރާކުރުމަށް އިސްވެ އުޅޭ އެމްޑީޕީގެ އެކްޓިވިސްޓް އަކާއި އެއް ހަމައެއްގައި އަމަލުތައް ހުންނަ މީހެކެވެ." ސިޓީގައި ރިޔާޒު ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި ރިޔާޒު ވިދާޅުވީ، ޒައިދު ޕީޕީއެމްގެ މެމްބަރަކަށްވެ ހުރެ އެޕާޓީގެ ޕީޖީ ގުރޫޕާ މެދު ސާބިތު ނުހިފޭ ދޮގު ވާހަކަ ފެތުރުމާއި ޕީޖީ ގްރޫޕުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އަރައިގަންނަމުންދާ ކަމަށެވެ. އެހެންކަމުން އޭނާއާ މެދު ފިޔަވަޅު އަޅައި ދިނުމަށް ސުލޫކު ކޮމެޓީގެ ރައީސްގެ އަރިހުން ރިޔާޒު ވަނީ އެ ސިޓީފުޅުގައި އެދިވަޑައިގެންފަ އެވެ.
މާލެ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރު ޒައިދުލް އަމީނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެޕާޓީގެ ސުލޫކު ކޮމެޓީއަށް ރިޔާޒު ރަޝީދު ސިޓީ ފޮނުއްވާފައިވާ އިރު، ޕާލިމަންޓްރީ ގްރޫޕުގެ ތްރީ ލައިން ވިޕާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވެސް ވަނީ ސުލޫކު ކޮމެޓީއަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.
ހަމައެއާ އެކު ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވެސް ޕީޖީ ގުރޫޕުން ނެރުނު ތްރީ ލައިން ވިޕާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، އޭނާއާ މެދު ވެސް ފިޔަވަޅު އަޅައި ދިނުމަށް ސުލޫކު ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ.