ރޯލާށެޖެހިފާވީ

" ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ނަންބަރު 53 ގައިވާ ގޮތުގެމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަން އެނގިހުރެ، ކަމާއިބެހޭފަރާތްތަކަށް ނޭނގުމުގެ ކުށް ޏ ފޯއްމުލަށް ހޯދަނޑު ކުރިވަރުދީ އާއިޝަތު ލަހްފާގެ މައްޗަށް ސާބިތުވާތީ އެއްއަހަރާ ތިންމަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިން. " މައްސަލައިގެ ހުކުމް ގާޒީ އިއްވުމާއިއެކު ލަހްފާގެ ރުއިމުގެއަޑުން މުޅިތަން ގުގުމާލިއެވެ.

އޭނާއަށް އެހެން ނުހެދުމަށާއި އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަން ފެށިއެވެ. އޭނާ ހައްޔަރުކޮށްފިނަމަ އޭނާގެ ދަރިފުޅު ބަލަހައްޓާނެ އެހެން މީހަކު ނުހުންނާނެ ވާހަކައާއި އޭނާ ދެރަވާނެ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ލަހްފާގެ އެއާދޭހާއި އޭނާ ރޮމުންދިޔަ ރުއިމަށް ޖަވާބުދެމުން ދިޔައީ އާންމުންނެވެ. ލަހްފާ ޖަލަށްލުމުން އޭނާގެ ދަރިފުޅު ދެރަވާނެކަން ލަހްފާއަށް އެނގުން މާލަސްވެއްޖެކަމަށާއި ލަހްފާގެ ފަރާތުން އެދަރިފުޅަށް ހިމާޔަތެއް ނުލިބުނު ކަމުގައި އެބައިމީހުން ބުނަމުން ދިޔައެވެ. ލަހްފާގާތުގައި އެ ކުއްޖާ ބަހައްޓައިފިނަމަ ދެންވާނެގޮތެއް ނޭނގޭކަމަށާއި މިހާރަށްވުރެ ބޮޑު އަނިޔާއެއް ލިބިދާނެކަމުގައި ވެސް ބައެއްމީހުން ބުނަމުން ދިޔައެވެ.

ރޮމުން ރޮމުން ގޮނޑިމައްޗަށް ތިރިވި ލަހްފާގެ ޚިޔާލުތައް ގޮސް ގުޅުނީ އޭނާގެ މާޒީއާއެވެ.

އެއީ މީގެ ސާދަވަރަކަށް އަހަރުކުރިއެވެ. ލަހްފާ އާއި މަޒާއިލް ބައްދަލުވީ ލަހްފާމެން ރަށު މަދަރުސާ ޓީޗަރަކަށް މަޒާއިލް އައިސްހުރި ހުރުމުގެތެރޭގައެވެ. ހެދިހުރި ފިރިހެންވަންތަ ފުރިހަމަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ މަޒާއިލްގެ ހަށިގަނޑުގެ ދޮންކުލައަކީ ވެސް އޭނާއާމެދު އެތައް އަންހެންކުދިން ސައުގުވެރިވާކަމަކަށް ވިއެވެ.

ލަހްފާއާއެކު ގްރޭޑްދިހައެއްގައި ތަޢުލީމުހާސިލުކުރަމުންދާ ގިނަ އަންހެންކުދިންނެކޭ އެއްފަދައިން ލަހްފާގެ ހިތުގައި ވެސް މަޒާއިލްގެ ފުރިހަމަސޫރަ ކުރެހުނެވެ. މަޒާއިލްގެ އިސާރާތަކަށް އިންތިޒާރުކުރެވެން ވެސް ފެށިއެވެ.

ލަހްފާ އާއި މަޒާއިލްގެ މެދުގައި ލޯބީގެގުޅުން އުފެދިގެންދިޔައީ އެކަމަށްއެދި އޭނާ އިންތިޒާރުކުރަމުންދާތާ ތިންމަހެއްހާ ދުވަސް ފަހުންނެވެ. ލަހްފާ އާއި މަޒާއިލްގެ މެދުގައި އުފެދުނު ލޯބީގެގުޅުމާއެކު، މަޒާއިލްގެ އިސާރަތަކަށް އިންތިޒާރު ކުރަމުންދިޔަ އެތައް އަންހެންކުދިން ލަހްފާއާ ގުޅުންކަނޑާލިއެވެ. ލަހްފާ އާއި މަޒާއިލްގެ ބޭޒާރުކޮށްލާނެ ފުރުޞަތެއް ލިބޭތޯ އެތައް މަސައްކަތެއް ކުރިއެވެ.

ލަހްފާގެ ތައުލީމީހަޔާތް ނިމުމާއެކު ލަހްފާ އާއި މަޒާއިލްގެ ކައިވެނިކުރިއެވެ. ލަހްފާ އާއި މަޒާއިލްގެ ކައިވެނީގެ ގުޅުމަކީ ލަހްފާގެ ޢާއިލާއިން އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވިއެވެ. އެހެނަސް މަޒާއިލްގެ ވަޒީފާ ދޫކޮށްލާފައި، އެރަށް ދޫކޮށްލާފައި ދާކަށް ލަހްފާ ބޭނުމެއްނުވިއެވެ.

މަޒާއިލް ގޮވައިގެން ލަހްފާގެ ދޮންތަ ސިފްޒާގެ ގެއަށް ލަހްފާ ބަދަލުވީ އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދިން ހަމައެކަނި މީހަކީ ސިފްޒާއަށް ވެފައި އެގެއަކީ ހުސްކޮށްހުރި ބޮޑު ގެއަކަށް ވާތީއެވެ.

ސިފްޒާގެ ފިރިމީހާ ބާއްސާމަކީ މާލޭގައި ގެދޮރުހުރި ތަނަވަސްމީހަކަށް ވާތީ ސިފްޒާގެ ޢާއިލާ ދިރިއުޅެމުންދަނީ މާލޭގައެވެ. ރަށަށް އައިސް އުޅުމަކީ ސިފްޒާ އާއި އޭނާގެ ދަރިން ކުރާހިތްވާކަމެއް ނޫނެވެ. ސިފްޒާ އާއި އޭނާގެ ދަރިން ރަށަށް ނައި ނަމަވެސް ބައްސާމު ކޮންމެވެސް ވަރަކަށް ރަށަށް އައިސް އުޅެއެވެ.

ލަހްފާ އާއި މަޒާއިލްގެ ކައިވެންޏަށް އަހަރެއްހާދުވަސްވިއިރު އެދެމަފިރިންނަށް އަންހެންކުއްޖަކު ލިބިއްޖެއެވެ. އެކަމުގެ ސަބަބުން ލަހްފާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައިރު، އެއުފަލާއި ހިތްހަމަޖެހުމުގެ ނިމުން ގާތްވަމުން ދިޔަކަމެއް އެއްގޮތަކަށް ވެސް އޭނާއަކަށް ނޭނގެއެވެ.

ސައިކަލް އެކްސިޑެންޓެއްގައި މަޒާއިލް ނިޔާވުމާއިއެކު ލަހްފާގެ މުޅިދިރިއުޅުން ހުއްޓުނުކަހަލައެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމަޔާ ހިތްދަތިކަމުގައި ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުއްޓިޖެހިފައިހުރި ލަހްފާއަށް އަނެއްކާ ވެސް އެހީތެރިކަމެއް ލިބުނީ ސިފްޒާގެ ފަރާތުންނެވެ. އެގޭގެ ދެކުނު ފަރާތުގައި ހަދާފައިވާ ހަތަރުކޮޓަރީގެ ކުއްޔަށްލިބޭ ފައިސާއިން ގެއަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްފަހު، ބާކީބައި މާލެފޮނުވުމަށް ސިފްޒާ ބުންޏެވެ.

އެންމެ ފުޅާދާއިރާއެއްގައި ރަށުގައި ވިޔަފާރިކުރަމުންދާ އަލީ އިބްރާހިމަކީ ބައްސާމުގެ އެހީތެރިކަމާއިއެކު ވިޔަފާރިކުރަމުންދާ ފަރާތެކެވެ. އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤަކީ ހަލާލުކަން އެންމެބޮޑު ރިޒުޤެވެ. އާމްދަނީ ހޯދުމަށްޓަކައި ކޮންމެވެސްކަމެއް ކުރަންޖެހޭނެކަމުގައި ލަހްފާ އަބަދުވެސް ދެކެއެވެ. ވަޒީފާއެއް ބޭނުންވެގެން ލަހްފާ އެވާހަކަ ދެއްކުމުން، އަލީ އިބްރާހިމްގެ އަނަދާނަ ފިހާރައިން އޭނައަށް ވަޒީފާއެއް ބައްސާމު ހަމަޖައްސައިދިނެވެ. އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދުމަށް ލަހްފާ އަމިއްލައަށް ވިސްނައިގެން އެކަމާ ކުރިމަތިލުމުން ބައްސާމު އޭނާއަށް ހިތްވަރާއި ނަސޭހަތްދީ ސާބަސް ދިނެވެ.

ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން ދަރިފުޅުގެ ކަންތައްތައް ބަރާބަރަށް ނިންމަމުން ވަޒީފާއެއް އަދާކުރުމަކީ އުނދަގޫކަމެއް ނަމަވެސް، ލަހްފާ ކެތްތެރިވިއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެކަމުގައި އަބަދުވެސް އޭނާ ގަބޫލުކުރެއެވެ.

ގަދަހިތްވަރާއެކު ކުރެވުނު ބުރަމަސައްކަތުން ލަހްފާ އޭނާގެ އުންމީދުތައް ޙަޤީޤަތަކަށް ހެދިއެވެ. އޭނާގެ ދަރިފުޅު ޝާނާގެ އުމުރުން އެގާރައަހަރު ފުރުނުއިރު، އޭނާ ބޭނުންވާ އެއްވެސްކަމެއް ނުވަތަ އޭނާ ބޭނުންވާ އެއްވެސް އެއްޗެއް ނުލިބިގެން ސަކުވާކުރަން ޖެހިފައެއް ނުވެއެވެ. މަދަރުސާއަށް ގެންދިއުމާއި ގެނައުމުގައި އެންމެފަހަރަކު ވެސް ގަޑިޖެހިފައި ނުވަތަ ލަސްވެފައެއް ނުވެއެވެ.

ލަހްފާގެ މުސާރައިން ހަރަދުކޮށް ބާކީވާ ހުރިހާފައިސާއެއް، އޭނާގެ ދަރިފުޅު ޝާނާގެ ކުރިމަގަށްޓަކައި ޝާނާގެ ނަމުގައި އެކައުންޓެއް ހުޅުވައި އެއެކައުންޓަށް ޖަމާކުރަމުން ދިޔައެވެ. މިއަދު ޝާނާ ފިޔަވާ އެހެން އެއްވެސްކަމެއް އޭނާއަށް މުހިންމެއް ނޫނެވެ.

އެގެއިން ކުއްޔަށްދޫކުރާ ކޮޓަރިތަކުގައި ކުރަންހުރި މުހިންމު މަސައްކަތްތަކެއް ކޮށްލުމަށްޓަކައި ބައްސާމު ރަށަށް އައިސްހުރި ދުވަސްވަރެކެވެ. ލަހްފާއާއެކު ފިހާރާގައި މަސައްކަތްކުރާ އަނެއްމުއައްޒަފު ކުއްލިއަކަށް މާލެދާން ޖެހުމާގުޅިގެން އޭނާ މާލެ ހިނގައްޖެއެވެ. އޭނާ މާލެދިއުމުން ބައެއްރޭރޭ ލަހްފާ ވެސް ފިހާރައަށް ނުކުންނަން ޖެހިއްޖެއެވެ.

ރޭގަނޑުގަޑީގައި ލަހްފާ ފިހާރައަށްދާން ޖެހުނު ދުވަސްވަރާއި ބައްސާމު ރަށަށްއައި ދުވަސްވަރު ދިމާވުމުން ލަހްފާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ރޭގަނޑުގަޑީ އޭނާ ފިހާރައަށްދިޔަ ނަމަވެސް ބައްސާމު ގޭގައި އުޅޭނެތީ ޝާނާއާމެދު ވިސްނާކަށް އޭނާއަކަށް ނުޖެހޭނެއެވެ.

ރޭގަނޑުގެ ޑިއުޓީއަށް ލަހްފާ ދަނީ ޝާނާގެ ފިލާވަޅުގެ ކަންތައް ނިންމައި ރޭގަނޑަށް ކާންދީ ނިދަން ބާއްވާފައެވެ. އާންމުކޮށް އައްގަޑިބައި ނުވައެއް ޖަހާއިރު ޝާނާ ނިދައެވެ.

ރޭގަނޑު ދިހަގަޑި ފަނަރަ ހާއިރެވެ. ފިހާރައިގެ ޑިއުޓީ ނިންމާލުމަށްފަހު ލަހްފާ ގެއަށް އައިއިރު ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެހެންރޭތައް ފަދައިން ޝާނާ އޮންނާނީ ނިދާފައިކަމާއި ބައްސާމު ވާނީ ބޭރުގައިކަން ލަހްފާއަށް ޔަގީންވިއެވެ.

ކޮޓަރީގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ފެނުނު މަންޒަރުން ލަހްފާ ދިޔައީ ސިއްސައިގެންނެވެ. ބެޑްޝީޓަކުން މުޅިހަށިގަނޑު ނިވާކޮށް ދެލޯބޮޑުކޮށްގެން ދޮރާއި ދިމާއަށް ބަލަހައްޓައިގެން ޝާނާ އޮތެވެ.

" ދޫނީ ! ކީއްވެ ނުނިދާ ތިޔައޮތީ ؟ " ހައިރާންކަމާއި ނުތަނަވަސްކަމާއެކު ޝާނާއާ ދިމާއަށް އަންނަމުން ލަހްފާ އަހާލިއެވެ.

" ކަމެއް ނުވޭ. ހަމަ ނުނިދިފަ އޮތީ ...... މިރޭ އަޅުގަނޑު ނިދާނީ މަންމައާއެކު މަންމަ އެނދު. އޯކޭތަ ؟ " އެނދުން ތެދުވަމުން ޝާނާ ވާހަކަ ދެއްކިއެވެ.

" އެހެންތަ ؟ އަވަހަށް ހިނގާ. " ޝާނާގެ ބޮލުގައި ފިރުމާލަމުން ލަހްފާ ވާހަކަދެއްކިއެވެ.

ހެނދުނު ހައެއްޖަހާކަން ހާއިރެވެ. ލަހްފާ އޭނާގެ އާދައިގެމަތިން ތެދުވެ ފާހާނާއަށްވަދެ ތާހިރުވެލައިގެންނުކުމެ ޝާނާއަށް ގޮވިއެވެ. ޝާނާ ހޭލުމުން މަދަރުސާއަށް ދާން ތައްޔާރުވާން ބުނެފައި ލަހްފާ ދިޔައީ ބަދިގެއަށެވެ. ޝާނާ މަދަރުސާއަށްދާން ތައްޔާރުވެގެން އަންނައިރު ސައިތައްޔާރުކޮށް ނިންމާފައި ބެހެއްޓުމަކީ ލަހްފާ އެންމެބޮޑު އިސްކަމެއްދޭ ކަންތަކެވެ.

ބަލިވެއުޅޭތީ ޝާނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ލަހްފާ ދިޔައީ ދިހައެއްޖަހާކަން ހާއިރުއެވެ. ބަނޑުގަ އާއި ބޮލުގައި ރިއްސާކަމަށް ބުނެ ޝާނާ މަދަރުސާއަށް ނުދާތާ މިހާރު ދެދުވަހެއް ވެއްޖެއެވެ.

" އަހަރެން ބޭނުން ލަހްފާއާ ވާހަކައެއް ދައްކާލަން. ދަރިފުޅަށް ގެއަށް ލާފައި އަންނަންވީނު. " ޝާނާ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާކަމެއް ނިންމާލުމަށްފަހު، ގެއަށް ދާން އުޅެނިކޮށް ޑޮކްޓަރ ޒުމްރާ އައިސް ލަހްފާއާ ބައްދަލުކުރިއެވެ.

ގެއަށް ގޮސްފައި އަންނަން އުނދަގޫވާނެތީ ޝާނާ އެތަނުގައި މަޑުކުރުވުމަށްފަހު، ޑޮކްޓަރާއިއެކު ޑޮކްޓަރުގެ ކޮޓަރިއަށް ލަހްފާ ދިޔައެވެ.

ޝާނާގެ ބައްޔާއިބެހޭގޮތުން ޒުމްރާ އާއި ލަހްފާ ވާހަކަ ދައްކަމުން ދިޔައެވެ.

" އެއްފަހަރު ވެސް އަހަރެން ނުބުނާނަން ޝާނާއަށް އެހުރީ ޖިންސީގޯނާއެއް ކުރިމަތިވެފައެކޭ. އެކަމަކު ލަހްފާ ތިޔަބުނާގޮތަށް އަމިއްލައަށް ޖިންސީގުނަވަންތަކާއި ކުޅުމާއި، އެކަހެރިވުމާއި ކުއްލިކުއްލިއަށް ރުޅިއައިސް އަމިއްލަނަފްސަށް ދެރަކޮށް ހިތުމާއި އަބަދުހެން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސާތީ އުޅުމާއި ބަލިކަމަށްބުނެ ސަކުވާކުރުމާއި، ދެރަވެފައި ނުވަތަ ހާސްވެ ކަންބޮޑުވެފައި ހުރުންފަދަ ކަންކަމަކީ ޖިންސީގޯނާގެ އަލާމަތްތަކޭ އަހަރެން މިބުނަނީ. އެހެން .... " ޒުމްރާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލަން ޖެހުނީ ކުއްލިއަކަށް ލަހްފާ ވާހަކަ ދައްކަން ފެށުމުންނެވެ.

" ކަލޭ ދައްކާ ވާހަކަ ދޯ ؟ ކީކޭ ކިޔަން ތިޔައުޅެނީ. ؟ " ޒުމްރާގެ ވާހަކަތައް މެދުކަނޑާލަމުން ރުޅިވެރިކަމާއެކު ލަހްފާ ބުންޏެވެ.

" ލަހްފާ! ހަމަޖެހިބަލަ. އަހަރެން މިބުނަނީ މިފަދަ ޢަލާމާތްތައް އާންމުކޮށް ފެންނަނީ އެފަދަ ކަންތައްތަކާއިގުޅިގެންނޭ. އެކަމަކު .... މިފަދަ ޢަލާމާތެއް ފެންނަ ކޮންމެފަހަރަކީ އެހެން ކަންތައް ދިމާވެފައިވާ ކަމުގެ ހެއްކެއް ވެސް ނޫން. " ލަހްފާ ހަމައަކަށް އަޅުވަން ޒުމްރާ ކުރިމަސައްކަތުން ލަހްފާ ހަމައަކަށްއެޅި ޒުމްރާގެ ވާހަކަތައް އަޑުއެހިއެވެ. ޒުމްރާގެ ވާހަކަތައް ބިނާވެފައިވަނީ އޭނާއަށް ވަމުންދާ ހީއެއްގެ މައްޗަށްކަމަށްވާތީ ލަފްހާ އެވާހަކަތަކާމެދަކު ނުވިސްނައެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުންދިޔައިރު ޝާނާއަށް އަންނަމުންދިޔަ ބަދަލުތައް މުދައްރިސުންނަށް ފާހަގަކުރެވި އެކަމާމެދު މަޝްވަރާކުރަން ފަށައިފިއެވެ. އެކަމާ ބެހޭގޮތުން ލަހްފާއާ ބައްދަލުކުރީ މަދަރުސާގެ ހެލްތުއެސިސްޓެންޓް ޒައިނާ ރަފީއުއެވެ.

" އަމިއްލަނަފްސަށް ދެރަކޮށް ހިތުމާއި، ކުއްޖާގެ އުޅުމުން ޖިންސީހަރަކާތްތައް ފެނުމާއި، ބަލިކަމުގެ ސަކުވާކުރުމާއި، އުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ލިބިފައިހުރުމާއި، ވަކިގޮތަކަށް ތިބޭ މީހުންނާއި ވާހަކަ ނުދެއްކުމާއި އެމީހުންނާއި އެކަހެރިވުމާއި، އަހުލާޤީ މައްސަލަތައް ދިމާވުން ފަދަ ކަންތައްތައް އެއީ ކުއްޖާއަށް ޖިންސީގޯނާ ލިބެމުންދާއިރު އާންމުކޮށް ފެންނަކަންކަމޭ އަހަރެން މިބުނަނީ. މިކަހަލަ އެތައްކަމެއް ޝާނާގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާތީ އަހަރެން މިވާހަކަ މިދައްކަނީ. ލަހްފާ އަމިއްލައަށް ........ " ޒައިނާ ރަފީއު ދައްކަމުންދާ ވާހަކަތައް އަޑުއަހާކަށް އެކަމަށް ސަމާލުކަން ދޭކަށް ލަހްފާ ބޭނުމެއް ނުވިއެވެ. ޒުމްރާ އާއި ޒައިނާގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް އެއީ އެމީހުންނަށް ހީވާ ހީވުމެއްކަން ލަފްހާއަށް ޔަގީންވެއެވެ. އެމީހުންގެ ހީއަށްވުރެ ލަހްފާގެ ޔަގީންކަން ބޮޑެވެ.

