"އަދި ބުނަން ސާރާ، ސާރާގެ އެބަހުރިއެއްނު ދަރިއެއް. އެކުއްޖާ އައްމާރުގެ ދަރިއަކަށް ހަދަން ނޫޅެއްޗޭ. ސާރާގެ ހަގީގަތް އަހަރެމެންނަށް މާރަގަޅަށް އެނގިފައިވޭ، ސާރާ ޖިދާންއާއި އޮތް ގުޅުން ފޮރުވަންވެގެން އެއީ އައްމާރުގެ ދަރިއެއްގެ ގޮތުގައި ދުނިޔެއަށް ގެނެސް ނަސްލު އޮޅުވުމުން އަހަންނެކޭ އެއްފަދައިން ސާރާވެސް ތިއޮތީ ތިމާގެ އަބުރާއި އިއްޒަމް ސަލާމަތްކުރަން ބޮޑު ފާފައެއްކޮށްފައެއްނު. އަހަރެންގެ އައްމާރުއަށް އެހާ ބޮޑު ލަނޑެއް ދީގެން ނުވާނެ. ސާރާޖެހޭނީ ސެޓްފިކެޓުން ދަރިފުޅުގެ ބައްޕަގެ ނަން ކަނޑާލަން، އަހަރެން އެކަމަށް މަޖުބޫރުކުރާނަން...." ޝުވޭކާރު އޭނަގެ ހަރުކަށި މިޒާޖު ހާމަކުރަމުން ދިޔަވަރަކަށް ސާރާގެ ރުޅިގަދަވިއެވެ.
"ޑޮކްޓަރ ޝުވޭކާރު، އަޅުގަނޑު ވާހަކައެއް ބުނެފާނަން....." ސާރާގެ މޫނު ރަތްވެގެން ދިޔައީ ރުޅީގެ ސަބަބުންނެވެ. އެފަދަ އިލްޒާމެއް ބޮލުގައި އެޅުވުމުން އޭނަ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ.
"އެކުއްޖާގެ ބައްޕައަކީ އައްމާރު، އެކަކު ގަބޫލުނުކުރިޔަސް ހެއްދެވިފަރާތް ދެނެވޮޑިގެންވޭ. ޚަލީސީގެ ބައްޕައަކަށް ވެވޭނެ ދެވަނަ މީހެއް މި ދުނިޔެއަކުނެތް، ސެޓްފިކެޓުން އެނަން ކެނޑޭނެ ގޮތެއްވެސް ނެތް. ތިބޭފުޅާގެ ހިތްހަމަޖައްސާލާށޭ ކިޔާފައި ހަގީގަތް އޮޅުވައެއް ނުލެވޭނެ. ދަރިފުޅުގެ ނަސްލު އޮޅުވާލައިގެން އެކުއްޖާއަށް ތިބުނާފަދަ އެއްވެސް ދެރައެއްލިބި ހިތާމައެއް މުސްތަގުބަލުގައި ލިބޭކަށް ބޭނުމެއްނޫން......." ސާރާ ދާންވެގެން އެނބުރުނެވެ.
ސާރާގެ ޖެހިލުންކުޑަކަމާއި ކެރޭވަރު ފެނިފައި އަދި އެހާ ޔަގީންކަމާއިއެކު ވާހަކަދެއްކިގޮތުން ޝުވޭކާރުގެ ދޫ ބަންދުވިއެވެ. ލިބުނު ހައިރާންކަމާއިއެކުގައި އަނގައިން ނުބުނެވިފައި އިންދާ ސާރާ އަދި ދާން ހިނގައިގަތީ އައްމާރު އޮތް ކޮޓަރިއާއި ދިމާލަށެވެ. ސާރާގެ އެލަދުކުޑަކަން އަނދައަނދާހުރި އަލިފާނަށް ދަރުއެޅުމެކޭ އެއްވަރުވިއެވެ. ސާރާ އެކޮޓަރިއަށް ވަނުން މަނާކުރަން އޭނަގެ ޟަމީރު ގޮވައިލިއެވެ.
ސާރާ އެކޮޓަރިއަށް ވަންއިރު ކިޔަން ހުރީ އެނދުގެ މަގަތުގައި އައްމާރުއާއި ވާހަކަދައްކާށެވެ.
"ސާރާ އައިކަން ރަގަޅު، އިމީ ބޭނުމޯ ސާރާއާއި ވާހަކަދައްކާލަން. ޕްރައިވެޓްކޮށް......" ކިޔަން ފަހު ޖުމްލަ ބުނެލީ މާނަވީ ހިނިތުންވުމަކާއިއެކުގައެވެ. އައްމާރުގެ ހާލު ހުރިގޮތުން ކިރިޔާ ވާހަކަ ދައްކައިލެވޭވަރުވަނީއެވެ. އެވެސް ހުއްޓަހުއްޓާފައެވެ. ހަށިގަނޑުގެ އެތަންމިތާގައި ހުރި ޒަޚަމްތަކުގައި ވޭންއަޅާނެވަރު ހިތަށް ގެނެވިފައި ސާރާގެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. ސާރާ ކައިރިއަށް ޖެހިލާފައި އައްމާރުގެ އަތްތިލައިގާ ހިފުމާއެކު ދެއަތުގެ އިނގިލިތައް ލާމެހިގެން ދިޔައީ ދެމީހުންވެސް އެކަމަށް އެދި އެދި ތިބިވަރުންނެވެ.
"ވަރަށް ތަދުވޭތަ؟ "ސާރާއަށް އަހައިލެވުނެވެ.
"ނުވޭ......." އައްމާރު ބަލަން އޮތްގޮތުން ސާރާ ލަދުގަންނަގޮތްވިއެވެ. އެހާ ބަލިހާލުގައި އޮތްއިރުވެސް ލޮލުގައި އެހެރަ އަސަރަކުން އަންހެންކުދިންގެ ހިތްތަކަށް ސިހުރު ހަދާލާނެއެވެ.
"ދެން ކުރަންވެސް ވާކަހަލަ ސުވާލެއްނޫން ދޯ، ޕެއިންކިލަރ އެއްޗެހިދީފައެއްނު އޮންނާނީ، އެކަމަކުވެސް އެނގޭ އަޅާނެ ވޭނާއި އުދަގޫވާނެވަރު......." އައްމާރުގެ ބަދަލުގައި އޭނަ މިއެނދުގައި އޮތުން މާ ހިތްއެދެއެވެ. ފުރާނައަށްވުރެ ލޯބިވާ މީހަކު މި ހާލުގައި އޮތްތަން ފެނުމުން ހިތަށް ކެތްކުރެވުނީއެނޫނެވެ.
"ކޮބާ ޚަލީސީ؟ " ކުއްލިއަކަށް އައްމާރު އަހައިލިއެވެ.
"ކިޔަން ބުނި ޕްރައިވެޓް ވާހަކައަކީ އެއީތަ؟ "ސާރާވެސް ސުވާލެއްކޮށްލިއިރު އޭނަގެ އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ޝުވޭކާރުމެންގެ ވިސްނުން ހުރިގޮތް އެނގިފައި އޭނަ މިހިރީ ވަރަށް ހިތުގައި ޖެހިފައެވެ. ޝުވޭކާރަކީ އައްމާރުގެ މަންމަކަން އެނގުމަށްފަހު އޭނަ މި ލޯބިވާ އިންސާނާއަކީ ކިހާވަރެއްގެ އާއިލާއަކުން އައިސްފައި ހުރި ޒުވާނެއްކަމާއި އެމީހުން ސާރާ ބަލައިގަންނަން ތައްޔާރުނޫންކަން އޭނައަށްވަނީ އެނގިފައެވެ. އެހެންނޫނަސް އައްމާރު ބަލި އެނދުގައި އޮތްވާ ޚަލީސީ ގެނެސް ބައްދަލުކުރުވާކަށް އޭނަ ތައްޔާރެއްނޫނެވެ. އެ ބައްދަލުވުން ހިތުން ނުފިލާކަހަލަ ހަނދާނަކަށް ހަދަން ސާރާ ބޭނުމެވެ.
"އާނ......ސާރާ އެވާހަކަ ބުނީއްސުރެ އެކަމާއި ވިސްނެނީ. އަދި މާމަ. މާމަގެ ހާލު ރަގަޅުތަ؟ " އައްމާރު ސާރާގެ އަތަށް ބާރުކޮށްލިއެވެ.
"އިމީ ނުވިސްނާ، އިމީ މިތަނުން ފޮނުވާލީމަ މާމައާއި ބައްދަލުވާނެ. އިމީ ހަވާލުކުރި އަމާނަތަކަށްވީމަ ވީހާވެސް ރަގަޅަށް މާމަ ގެންގުޅުނީ، ވަރަށް ކެއަރކުރިން. އަދި ފްލަފީވެސް. އިމީއަށް އެނގޭތަ؟ ފްލަފީއަށް ބޭބީސްއިން ލިބުނުކަން؟ "ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ހިނިތުންވެލާފައި ސާރާ އެ ޚަބަރު ދިނުމުން އައްމާރު ހީލިއެވެ. ސާރާ ކިތަންމެ ދުރުގައިވިޔަސް އޭނަދެކެ ލޯބިވާކަން އެވާހަކަތަކުން ހާމަކޮށްދިނެވެ.
"އަދިވެސް ނުބުނަމެއްނު ޚަލީސީއަކީ ކާކުކަން؟ " އައްމާރު ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
"އެ ވާހަކައެއް ނޫނޭ އިމީ. ޖިދާންއާއި އަހަރެންގެ ގުޅުމެއް އޮތްކަމަށް ކިޔައިގެން ވާހަކަދައްކާތީ އެ ރޫމާސްތައް އިމީގެ ކަންފަތަށް ފޯރާފައިވާނެހެން ހީވެއްޖެ. އިމީ، ޓްރަސްޓްމީ، އުމުރުދުވަހުވެސް ރުހުމުގެ ނަޒަރުން ބަލައިލިމީހެއްވެސް ނޫނޭ އެއީ، ސަނާގެ ގާތިލަށް ހިތުން މަގާމެއް ދިނުމަކީ އެއީ ކޮންކަހަލަ ކަމެއް؟ ކޮއްކޮގެ ފުރާނައަށްވެސް ދެވޭ އިހާނެތިކަމެއް ކަމަށް އަހަރެންދެކެނީ. އެކަމަކު ހީވާގޮތުން ޖިދާންވަނީ ނޭގުމުގެ ތެރޭގައި އަހަރެންގެ ވީޑިއޯ ނަގާފައި........" ސާރާ އެރޭގެ ހާދިސާ ކިޔައިދިނުމުން އައްމާރުގެ ހަނދާނަށް އައީ ޖިދާންގެ ލެޕްގައި ހުރި ތަކެއްޗެވެ. ފޮޓޯތަކާއި ވީޑިއޯތައް އެޑިޓްކުރުމަކީ މިޒަމާނުގައި މާ އުދަގޫކަމެއްނޫނެވެ. އެދުވަހު ޖިދާން އެވާހަކަ ބުނުމުންވެސް އޭނަ ގަބޫލެއްނުކުރީ ޝައްކުވެގެންނެވެ. ސާރާގެ މައުސޫމްކަމާއި ތެދުވެރިކަމަކީ އަމިއްލަ އަތުން ހިފާ ތަޖުރިބާކޮށްފައިވާ ކަމަކަށް ވާތީއެވެ.
"އައިމް ސޮރީ އިމީ........." ސާރާ މާފަށް އެދުނެވެ.
ޚަރީފުމޫސުމްގެ އެތައްކުލަތަކުން އިންގްލޭންޑްގެ ރީތިކަމާއި ހިތްގައިމުކަން އިތުރުވެފައިވާ ދުވަސްވަރެކެވެ. ކާއިއާ ހިނގާލަންގޮސްފައި ގެއަށް އައިއިރު އޭނަހުރީ ރަތާއި ކަޅުކުލައިގެ ހުރަސްރޮގުދެމި ޓީޝާޓަކާއި ސްކިނީއަކާއިއެކު ފިނިން ސަލާމަތްވާން ކަރުގައި ސްކާފެއް އޮޅާލައިގެންނެވެ. މަގުގައި ހެދިފައިވާ ގަސްތަކުގެ ފަތްތައް ފައިބަމުންގޮސް އޮރެންޖާއި ރީދޫ އަދި ރަތުގެ ފަތްތަކުން ބިމުގައި ދޫލައެޅިފައިވާއިރު ފަތްތައް މަތިން ހިނގުމަކީ އޭނަ އިންތިހާއަށް ލޯބިކުރާކަމެކެވެ. ލައިގެން ހުރި ކޯޓުގެ ޖީބަށް ފިނިވެފައިވާ އަތްތިލަ ޖަހާލައިގެން އައިއިރު ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައި ހުރިހެން ހީވެއެވެ. ތިރި ގޭޓް ހުޅުވާލާފައި ގެއަށް ވަންއިރު އޭނަގެ ބައްޕަ ފައިސަލް ހުންނެވީ ސިޓިންރޫމްގައި ފޯނެއްގައެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ ސަބަބުން ކާއިއާއަށް ކޮންމެވެސް ބޮޑުކަމެއް ވެގެން އުޅޭކަން ރޭކާލައިފިއެވެ.
"ވަޓް ހެޕެންޑް ބައްޕާ....." ކާއިއާ ކޯޓް ބޭލުމަށްފަހު ކޮނޑުގައި އަޅުވާލައިފިއެވެ.
"އިމީ އެކްސިޑެންޓެއް ވެގެންނޯ އުޅެނީ، އައިސީޔޫގައި......" ފައިސަލް ސޯފާއަށް ތިރިވަމުން ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ސިކުންތުކޮޅެއްފަހުން ހިތާއި ސިކުނޑި ހަމަޔަކަށް އަޅުވާފައި ފައިސަލް ސަމާލުކަން ދިނީ ކާއިއާއަށެވެ. އެޚަބަރު އިވުމުން ކާއިއާއަށް ކޮށްފާނެ އަސަރަކާއިމެދު ވިސްނުނީއެވެ.
ކާއިއާގެ ދެލޯ ބޮޑުވެގެން ދިޔުމާއިއެކު މޫނަށް އަނދިރިވާކަހަލަ ގޮތެއްވިއެވެ. އައްމާރުއާއިބެހޭ ގޮތުން އެފަދަ ޚަބަރެއް އަހަން އޭނަ ހުރީ ތައްޔާރަކަށްނޫނެވެ. ގަނޑުވެފައިވާ ބުދެއްހެން ބަހެއް ނުބުނެވިފައި ހުރި ދަރިފުޅަށް ކޮށްފައިވާ އަސަރު އެމޫނުން ފެންނަން ހުއްޓެވެ. ފައިސަލް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އިންގްލޭންޑަށް އައުމަށްފަހު އޭނަވަނީ ނަފްސާނީ ޑޮކްޓަރަކު ލައްވާ ކާއިއާއަށް ބޭސްކުރުވަން ފަށާފައެވެ. އޭނަގެ ހާލަތު މުޅިން ހަމަޔަކަށް އެޅިފައިހުއްޓާ މާޒީ ހަނދާންކޮށްދީގެން މިކުރެވުނީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ. ނަމަވެސް އައްމާރު އެހާ ބަލިވެ އޮތްވާ އޭނަ ދެކެން ނުގޮސްހުންނާކަށްވެސް ހިތަކަށް ކުޅަދާނައެއްނޫނެވެ. ޚާއްސަކޮށް އައްމާރުއާއި އޭނަގެ ގުޅުން ކެނޑިފައިވަނިކޮށް އައްމާރު ދުނިޔެއާއި ވަކިވެގެން ހިނގައްޖެއްޔާ އަމިއްލައަށް މާފުދެވޭނެ ހެއްޔެވެ؟ ނުދެވޭނެއެވެ.
"މަންމައަށް މިވަގުތު ބައްޕަމެންގެ ސަޕޯޓް ބޭނުންވާނެ. ވީ ނީޑް ޓު ބީ ވިދް ހާރ....." ފައިސަލް ކާއިއާގެ މޫނަށް ބަލައިލީ ޖަވާބަކަށް ބޭނުންވާ ފަދަ ގޮތަކަށެވެ. ކާއިއާ ހުރީ ހިމޭނުންނެވެ. ހިމޭންކަމަށްފަހު ތޫފާނެއްގެ އިންޒާރު ނުދީފިއްޔާ ކިތަންމެހާވެސް ރަގަޅެވެ.
"މިއީ މާޒީ ހަނދާންނައްތާލާފައި އެންމެން އެކީގައި އުޅެންވާކަހަލަ ސިޗުއޭޝަނެއް، ޕާސްޓަށް ކްލިންގް ވެގެން ތިބެގެންނެއް ފިއުޗަރއެއް ނުހޯދޭނެ ދޯ ދަރިފުޅާ، ފެމިލީ އެކީގައި ވުމުގެ ވަގުތު މިއޮތީ ޖެހިފައިކަމަށް ބައްޕަ ގަބޫލުކުރަން. ލެޓްސް ގޯ ހޯމް ދަރިފުޅާ........" ފައިސަލް ކާއިއާ ގެނެސް މޭގައި ޖައްސާލުމަށްފައި ބޮލުގައި ފިރުމާލިއެވެ.
ފައިސަލް މާލެއައުމަށްފަހު ޝުވޭކާރާއި ވާހަކަދައްކައިގެން އާއިލާ އެކީގައި ވުމުން އެންމެނަށް ބުނަން ނޭގޭފަދަ އުފަލެއް ލިބުނެވެ. އައްމާރު ހޮސްޕިޓަލުގައި އޮތަސް އޭނަގެ ހާލު މަޑުމަޑުން ރަގަޅުވަމުން އަންނަކަމީ އެއުފާވެރިކަން އިތުރުވިކަމެކެވެ. ފައިސަލް އައްމާރު ދެކެންގޮސްފާ މާފަށް އެދުނެވެ. ނިތްކުރީގައި ބޮސްދިނެވެ. ކައިރީގައި އެމަންޒަރު ދެކެން ހުރި ޝުވޭކާރުވެސް ހުރީ ޓިޝޫއިން ލޯ ފޮހެލަ ފޮހެލައެވެ. ކާއިއާ އައްމާރު ދެކެން އަންނާކަށް އެއްބަހެއްނުވިތާގައި ކޮޓަރިން ނިކުންނަ ހިތެއްވެސްނުވިއެވެ. އަނެއްކާ އޭނަ ކުރިން ހެން ވަށައިގެން ތޮށްޓެއް ލައިގެން އެކަނިވާން މަސައްކަތްކޮށްފާނެކަމުގެ ބިރު ހީވިއެވެ. ފައިސަލް އާއި ޝުވޭކާރުވެސް މަސައްކަތްކުރީ ކާއިއާއަށް އެކިގޮތްގޮތުން ވިސްނައިދިނުމަށެވެ. އެހާ ފަސޭހަކަމެއްނޫންކަން އެނގޭއިރުވެސް އެދެމަފިރިން ކުރާ މަސައްކަތް ހުއްޓައެއް ނުލިއެވެ.
އައްމާރު ގެއަށް ފޮނުވާލެވޭވަރުވުމާއިއެކު ފައިސަލް އައްމާރު ގޮވައިގެން އައީ އެމީހުން މާލޭގައި ދިރިއުޅޭ ގެއަށެވެ. އައްމާރު އެކަމާއި ހިތްހަމަނުޖެހުނަސް އެހާވަރުން އުޅޭތީ އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެގެއަށް އައުމަށްފަހުގައި ފައިސަލްގެ އާއިލާގެ މީހުންނާއި ބައްދަލުވާއިރު އެންމެން އައްމާރުދެކެ ފޫހިވެ އޭނައާއި ދޭތެރޭ ދުރުކޮށް ކަންތައްކުރާކަންވެސް އެނގުނެވެ. ސަބަބަކީ އެމީހުންނަށް އައްމާރުގެ ހަގީގަތް ފޮރުވިފައި އޮތުމެވެ.