" ކަލެޔާ ބައްދަލުކުރަން ބުނީމަ ވެސް މަގޭ ހިތަށް އެރިޔާ ކޮންމެވެސް މޮޅުވާހަކައެއް ދައްކާށޭ ތިޔައުޅެނީ. މަށާ މަގޭ ދަރި ރަނގަޅަށް އުޅެންޏާއި އޭނާއަށް ބޮޑު ކާމިޔާބެއް ލިބެންޏާއި ކަލޭ ވަރަށް ކަންބޮޑުވާނެ. ބަލަ މަގޭ ސަބަބަކުން ނޫނޭ ކަލެއަށް މަޒާއިލް ނުލިބުނީ. ޒާތީ ވިޔަސް ތިދެން ބޮޑުވަރެއްނު. " ހިތްހަމަ ނުޖެހުމާއެކު ޒައިނާއާ ދިމާއަށް އެއްޗެތި ކިޔަމުން ކިޔަމުން ލަހްފާ ނުކުމެގެން ދިޔައީއެވެ. ލަހްފާއަށް ގަބޫލުކުރެވުނު ގޮތުގައި ޒައިނާ ރަފީއުގެ ވާހަކަތަކަކީ އޭނާއާ އޭނާގެ ދަރިފުޅަށް ހަސަދަލައިގެން ދެއްކި ވާހަކަތަކެކެވެ.

ހެނދުނު ހަގަޑި ތިރީސްކަން ހާއިރެވެ. ބަދިގެތެރޭގައި ހުރި ލަހްފާ ސިއްސައިގެން ދިޔައީ ފާހާނާއަށްވަތް ޝާނާ ރޮއިގަތްއަޑަށެވެ. ކުރަންހުރި މަސައްކަތްތައް ދޫކޮށްލާފައި ލަހްފާ އައީ ދުވެފައި ކަހަލަގޮތަކަށެވެ.

" މަންމާ! ތަދުވަނީ ... ލޭ ވެސް އާދޭ .... ބޭބެ ބެހުނީ މިތަނާ. " ސޯޓްމަތިން ހިފަހައްޓާލައިގެންހުރެ ޝާނާ ބުނެލި ޖުމްލައިން ލަހްފާ ދިޔައީ ސިއްސައިގެންނެވެ. ގަބޫލުކުރާން ދަތި ކަހަލަ ގޮތަކަށް ނޫނެކޭ ބުނަމުން ދެއަތަކަށް ބޯހޫރާލެވުނެވެ. އެއްވެސް އިހްތިޔަރަކާ ނުލައި ދެފައިމައްޗަށް ތިރިވެވުނުއިރު ދެލޮލުން ކަރުނަ ފާއްދާ ލައިފިއެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުއްޓުންއަރާފައި އިން ލަހްފާއަށް ހޭވެރިކަންވީ ޝާނާ ގޮވާލުމުންނެވެ. ޝާނާ ގޮވާލުމާއެކު ލަހްފާ އަވަސް އަވަހަށް ތެދުވެގެން ގޮސް ޝާނާގެގައިގަ ބައްދާލަމުން ވާހަކަދައްކާން ފެށިއެވެ. ހިތާމަ އާއި ހިތްދަތިކަމާއެކު އެއްފަހަރާ އެތައް ސުވާލެއް ކުރަމުން ވެސް ދިޔައެވެ.

ލަހްފާގެ ސުވާލަށް ޖަވާބުދެމުން ޝާނާ ބުނީ މަންމަ ފިހާރައަށްދާ ކޮންމެރެއަކު ބޮއްތަބެ އަންނަކަމަށާއި އެތައްބައިވަރު ހަދިޔާއާއި ޗޮކްލެޓް ވެސް ދޭކަމަށެވެ. ބޮއްތަބެ އޭނާއަށް ހަދާގޮތާއި އޭނާލައްވާ ކުރުވާކަންތަކުގެ ވާހަކަ ވެސް ކިޔައިދިނެވެ. އޭރު ޝާނާގެ މޫނުމަތިން ތަފާތު އެއްވެސްކަމެއް ފާހަގައެއް ނުކުރެވެއެވެ. ހަމައެހެންމެ އެތައް ފަހަރަކު އެތައް ގޮތަކަށް އޭނާ ބޭނުންކޮށްގެން ބައްސާމު ކޮށްފައިވާ އެކަންތައްތައް ކިޔައިދެމުން ދިޔައިރު އެއީ ކިހާވަރެއް ކަމެއްކަން ޝާނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

އެކަންކަމާއިގުޅިގެން ޝާނާއަށް އެއްވެސް ހިލަމެއް ނުވިނަމަވެސް އޭނާ އެވާހަކަތައް ކިޔައިދެމުން ދިޔައިރު ލަހްފާ ރޮމުންދާތީ ޝާނާ ކަންބޮޑުވިކަން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ޔަގީންވިއެވެ. އެތައްފަހަރަކު އެކަމާބެހޭގޮތުން ލަހްފާއާ ސުވާލު ކުރިއެވެ.

އެހެނަސް ޝާނާގެ އެސުވާލުތަކަށް ޖަވާބުދޭހާ ހިތްވަރެއް ލަހްފާއަކަށް ނުލިބުނެވެ. ރޯލަ ރޯލާ އިނުން ފިޔަވާ އެހެންކަމެއް ކުރާނެހާ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބުނެވެ. އެކަމުގެ ސަބަބުން ޝާނާއަށް ވެސް ރޮވޭން ފަށައިފިއެވެ.

ޝާނާ ކޮޓަރީގެ ފާހާނާގެ ދޮރުކައިރީގައި ރޯންތިބި ލަހްފާ އާއި ޝާނާ ސިއްސައިގެން ދިޔައީ ކޮންމެސް މީހަކު އައިސް އެކޮޓަރިއަށް ވަތް އަޑަށެވެ. ސިއްސައިގެން ގޮސްފައި ލަހްފާ އާއި ޝާނާއަށް ބަލައިލެވުނީ ކޮޓަރީގެދޮރާއި ދިމާއަށެވެ.

ރުޅިއާއި ނަފްރަތާއެކު އެދެމައިންނާއި ދިމާއަށް ބަލަހައްޓައިގެންހުރި ބައްސާމު ފެނުމާއިއެކު ލަހްފާ ބިރުން ތުރުތުރު އަޅައިގެން ދިޔައެވެ. އެއްވެސް އިހްތިޔާރަކާނުލައި ކުރިޔަށްވުރެ ބާރަށް ޝާނާގެގައިގަ ބައްދާލެވުނެވެ. ދުވަހަކުވެސް އޭނާއާ ވަކިން ޝާނާ ހުންނާން ބޭނުންނުވާ ކަހަލައެވެ.

" ކީކޭ ހިތަށްއަރައިގެން ކީކޭ ކިޔަން ތިޔައުޅެނީ. އަނގަ މަޑުންލައިގެން މަޑުން ހުންނާން ހަނދާންކުރާތި. އެހެންނޫނީ އަހަރެންނަކީ ނުބައިމީހެއްކަން ދައްކާލާނަން. " އައިގޮތަށް އައިސް ލަހްފާގެ އިސްތަށިގަނޑުގައި ހިފާ ލައްކެއް ޖަހަމުން ހަރުކަށިކަމާއިއެކު ބައސާމު ބުންޏެވެ. އަދި އެދެމައިންނަށްޓަކާ އޭނާ ކުރަމުންދާ ހަރަދާއި އުފުލަމުންދާ ބުރައިގެ ވާހަކަ ބުންޏެވެ.

ބައްސާމުގެ އެހަރުކަށި ބަސްތަކުގެ ސަބަބުން އަބަދުގެ އަބަދަށް ލަހްފާގެ އަނގަ ބެދުނު ކަހަލައެވެ. އަމިއްލަ ދަރިފުޅުގެ ދިފާޢުގައި ނުކުންނާން ވިސްނާއިރު އަމިއްލަ ދިފާއުއަށް ވެސް ވިސްނާން ޖެހިއްޖެއެވެ. ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނު ޖެހިފައިވާ ފަދައަކުން ހުރި ލަހްފާ އޭރުހުރީ ބިރުން ސިހިސިހި ކަހަލަގޮތަކަށެވެ. ލަހްފާއަށް ވިސްނުނުގޮތުގައި މިއަދަކު އޭނާއަކަށް އެނޫންގޮތެއް ނެތެވެ. ބައްސާމު ބުނިފަދައިން ލަހްފާގެ ކައިވެންޏަށްފަހު އޭނާއަށް ލިބުނު ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް ލިބެމުންދިޔައީ ބައްސާމުގެ ފަރާތުން ނެވެ. އޭނާގެ އެހީތެރިކަމެއް އެއްބާރުލުމެއް ނުލިބުނުނަމަ މިއަދު އޭނާ އުޅެންޖެހޭނެ ހާލެއްވެސް ނޭނގެއެވެ.