ފައިސަލްއާއި ޝުވޭކާރުގެ ދިރިއުޅުން ކުރިން އޮތްގޮތަށް އިއާދަވީއިރު އައްމާރުއާއި ކާއިއާއާއި ދޭތެރޭގައިވާ ލަދުވެތިކަމާއި ދުރުހިލޭކަމުގެ ފާރު ހައްތަހާ ބޯވިއެވެ. ކާއިއާއަކަށް ކޮޓަރިން ނުކުމެލާކަށްވެސް ނުކެރެއެވެ. ނަފްސާނީބޭސް ކާން ފެށުމަށްފަހު އޭނަގެ ހާލު މުޅިންހެން ރަގަޅުވެފައިވާއިރު ބޭބެގެ ކުރިމައްޗަށް ނުކުތުމަކީ އޭނަ ލަދުން މަރުވާވަރުގެ ކަމަކަށްއޮތީ ވެފައެވެ. ކޮޓަރީގައި ފިލާ އިންނައިރު ކާއިއާއަށް ސިއްރުން އައްމާރުގެ ހަރަކާތްތަކަށް ފާރަލެވެއެވެ. އެގެއަށް ފުރަތަމަ އައިއިރު އައްމާރުގެ ގައިގާ ބޭސްއަޅާފައި ހުރިތަން ފެނިފަޔާއި ކިޔަންގެ އެހީގައި ހިނގާފައި އައިތަން ފެނުމުން ދެލޮލުގައި ކަރުނަ ހިނގާލައިފިއެވެ.
"ބޭބެއެއްކަން އެނގިހުރެ މިގޮތަށް ކަރުނަ އޮއްސުމަކީ ރީތިކަމެއްނޫން ކަން އެނގޭ، މި ބަސްނާހާ ހިތަށް ވިސްނާދޭނީ ކިހިނެއް؟ އެހަނދާންތައް ހިތުން ނެރެ އެއްލާލާނީ ކިހިނެއް؟ އަލުން ބޭބެއެއްގެ ގޮތުގައި ބަލައިގަންނާނެ ގޮތެއް ވެސް ނޭގޭ، އޭނަގެ ހިތުގައިވަނީ ކީކޭބާ. މަންމަމެންގެ ފާފައިގެ ސަޒާ އަހަރެމެންނަށް ލިބުނީ ކީއްވެތަ؟ އެވެސް ކޮންފަދަ ހިތްދަތިގޮތަކަށް، ދުވަހަކު އެހެން ފިރިހެނެއްދެކެ ލޯބިވެވޭނެކަމެއްވެސް ނޭގޭ، އިމީ ޔޫ އާރ މައި އެންޖެލް........."ކާއިއާ ކުޑަދޮރުކައިރީގައި ބޭރަށް ބަލަންހުރެފައި ފަރުދާއާއި ނިވާވެލިއެވެ.
ކާއިއާ ފޯނާއި ކުޅެކުޅެ އެނދުމަތީގައި އިނދެފާ ގެލެރީއިން ފޯލްޑަރެއް ހުޅުވާލިއެވެ. މުޅިންވެސް ކުރީގެ ހަނދާންތަކެވެ. އޭނައާއި އައްމާރު ނިދާކޮޓަރީގައި ނަގާފައިވާ އެތައް ސެލްފީތަކެކެވެ. ކާއިއާ ހިފަހައްޓައިގެން އިނަސް ކަރުނައިގެ މުތީތައް ނުހިފެހެއްޓިގެން އޮހިގަތެވެ. ފޯނު މޭގައި ޖައްސާލަމުން ދެލޯ މަރައިލީ ހިތަށް ކުޅަދާނަނުވެގެންނެވެ. އެތައް ދުވަހެއް ފާއިތުވެ އެހަނދާންތަކާއި ވަކިވެގެން އުޅުމަށްފަހު މާޒީ ދެވަނަފަހަރަށް އޭނަގެ އުފާވެރިކަމާއި ހަމަޖެހުން ފޭރިގެންފިއެވެ. އައްމާރުއަށްޓަކާ ހިތުގައިވި ޖަޒުބާތުތައް އަލުން ހޭލައިގެންފިއެވެ.
ޝުވޭކާރުއާއި ފައިސަލް ޓެރެސްގައި ހުރި އުނދޯއްޔެއްގައި ކޮފީ ބޯންތިބިއިރު ވަރަށް ގާތްކޮށް ވާހަކަދައްކަމުން ހެމުން ދިޔައެވެ. އެކިއެކި ވާހަކަތަކެއް ދެކެވެމުންގޮސް ސާރާގެ ދަރިފުޅުގެ ވާހަކަ ދެކެވުނެވެ. ފައިސަލް ނިންމީ ސާރާއާއި އެކުއްޖާވެސް އެމީހުންގެ ކައިރިއަށް ގެނައުމަށެވެ. ޑީއެންއޭއިން ކުއްޖާގެ ބައްޕަ ޔަގީންވާއިރު ޝައްކުތައް އުފައްދަން ޖާގައެއްނެތް ކަމުގައި ފައިސަލް ބުނެލިއެވެ.