ބައްސާމު ކުރިމަޖްބޫރުގެ ސަބަބުން ލަހްފާގެ އަނގަބެދި، ދުނިޔޭގެ ލަދާއި މަލާމާތުން ބައްސާމު ސަލާމަތްވެ ޝާނާގެ ކުރިމަގު ބަނަވެގެން ދިޔައިރު، އެއިން އެއްވެސްކަމެއްގެ ހިލަމެއް އެހެން އެއްވެސް މީހަކަށް ނުވާކަހަލައެވެ.

ބައްސާމުގެ އިންޒާރުތަކުގެ ސަބަބުން ލަހްފާގެ އަނގަ އަބަދުގެ އަބަދަށް ބައްދާލި ނަމަވެސް ކަންތައްވެގެން ދިޔައީ ލަހްފާ އާއި ބައްސާމު ހީކުރިގޮތަކަށް ނޫނެވެ.

އަމިއްލަފަރާތަކުން ފޮލިހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ޕޮލިހުންގެ ބެލުމުގެ ދަށަށް ބައްސާމު ގެނައެވެ.

ޖެންޑަރ މިނިސްޓްރީގެ، ކަމަށް ޤާބިލް މުއައްޒަފުން އެބައިމީހުންނަށް ލިބިފައިވާ ތަމްރީނާއި ހުނަރު ބޭނުންކޮށް ޝާނާގެ ފަރާތުން ހޯދަން ބޭނުންވި ހުރިހާ މަޢުލޫމާތެއް ހޯދައި ޝާނާއާ ބެހޭގޮތުން އިވުނު ވާހަކަތައް ޔަގީންކުރިއެވެ.

ފުލުހުން އެދުނު އެދުމާއި އެއްގޮތަށް އެހުރިހާ ވާހަކައެއް ލަހްފާ ކިޔައިދީ ނިމުނުއިރު އޭނާ އިނީ ރޮއިރޮއި ވަރުބަލި ވެފައެވެ. އެހެނަސް އެބޭކަލުން ދެމުންދިޔަ ހިތްވަރާއި ނަސޭހަތަށް ބަލައި ކިޔަމަންތެރިކަމާއެކު އެވާހަކަތައް ކިޔައިދެވުނީތީ އަދި އޭނާއަށް އެހިތްވަރު ލިބުނީތީ އުފާ ވެސް ކުރެވުނެވެ.

ބައްސާމުއާ ބެހޭގޮތުން ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ހޯދި ހޯދުންތަކާއި ލަހްފާގެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ބައްސާމަށް ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. އެކަމާއި ދެކޮޅަށް ބައްސާމަށް އެއްވެސް ވާހަކައެއް ނުދެއްކޭވަރަށް ފުލުހުން އެކަން ސާފުކުރިއެވެ. އެހެނަސް ބައްސާމު އެނާގެކުށަށް އިއުތިރާފްވީ އޭނާއަށް ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނެތްވަރަށް މަގުތައް ބަންދުވުމުންކަން ޔަގީނެވެ.

ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައިހުރެ އެކުއްޖާއަށް ޖިންސީގޯނާކުރިކަން ސާބިތުބެ ސަތާރައަހަރަށް ބައްސާމު ޖަލަށް ލިއެވެ.

ޚިލާޔީދުނިޔެއަކަށް ގެއްލިފައިއިން ލަހްފާ ސިއްސައިގެންދިޔައީ ޕޮލިހުންގެތެރެއިން ބޭކަލަކު އެބޭކަލުންނާއެކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ބުނުމުންނެވެ.

ވިސްނަންވީވަރަށް ނުވިސްނުމުންނާއި ސަމާލުކަންދޭވީވަރަށް ކަންކަމަށް ސަމާލުކަން ނުދެވުމުގެ ގެއްލުން ލަހްފާއަށް ކުރިމަތިވެ އެއްއަހަރާއި ތިންމަހަށް ޖަލަށް ލިއެވެ.

ނިމުނީ

comment ކޮމެންޓް