"އެކަމަކު އެކުއްޖާގެ ގަޔަކު ނެތް މިއާއިލާގެ ސިފައެއް. ޔޫރަޕް ކުއްޖަކާއި ވައްތަރީ. ސާރާ އެއައީ އޮސްޓްރޭލިއާގައި ކިޔަވަން ހުރެފައި. ތިންކް އެބައުޓް ދިސް....މާތް އަންހެންކުދިންނަކީ އުޅޭ ބަޔެއްބާވައޭވެސް ހިތަށް އަރައިފި، އިނޮސެންޓް ސިފަތަކެއް ލިބި މާތްފާޑު ޖެހިޔަސް ކަޅުހެދުން ލިޔަސް މީހާގެ ގޮތެއް ނޭގޭނެ...." ޝުވޭކާރު ވާހަކަދެއްކިގޮތުން ސާރާދެކެ ފޫހިވާވަރު އެނގުނެވެ.
"އެހެންވެގެން ޑީއެންއޭގެ ވާހަކަ މިބުނީ، އެކަމަކު އިމީގެ ދިރިއުޅުން ފުރިހަމަވާނީ ސާރާއައުމުން. އެއްވެސް މީހަކު އެންޖެލްއަކަށް ނުވާނެ، އެހެންވެ އިންސާނުންނޭ ކިޔަނީ، އުނި ސިފަތައް ހުއްޓަސް އެކަކު އަނެކަކު ދެކެ ލޯބިވަންޏާ އެކީގައި އުޅެން މަޖުބޫރުވާނެ........."ފައިސަލް ހުރީ އައްމާރުއަށް ބައިވެރިޔަކު ހޯދަދޭން އިންތިހާއަށް ބޭނުންވެފައެވެ.
"މިއީ ހެދޭ ގޯހަކަށް ނުވާނެތަ؟ ކައި އެކަން ނަގާނީ ކިހިނެއްތަ؟ ކައިއަށް ފަސޭހައެއްނުވާނެ ސާރާއާއި އިމީ އެކީގައި އުޅޭތަން ދެކެން........" ޝުވޭކާރު ހަނދާންކޮށްލަދިނެވެ.
"ކައިއަށް ކައުންސެލިން ދިނީމަ ފަހުން ރަގަޅުވާނެ. މިހާރު ކައި އެހެރީ ވަރަށް ނޯމަލްވެފައި. ކުރީގެ ރުޅިގަދަ އަންހެންކުއްޖާއެއް ނޫން އެއީ. އިމީއާއި ކައި ހަމަޖެހިގެން ވާހަކަ ދައްކާ އެކީގައި އުޅޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ، އެދުވަސް ވަރަށް އަވަހަށް އަންނާނެ....." ފައިސަލް ޔަގީންކުރިއެވެ.
"އިރާދަކުރެއްވިއްޔާ..." ޝުވޭކާރު ހިނިތުންވެލަމުން ފައިސަލްގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ. ފައިސަލްވެސް ޝުވޭކާރު ގަޔާއިލާ ފިތާލީ އެދޭތެރެއަށް ހިޔަންޏެއްވެސް ނުވަދެވޭނެފަދައަކުންނެވެ.
ސާރާ ދަރިފުޅު ރީތިކުރީ ހަވީރު ހިނގާލަން ގެންދަންވެގެންނެވެ. ނީޒާއާއި ރައިޝާވެސް އަންނާނެ ވާހަކަ ބުނެފައިވެއެވެ. ތިން އެކުވެރިން އެގޮތަށް ހިނގާލަން ނޫނީ ރެސްޓޯރެންޓަށް ކޮފީއަށް ދިޔުމަކީ އާދައެކެވެ. ސާރާ ދަރިފުޅު އުރާލައިގެން ހުރެ ފެންޑާއަށް ނުކުތުމާއިއެކު ލިބުނު ސިހުމުގައި ފިޔަވަޅުތައް ހުއްޓުނެވެ.
(ނުނިމޭ)